ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އ.ޚ.މ
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/26
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޖިނާއީ
- ނިމުނު ތާރީޚު:
- 16/03/22
ފަނޑިޔާރުން
ޢަލީ ރަޝީދު ހުސައިން، ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
އިތުރު މީހަކާ ބައިވެރިވެގެން އިސްތިއުނާފު ރައްދުވާ ކުއްޖާ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ރަހީނުކޮށް، އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާ ތަނެއްގައި ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކޮށް މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ފޮށްޓަކަށްލައި، މޫދަށް ފައްތާލާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން އަމުރުކުރިއެވެ. މި އަމުރުގެ ދަށުން އިސްތިއުނާފު ރައްދުވާ ކުއްޖާ ބަންދުކޮށްފައި ހުރީ ކ.ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންނަށް ޚާއްސަ ޖަލުގައެވެ. މި ޖަލުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ހުއްޓައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ތަޙުޤީޤުކުރި މައްސަލައެއް ނިމުނުގޮތުގެ ރިޕޯޓުގައި މި ޖަލަކީ ކުޑަކުދިން ބަންދުކުރުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ފާހަގަކުރުމުން، ޖުވެނައިލް ކޯޓުން އެކަން އިތުރަށް ބެލުމަށްފަހު، އެ ޖަލަކީ ކުޑަކުދިން ބަންދުކުރާ ޖަލެއްގައި ހުންނަންޖެހޭ ކަމަށް ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރި ތަނެއް ނޫންކަމަށް ބަޔާންކޮށް، އިސްތިއުނާފު ރައްދުވާ ކުއްޖާ ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރިއެވެ. މި އަމުރުގެ ފަހުން، ކުޑަކުދިން ބަންދުކުރާނެ ޑިޓެންޝަން ސެންޓަރެއް ކ.ހިންމަފުށީގައި އަލަށް ޤާއިމްކުރިއެވެ. ޕީޖީ އޮފީހުން އިސްތިއުނާފު ރައްދުވާ ކުއްޖާ މި ސެންޓަރަށް ކުއްޖާ ބަދަލުކޮށްދިނުމަށް އެދުމުން ޖުވެނައިލް ކޯޓުން ނިންމީ ގޭ ބަންދަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.
ޖުވެނައިލް ކޯޓުގެ ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ ޖުވެނައިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. މިފަދައިން ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށެވެ.
- އިސްތިއުނާފު ރައްދުވާ ކުއްޖާ ހުރީ ބަންދުން ދޫކޮށްފައި ނޫން ކަމާއި، ގޭގައި ބަންދުކޮށްފައި ހުރުމަކީވެސް ބަންދެއްކަމަށް.
- ބޮޑެތި މީހުން ހައްޔަރުކޮށް ބަންދުކުރުމުގައި ޢަމަލުކުރާ އުސޫލުން ކުޑަކުދިން ހައްޔަރުކޮށް ބަންދުކުރުމުގައި ޢަމަލުކުރުމަށް ވިސްނުމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މަޤްޞަދާ އެއްގޮތް ކަމެއްނޫންކަމަށް.
- ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައިވާ ޙާލަތެއް އޮތުމަކީ ކުޑަކުއްޖަކު ބަންދުކުރުން ލާޒިމްކަމެއް ނޫންކަމާއި، އެފަދަ ޙާލަތުގައިވެސް ބަންދުކުރަންވާނީ ވަށައިގެންވާ ކަންކަމަށް ބަލައި، ބަންދުކުރުން ނޫންގޮތެއް ނެތިގެންކަން އެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) އިން އެނގޭކަމަށް.
- އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، ބަންދުން ދޫކޮށްފިނަމަ މުޖްތަމަޢަށް ނުރައްކާވެދާނެ ކަމާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތުމުން ކުއްޖާ ގޭ ބަންދުކުރުމަށް ހުރަސް ނާޅާ ކަމާއި، އެކަންކަމުން ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރު ނެތިގެންނުދާކަމަށް.
މިއީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ހިފުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟
ނިންމިގޮތް
ހައިކޯޓުން ކުޑަކުއްޖާގެ ބަންދާމެދު ނިންމި ނިންމުން ބާޠިލްކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ކުޑަކުދިން ބަންދުކުރުން
- ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 58 ވަނަ މާއްދާގައި ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބަހައްޓަންވާނީ ޚާއްޞަ ޙާލަތްތަކެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އެފަދައިން ނިންމުމުގެ ކުރިން ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެނޫން ޝަރުޠުތަކެއް ކަނޑައެޅެން އޮތްތޯ ބަލަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ ކުށުގެ ޢަމަލުކުރާ ކުދިންނަށް ނިޒާމުގެ ތެރެއިން ލިބިދާނެ ގެއްލުންތަކުން އެކުދިން ރައްކާތެރިކުރުމަށްޓަކައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ގެންގުޅޭ މަފްހޫމެއް ކަމުގައިވާ "އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި މެނުވީ ބަންދު ނުކުރުން" ދެމެހެއްޓުމުގެ ގޮތުންކަން.
