ޢަލީ ޝާޙު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2014/HC-DM/01
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 24/10/16
ކަނޑައެޅުނު އުސޫލު
(ރ) މިޤާނޫނުން ޙާސިލްކުރަން ބޭނުންވާ މަޤްޞަދު ފުރިހަމަ ގޮތުގައި ޙާޞިލްކުރުމަށްޓަކައި، ހަނުހުރުމުގެ ޙައްޤު ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި މުހިއްމު ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށާއި، އެހައްޤު ހަނިކުރުމުގައި އަމިއްލަ ފަރުދެއްގެ ޙައްޤަށްވުރެ މުޅި މުޖުތަމަޢުގެ ޙައްޤަށް ރިޢާޔަތް ކުރެވިގެންވާނެކަމަށާއި، މިޙައްޤު އެގޮތަށް ހަނިކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ޤާނޫނުއަސާސީއިން ލިބިދޭ ގިނަގުނަ އެހެން ޙައްޤުތަކަށް އަސަރުކުރުމެއް ނާންނާނެކަމަށް ބުނެ އެފަދައިންކަން އެނގެން އޮންނަކަން
(ޅ) ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ދަށުން ލިބިގެންވާ ހަނުހުރުމުގެ ޙައްޤު ކުޑަކުދިންނަށް، ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ހަނިކުރުމުގެ ސަބަބުން އެޤާނޫނުގައި ބަޔާންކުރާ ކުށެއްގައި ތުހުމަތުކުރެވިގެން ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހަކު އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައާ ގުޅިގެން، ވަކިގޮތަކަށް ބަޔާންދިނުން އެމާއްދާގައި ލާޒިމްނުކުރާ ކަމަށާއި، މީގެ އިތުރުން ތަޙްޤީޤުކުރާ ފަރާތުން އެމީހަކަށް ވަކިގޮތަކަށް ބަޔާންދިނުން މަޖުބޫރުނުކުރެވޭނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާކަން އެނގެން އޮވޭ
(ކ) ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މިއަކުރުތަކުގައި ބަޔާންކުރާ ކަންކަމަކީ އެމާއްދާގެ ބޭނުމަށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ހެކި ކަމުގައި ބެލެވެންނެތްކަމަށާއި، އެހެނީ މިއަކުރުތަކުގައި ބުނެފައިވާ ހެކިތަކަކީ ކުއްޖާ ބުނާ ބުނުމެއްގެ މައްޗަށް އެކަނި ބުރަވެވޭ ހެކިތަކެއް ކަމުގައިވާއިރު، އިތުރު ހެކި ޤަރިނާ ނެތީސް ބުނެވިދިޔަ ތިން އަކުރުގައި ބަޔާންކޮށްފައިވާ، އެކި ފަރާތްތަކުގައި ނުވަތަ އިދާރާތަކުގައި ކުއްޖާ ބުނާބުނުމުގެ ތެރެއިން 5 ފަރާތެއް ނުވަތަ އިދާރާތަކުން 5 ހެކި ހަމަކޮށް ހަމައެކަނި އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުކުރުމަކީ ކުށުގެ ތުހުމަތުގައިވާ މީހާއަށް އަދުލު އިންޞާފުގެ ހަމަތަކާއި އުޞޫލުން އަދަބެއް ދެވުމަށްވުރެ ބޮޑަށް އެމީހާގެ މައްޗަށް ނުހައްޤުން އަދަބެއް ދެވުމުގެ ފުރުޞަތު ބޮޑު ޙާލަތެއްކަމުގައި ބެލެވޭތީ، ހަމައެކަނި ބުނެވިދިޔަ ހެކީގެ މައްޗަށް ބިނާކޮށް 5 ބާވަތުގެ ހެކި ހަމަކޮށް ދަޢުވާ އުފުލިފައިވާ މީހާގެ މައްޗަށް ކުށް ސާބިތުކުރުމަކީ ޝަރުޢީ ގޮތުން ބަލާއިރު ހަމޖެހޭ އުޞޫލެއް ނޫންކަން އެނގޭ
(އ) 47 ވަނަ މާއްދާގައި ބަޔާންވެގެންވާ ހެކީގެ ތެރެއިން މަދުވެގެން 5 ބާވަތުގެ ހެކި ލިބިފައިނެތްނަމަވެސް، އެފަދަ މައްސަލައެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ލިބިފައިވޭތޯ ވަޒަން ކުރުމުގައި މައްސަލައާއި ގުޅިގެން ހުށެހެޅޭ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ އެހެނިހެން ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި ވަޒަންކޮށް މައްސަލަ ނިންމުމުގައި އެހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ފަނޑިޔާރު ރިޢާޔަތްކުރަން ޖެހޭނެކަން އެނގެން އޮންނަކަން