ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢަލީ
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/76
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 21/06/21
ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން
މައްސަލައިގެ ޚުލާސާ
2018 ވަނަ އަހަރު އޭރުގެ ރައީސް ބޭނުންކުރުމަށް ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކުރި މާސެޑީޒް ބެންޒް ކާރަކީ އަމިއްލަ މީހެއްގެ ނަން މަތީގައި ރާއްޖެއަށް އެތެރެކޮށްފައިވާ ކާރެއްގެ ގޮތުގައި ދެއްކުމަށް، ކަސްޓަމްސްގެ ޑިކްލަރޭޝަން ފޯމްތައް، އެއަރޕޯޓް ޑީވިޝަނުގެ ހެޑްގެ ހައިސިއްޔަތުން ކ.މާލެ، ދަފްތަރު ނަންބަރު ރސ 4133 ޢަބްދުﷲ ޢަލީ ޕްރޮސެސްކޮށްފައިވަނީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކަމަށް ތުހުމަތުކުރެވުނެވެ. މި މައްސަލައިގައި ޢަބްދުﷲ ޢަލީ ބޭނުންކުރާ މޯބައިލް ފޯނުތަކާއި، ފޯނުތަކުގެ ސިކްކާޑުތަކާއި، މެމޮރީ ކާޑުތަކާއި، އެތަކެތީގައި ހުރި ހުރިހާ ޑޭޓާ އާއި، އެ ފޯނުތަކުން ކޮށްފައިވާ އެންމެހައި މުވާސަލާތީ މުޢާމަލާތްތައް ފުލުހުންގެ ފޮރެންސިކް ޑައިރެކްޓްރޭޓް މެދުވެރިކޮށް އެކްސްޓްރެކްޓް ކުރުމަށް، އޭ.ސީ.ސީން ބޭނުންވާ ތަކެއްޗާއި މަޢުލޫމާތު (ފޯނުތަކާއި އެ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑު ތަކާއި، މެމޮރީ ކާޑުތަކާއި، އެތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑް، ލޮކް ޕްރިންޓް، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، ފޭޝިއަލް ރިކޮގްނިޝަން) އެ ފަރާތަށް ދިނުމަށް ޢަބްދުﷲ ޢަލީގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. ޢަބްދުﷲ ޢަލީގެ ފަރާތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައި، އެ އަމުރު ބާތިލްކުރިއެވެ.
މިއީ ހައިކޯޓުގެ ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ކޯޓު އަމުރު އޮތީ ޤާނޫނުގައި ބުނާ ނަމޫނާއާ އެއްގޮތަށް ނޫންކަމަށްވާނަމަ، އެ އަމުރަށް ޤާނޫނީ ބުރަދަން ދޭން ނުޖެހޭނެތަ؟ ކޯޓު އަމުރުގައި ފުރިހަމަވާންޖެހޭ ތަފްސީލްތަކަކީ ކޮބާ؟
2. އަމިއްލަ ނަފްސާ ދެކޮޅަށޤ ބަޔާނެއް ނުދިނުމުގެ މާނައިގެ ތެރޭގައި ކަމެއް ހިމެނޭނީ ކިހިނެއް؟
3. ޟަރޫރަތުގެ ޤާއިދާއަކީ ކޮބާ؟
4. ތަޙްޤީޤުކުރުމުގެ މާނައިގެ ތެރެއަށް ވަދެގެންދާ ކަންކަމަކީ ކޮބާ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައެޅުނު އުސޫލު
ކޯޓު އަމުރު އޮންނަންވީ ގޮތް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހިންގުމުގައި ދިމާވާ ކޮންމެ އިޖުރާއީ އޮޅުމަކޯ އޭގެ ޒާތުގައި، އެފަދަ އޮޅުމެއްގެ ސަބަބުން އެ އިޖުރާއަތާއި އެ އިޖުރާއަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިއުޅާލަންޖެހޭ ސަބަބެއްނޫންކަން.