- ކުޑަކުދިންގެ ޢަދުލުގެ ޤާނުނުގެ 58 ވަނަ މާއްދާއިން ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިން ބަންދުކުރުމުގެ މަގު ބަންދުނުކުރާކަން.
- ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާފަދަ ކަމާއި ޙާލަތަށް އެކަށީގެންވާ މަރުކަޒެއްގައި ކުޑަކުދިން ބަންދުކުރުމާއި، ބަންދުކޮށްފައިވާ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރާއިރު، އެ ކުއްޖާ ގޭ ބަންދުކުރުންވެސް ހިމެނެނީ "ބަންދު"ކުރުމުގެ މާނައިގައިކަން.
ފަނޑިޔާރަށް ލިބިގެންވާ އިޙްތިޔާރު
- ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖައާކުރުމުގައި، ކުއްޖާ ގޭގައި ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ މުޠުލަޤަށް އެއްވެސް އިމެއްނެތި ނޫންކަން.
- ޤާނޫނެއްގެ ދަށުން ފަނޑިޔާރަށް ލިބިދޭ ކޮންމެ އިޚްތިޔާރަކީވެސް ވަށައިގެންވާ ކަންކަމާއި، ޤާނޫނީ ސަބަބުގެ މައްޗަށް ބިނާވާ، ފަރުވާތެރިކަމާއެކު ނިންމާ ނިންމުމަކަށްވާންޖެހޭނެކަން.
- ވަށައިގެންވާ ކަންކަމަށް ރިޢާޔަތްނުކޮށް، ނިންމުން ބިނާކުރާ ސަބަބުތައް ނުދެއްކޭނަމަ، އެފަދަ ނިންމުމަކީ ޚުދުމުޚުތާރު (arbitrary) ނިންމުމަކަށްވުމުގެ ފުރުޞަތު ބޮޑުކަން.
- ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާގައިވާ އިޚްތިޔާރު ބޭނުންކުރާއިރު، މައްސަލައިގެ ވަށައިގެންވާ ކަންކަމަށާއި، ކުއްޖާގެ ޙާލަތަށް ރިޢާޔަތްކުރުން ހިމެނިފައިވުމުން، މިދެކަމަކީ ހައްޔަރުކުރެވޭ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި އެ ކުއްޖަކު ގޭ ބަންދުކުރުމަށް ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ހިފުމުގައި، ފަނޑިޔާރު ބަލަންޖެހޭ، އެކަންކަމާއި ގުޅޭ ޙަޤީޤަތްތަކުގެ މައްޗަށް ފަނޑިޔާރުގެ ނިންމުން ބިނާވާންޖެހޭކަމެއްކަން.
-މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމާއި، ކުއްޖާގެ ޙާލަތާގުޅޭ ޙަޤީޤަތްތަކަކީ ކޮބައިކަން ވަޒަންކުރާނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މައްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކުރާ ކަންކަމަށް ބެލުމަށްފަހުކަން.
- ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ ކަންކަމަށް ކުއްޖާ މަރުކަޒެއްގައި ބަންދުކުރަން ނުވަތަ ގޭ ބަންދުކުރަން ނިންމާ ޙާލަތުގައިވެސް ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެކަން.
- އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްވިޔަސް ނުވަތަ ކުއްޖާ ބަންދުން ދޫކުރުމުން މުޖްތަމަޢަށް ނުރައްކާވާނެކަމަށް ބެލެވުނަސް ނުވަތަ ކުއްޖާ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަސް، ކުޑަކުއްޖާ ގޭ ބަންދުކުރުމަށް ހުރަހެއްނެތްކަން. އެހެންކަމުން ގޭ ބަންދުކުރުން އެންމެ އެކަށޭނަތޯ އާއި، އެ ނިންމުމުގެ ސަބަބުން މައްސަލަ މަޢުޟޫއީގޮތުން ކުރިއަށް ގެންދިއުމަށް ގޮންޖެހުމެއް އޮތްތޯ ފަނޑިޔާރު ބަލަންޖެހޭނެކަން.
-ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކުއްޖާއާއެކު ކުރާ މަސައްކަތުގެ ތެރެއިން އެކުއްޖާގެ ވިސްނުމާއި ޙާލަތާމެދު އެ ޑިޕާޓްމަންޓުން ދެކޭ ގޮތުގެ މައްޗަށް ފަނޑިޔާރު ރިޢާޔަތްކުރުން މުހިއްމުކަން.