ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުއްލަޠީފް މުޙައްމަދު

ޤަޟިއްޔާ ނަންބަރު:
2011/SC-A/33
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
16/06/11

ފަނޑިޔާރުން

ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން

މައްސަލައިގެ ޚުލާސާ

ދިވެހިރާއްޖެއަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެތެރެކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން، ޏ.ފުވައްމުލައް، ޑެއިލީބްލޫ ޢަބްދުލްލަޠީފު މުޙައްމަދުގެ 14 ޑިސެންބަރު 2010 ގައި ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުކުރެވުނެވެ. މި މައްސަލައިގައި ޢަބްދުލްލަޠީފު މުޙައްމަދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކުރެވިފައިވަނިކޮށް، ކްރިމިނަލް ކޯޓުން ޢަބްދުލްލަޠީފު މުޙައްމަދު ބަންދުން ދޫކޮށްލަން އަމުރުކުރިއެވެ. މި އަމުރު ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. 

މިއީ ހައިކޯޓުގެ ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ތުހުމަތުކުރެވޭ މީހާ ބަންދުކުރުމަށް އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަކީ ކޮބާ؟

2. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ މުޖްތަމަޢަށް ނުރައްކާވާ ކުށެއްތަ؟

ނިންމިގޮތް

ޢަބްދުލްލަޠީފު މުޙައްމަދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

-  ޖިނާއީ ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުމުގެ އަމުރު ކޯޓުން ނެރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2010/SC-A/19  ޤަޟިއްޔާގެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ 9 ވަނަ ނަންބަރަށް ރިޢާޔަތްކުރަންވާނެކަން.

- މަނާކުރެވިފައިވާ މަސްތުވާތަކެތީ ވިޔަފާރި އާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖްތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްކަން.

- މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށަކީ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން. މި ކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަން. (މިހާރު އޯވަރޫލް ކުރެވިފައިވާ އުސޫލެއް)

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