ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ވިސާމް
- ޤަޟިއްޔާ ނަންބަރު:
- 2026/HC-B12/09
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 12/04/26
ފަނޑިޔާރުން
ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް، އިސްމާޢީލް ޝަފީޢު
މައްސަލައިގެ ޚުލާސާ
މައްސަލާގައި އެންމެ ފަހުން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދިފާއީ ހެކި ހާމަކޮށްފައިވާއިރު، އެ ހެކިތަކުގެ ތެރޭގައި ދަޢުވާލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ވެށިން ނަގާފައިވާ ތަކެއްޗާ އެހެން ފަރާތަކުން ހަވާލުވެފައި އޮތުމުން، ޖިނާއީ މިންގަނޑަކުން ބަލާއިރު، ކުރެވިފައިވާ ތުހުމަތަށް ދަޢުވާ ލިބޭ ފަރާތުން ޝުބުހަ އުފައްދާފައިވުމުން ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން 05 މާރިޗު 2026 އިން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށް، ޝަރީޢަތަށް އެއްބާރުލުން ދިނުމަށާއި ހެކިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރުމަށް ޝަރުޠުކޮށް ޙުސައިން ވިސާމް ބަންދުން ދޫކޮށްލާފައިވެއެވެ.
އިޝޫ
ހެކި ހާމަކުރުމުގެ މަރުޙަލާގައި ހާމަކުރާ ހެކިތައް ވަޒަންކޮށް ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކުރުމަކީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ވ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައިވުން
ނިންމިގޮތް
ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 659-CA/47/2026 (05 މާރިޗު 2026) ކޯޓު އަމުރު ބާތިލުކަމަށް ކަނޑައަޅައި، މިއަދު 12 އެޕްރީލް 2026 އިން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށްއެދި ދައުލަތުން ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، ގިނަވެގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އަންގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
ބަންދުން ދޫކުރުމަށް ކުރެއްވި އަމުރުގައި ޙުސައިން ވިސާމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި ދެ ހާލަތު ކަމުގައިވާ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުުވުމާއި، ހެކިބަސްދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެކަމަށް ބެލެވުނު ހާލަތު ބަދަލުވީ ކޮންގޮތަކަށްކަން ޤާނޫނީ އަސާސްތަކުގެ އަލީގައި އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިނުވާތީ ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 659-CA/47/2026 (05 މާރިޗު 2026) ކޯޓު އަމުރު ބާޠިލްކުރައްވައި،
މިއަދު 12 އެޕްރީލް 2026 އިން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށްއެދި ދައުލަތުން ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، ގިނަވެގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އަންގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.