- އިޖުރާއީ އޮޅުމަކީ އެ އޮޅުމަކާއި ވިދިގެން އަޅާފައިވާ ފިޔަވަޅުތައް ބާތިލްކުރަންޖެހޭފަދަ އިޖުރާއީ އޮޅުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ގެންގުޅޭ މިންގަނޑަށް ބަލާއިރު، ސީރިއަސް އިޖުރާއީ އޮޅުމެއް ހިނގާފައިވީނަމަވެސް، އޭގެ ނަތީޖާއެއްގެ ގޮތުން އަދުލުވެރިކަން ގެއްލޭފަދަ ޙާލަތެއް މެދުވެރިވެފައިނުވާނަމަ، އިޖުރާއަތާއި ގުޅިގެން މަޖިލީހުން ކަނޑައަޅާފައިވާ ގޮތުން ހާސިލްކުރަން އޮތް މަޤްސަދަކީ، އިޖުރާއީ އޮޅުމެއްގެ ސަބަބުން ކޯޓުތަކަށް އަދުލުވެރި އަމުރުތައް ނެރުމަށް ލިބިދީފައިވާ އިޙްތިޞާޞް ގެއްލިގެންދާ ކަމެއްގެ ގޮތުގައި ނުބެލުންކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 3 : "ކޯޓު އަމުރެއްގައި އެކަށީގެންވާ މިންވަރެއްގެ ތަފްސީލް ހިމެނުން" މާނައަކީ އަމުރުގެ ބޭނުމަށްޓަކައި ފުދޭ މިންވަރަށް ހިމެނުންކަން.
- މިސާލު: "ޢާއިޝާގެ ފޯންތައް". ފޯނުގެ ކުލައާއި، ބްރޭންޑް އާއި، މެމޮރޯ ނަންބަރާއި ހިމަނަން ނުޖެހޭކަން.
- ޖިނާއީ ތަޙްޤީޤެއް ކުރާއިރު، ފުރަތަމަ މަރުޙަލާގައި ތުހުމަތުކުރެވޭ މީހާއާ ސީދާ ގުޅުވާލެވޭ ވަކި ހެކިތަކަކީ ކޮބައިކަން އަދި އެ ހެކިތައް ހުރީ ކޮންތާކުކަން އެނގުމަކީ މުސްތަހީލުކަމެއްކަން. އެހެންކަމުން، ކޯޓު އަމުރަކަށް އެދޭއިރު، އެ މީހެއްގެ އަތުގައި އެ އެއްޗެއް ނެތް ނަމަވެސް، އެ އެއްޗަކާއި ގުޅިގެން ކޯޓު އަމުރުއަށް އެދި، އަދި އަމުރުގައި އެ އެއްޗެއް ހިމަނާފައި އޮވެދާނެކަން.
މިސާލު: ލެޕްޓޮޕާއި، ޓެބްލެޓާއި، ފޯނު ނެގުމަށް އަމުރު ދޫކޮށްފައިވާއިރު، ތުހުމަތުކުރެވޭ މީހާގެ އަތުގައި ޓެބްލެޓެއް ނެތުން. އޭގެ މާނައަކީ އެ އަމުރު ބާތިލްވުން ނޫންކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފަނޑިޔާރަށް އަމުރު ނެރުމުގައި ލިބިދީފައިވާ ބާރުގެ ތެރެއިން އަމުރު ނެރުމަށް އެދޭ މުއްދަތަށްވުރެ މަދުން ނުވަތަ އިތުރަށް އަމުރުގެ މުއްދަތު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދެވޭ އިޚްތިޔާރީ ބާރެއްކަން.
- ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާ މުދަލެއް، ހިފެހެއްޓުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރީ ބާރެއްކަން. އެއީ ޤާނޫނު ތަންފީޒުކުރާ އިދާރާއިން އެތަކެތި ހިފަހައްޓަން އެދުނީ އެއަށްވުރެ ކުރުމުއްދަތަކަށް ނަމަވެސް ކަން.
- ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން މުދާ ހިފެހެއްޓުމާއި ގުޅޭގޮތުން ވަކި ތަރުތީބެއް އެކުލަވާލެވި، އެކަމާއި ގުޅިގެން ފަނޑިޔާރުގެ އިޚްތިޔާރަކީ ކޮބައިކަން އެނގެން އޮތުމާއެކު، ޟަރޫރަތުގެ ޤާއިދާ މިކަމުގެ މައްޗަށް ތަޠުބީޤުނުކުރެވޭނެކަން.
ޟަރޫރަތުގެ ޤާއިދާ (doctrine of necessity)
- ވަށައިގެންވާ ކަންކަމާއި މެދުވެރިވާ ޙާލަތުގެ ގޮތުން އަދި އިންސާނަކު ކުރިކަމަކާއި ނުލައި، ވަކި ގޮތަކަށް ކަންކުރުމަށް މަޖުބޫރުވާ ޙާލަތުގައި ބޭނުންކުރެވޭ މަބްދަޢު.
- ޖިނާއީ މައްސަލަތަކުގައި ނެސެސިޓީއަކީ ބައެއް ޤައުމުތަކުގައި ބޭނުންކުރެވޭ ދިފާޢެއްކަން.
އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) : ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ އެމީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވާކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ރ) : އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގެ ތެރޭގައި ކަމެއް ހިމެނޭނީ ނުވަތަ އެ ޙައްޤުގެ ދާއިރާއިން ރައްކާތެރިކަން ލިބޭނީ ކުށުގެ ތުހުމަތާއި ގުޅިގެން ޝަރީޢަތަށް ހުށަހަޅަންޖެހޭ މާއްދީ ހެއްކެއް ތުހުމަތުގައިވާ މީހާއާއި ގުޅުވެން އޮތް ހަމައެކަނި ގޮތަކީ އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވާނަމަކަން. އެޙާލަތުގައި، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ކުށުގެ ތުހުމަތުގައިވާ މީހާއަށް ހަނުހުރެ، އަމިއްލަ ނަފްސާއި ދެކޮޅަށް ބަޔާން ނުދިނުމުގެ ގޮތުން، އެ މަޢުލޫމާތު ނުވަތަ ސާމްޕަލް ދިނުމަށް އިންކާރުކުރެވިދާނެކަން. އެއީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަމެއްކަން.
ތަޙްޤީޤުކުރުން
- ތަޙްޤީޤުގެ ބަހަވީ މާނައަކީ ކަމެއްގެ ޙަޤީޤަތް ހޯދައި ބަލާބެލުން. ޤާނޫނީ ރަދީފުގައި ތަޙްޤީޤުގެ މާނައަކީ ކަމެއްގެ ޙަޤީޤަތް ހޯދާ ބަލާބެލުން ނުވަތަ އެކަމަށް ކުރާ ދިރާސާ.
- ތަޙްޤީޤުކުރުމުކަކީ ކަމެއްގެ ޙަޤީޤަތް ހޯދަންކުރާ ހުރިހާ ކަމަކާއި، ބަލާ ހުރިހާ ބެލުމަކާއި، ކުރާ ހުރިހާ ދިރާސާއެއް އޭގެ ތެރޭގައި ހިމެނޭ ކަމެއްކަން.
- ސުވާލުކުރުމަކީ އަނެކެއްގެ ފަރާތުން ޖަވާބަކަށް އެދި އެއްޗެއް ބުނުން ނުވަތަ އެއްޗެއް އެހުންކަމަށްވާތީ، ސުވާލުކުރުން ހިމެނެނީ ތަޙްޤީޤުކުރުމުގެ ތެރޭގައިކަން. ކަމުގެ ޙަޤީޤަތް ހޯދުމަށް ކުރާ މަސައްކަތުގެ ތެރޭގައި ނުވަތަ ތަޙްޤީޤުގެ ތެރޭގައި ހެކި ހޯދުން ހިމެނޭތީ، ކޯޓު އަމުރެއްގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހާގެ ކިބައިން ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ހޯދުމަކީ ތަޙްޤީޤުގެ ތެރޭގައި ހިމެނޭ ކަމެއްކަން.