ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ހާނިފު
- ޤަޟިއްޔާ ނަންބަރު:
- 2026/HC-B12/1
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 18/01/26
ފަނޑިޔާރުން
ޙުޒައިފާ މުޙައްމަދު، ފާތިމަތު ފަރުހީޒާ، ޢަބްދުالله ޖަމީލް މޫސާ
މައްސަލައިގެ ޚުލާސާ
ކޯޓުގެ ސަރވަރއަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން މައްސަލައިގެ އަޑުއެހުންތައް ހިންގޭނެ ތާރީޚެއް ނޭނގޭތީއާއި،
ދައުލަތުގެ ނިޒާމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަމެއް (ޤަވާއިދާއި ޤާނޫނު) ފުރިހަމަވެފައި ނެތުމަކީ، މީހެއްގެ އަސާސީ ޙައްޤުތައް ހިފެހެއްޓެންޖެހޭ ސަބަބެއް ނޫންކަން ޤާނޫނުއަސާސީއަށް ބެލުމުން އެނގެން އޮތްހިނދު، ކޯޓުގެ ވަސީލަތް ނެތުމުން އެ ޙައްޤުތައް ހިފެހެއްޓެން ނެތުމުންނާއި،
ކޮންމެ މީހަކީވެސް ކުށެއް ނުކުރާމީހެއްގެ ހައިސިއްޔަތު އޮންނަ ފަރާތެއްގެ ގޮތުގައި ބަލަންޖެހޭކަން ޤާނޫނުއަސާސީގައި އޮތަތީ،
ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: O6C-CA/1/2025 ކޯޓު އަމުރުގެ ބާރުވެރިކަން އެކީ ނިމުމަކަށް ގެނެސް ދަޢުވާލިބޭ ބަންދުން ވީއްލުމަށްވުރެ، ބަންދުގައިވާ ފަރާތުން އެދޭ އެދުމެއްގައި ހިމެނޭ ކަންކަމުގެ ސަބަބު ވުޖޫދުވެފައި އޮތުމުން އެންމެހައި އަސާސީ ޝަފަހީ ހެކިންގެ ހެކިބަސް ފުރިހަމަވެފައިވުމާއެކު، މިވަގުތަށް ބަންދަށް ލުޔެއް ދިނުމަކީ، ޝަރީޢަތަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް މެދުވެރިވެދާނެ ހާލަތެއް ނެތުމުން،
ޝަރީޢަތް ހިންގުމަށް ވެފައިވާ ދަތި ފިލުވުމާއެކު 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ އިތުރު ނުވާނޭހެން، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) 30 އެންމެހައި އަކުރަކަށް ރިޢާޔަތްކޮށް މި މާއްދާގެ ދަށުން ޝަރުތުކޮށް ވަގުތީ ގޮތުން ބަންދަށް ލުއިދީ ދޫކޮށްލުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 659-CA/134/2025 (21 ޑިސެންބަރު 2025) ކޯޓު އަމުރުން އަމުރުކުރެއްވިއެވެ.
އިޝޫ
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 659-CA/134/2025 (21 ޑިސެންބަރު 2025) ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާ ޚިލާފު އަމުރެއްކަމުގައިވުން.
ނިންމިގޮތް
އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރަކީ ބަންދު މުރާޖަޢާކުރުމުގައި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އިޖުރާއތަާ ޚިލާފު އަދި މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ބަންދު މުރަޖަޢާކުރުމުގެ މައްސަލަތަކާގުޅޭ ޤަޟާއީ ސަވާބިޤުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައިވާތީ، އެ އަމުރު ބާޠިލްކުރުމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
- ބަންދު މުރާޖަޢާކޮށްފައިވަނީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ36 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި،
- ބަންދު މުރާޖަޢާކުރުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A/13 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ) ޤަޟިއްޔާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް) ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއާއި، ނަންބަރު: 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަޤިއްޔު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށާއި،
- މި މައްސަލާގައި ކޯޓުގެ ސަރވަރ އަށް ދިމާވި މައްސަލައާ ގުޅިގެން ހެކިބަސް ނެގުނު ފަރާތްތަކުގެ ހެކިބަސްވެސް އަލުން ނަގަންޖެހުމަކީ އެކަށީގެންވާކަމެއްކަމަށްވާތީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލުވެސް ނެތިގޮސްފައިވާކަމަށް ނުފެންނާތީއާއި،
- މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ އިޙްތިމާލާ ގުޅިގެން ބަންދުން ދޫކުރި އަމުރުގައި އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމަށާއި، އެހާލަތަށް ބަދަލެއް އައިކަމަށް ނުފެންނަކަމާއި،
މި ކަންކަމަށް ރިޢާޔަތްކުރާއިރު އިބްރާހީމް ހާނިފު ޝަރުތުކޮށް ވަގުތީ ގޮތުން ބަންދަށް ލުއިދީ ދޫކޮށްލުމަށް 21 ޑިސެންބަރު 2025 ދުވަހު ކުރެއްވި އަމުރު ބާތިލްކޮށް،
- 09 ޖަނަވަރީ 2025 ދުވަހު ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރުގެ ބާރުވެރިކަން އޮތްކަމަށް ކަނޑައެޅުއްވިއެވެ.