އިސްމާޢީލް ޢަބްދުލްޙަމީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2011/SC-A/47
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 27/02/12
ފަނޑިޔާރުން
އަޙުމަދު ފާއިޒު ޙުސައިން، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ، އާދަމް މުޙައްމަދު ޢަބްދުﷲ، އަޙްމަދު މުޢުތަޞިމް ޢަދުނާން
މައްސަލައިގެ ޚުލާސާ
އިސްމާޢީލް ޢަބްދުލްޙަމީދު މާލެ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރިއިރު، އައިލެންޑް ލޮޖިސްޓިކްސް ޕވޓ ލޓޑ މެދުވެރިކޮށް ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ލޭންޑިންގ ކްރާފްޓް "އުފުލި 5" ގެ އަގު އަދާކުރުމަށްޓަކައި އެލްސީ ހުޅުވުމާއި ގުޅިގެން ބޭންކަށް ހުށަހަޅަންޖެހޭކަމަށް ބުނެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކޮށްދިނުމަށް އައިލެންޑް ލޮޖިސްޓިކުން އިސްމާޢީލް ޢަބްދުލްޙަމީދު ގާތު އެދުމުން، ލޭންޑިންގ ކްރާފްޓް ލިބުމުގެ ކުރިން ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކޮށްފައިވަނީ ލޭންޑިންގ ކްރާފްޓް ލިބުމުގެ ކުރިން އެލްސީގެ ފައިސާ އައިލެންޑް ލޮޖިސްޓިކް ޕވޓ ލޓޑ އަށް ހޯދައިދުނުމަށްޓަކައި ކަމަށްބުނެ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ. މި ނިންމުން އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފުވާގޮތަަށްކަމަށް ބުނެ، އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެވެ.
އިޝޫ
1. ޖިނާއީ މައްސަލައެއް ކޯޓުން ބަލައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމަށް ކަނޑައަޅާނީ ކިހިނަކުންތޯ؟
2. ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުނަކީ ކޮބައިތޯ؟
ނިންމިގޮތް
އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް މައްސަލަ ބެއްލެވި 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންގެ އަޤްލަބިއްޔަތުން ނިންމެވި.
ކަނޑައެޅުނު އުސޫލު
ޖިނާއީ ދަޢުވާއެއް ސާބިތުކުރުން
- ޖިނާއީ ދަޢުވާއެއް ޖިނާއީ އިޖުރާއަތާ އެއްގޮތްވާގޮތުގެ މަތިން ކޯޓުން ބަލައި ޖިނާއީ މަސްއޫލިއްޔަތު ސާބިތުވާކަމަށް ކަނޑައަޅަނީ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުރުން ފުރިހަމަވެފައިވާކަން ހުށަހެޅިފައިވާ ހެކިތަކާއި ދަލީލުތަކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމުން.
- މާއްދީ ރުކުރުން ޝަރީޢަަށް ސާބިތުވާނީ، ޤާނޫނުގައި ކުށެއްކަމަށް ބުނެފައިވާ ޢަމަލު ޤާނޫނުގައި ބުނެފައިވާގޮތަށް ތުހުމަތުކުރެވޭ މީހާ ކުރިކަން ހުށަހެޅިފައިވާ ހެކި ޤަރީނާތަކުން ސާބިތުވުމުން.
- މަޢުނަވީ ރުކުނަކީ، ކުށުގެ ނިޔަތް ތުހުމަތުކުރެވޭ މީހާގެ ކިބައިގައި އޮތްކަން ޝަރީޢަތަށް ސާބިތުވުން.