ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު މާނިޙް

ޤަޟިއްޔާ ނަންބަރު:
2016/SC-A/10
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ބަންދު އަމުރު
ނިމުނު ތާރީޚު:
30/03/16

ފަނޑިޔާރުން

ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ

މައްސަލައިގެ ޚުލާސާ

ރ.އިނގުރައިދޫ، ނީރަންގެ މުޙައްމަދު މާނިޙް އިތުރު ބަޔަކާއެކު މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު، މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކި ގެއްލުވާލުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

އޭގެ ފަހުން އެ ކޯޓުގެ އަމުރަކުން މުޙައްމަދު މާނިޙް 10 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރުމަށްފަހު، އެ މުއްދަތު ހަމަވުމުން ތިން ފަހަރެއްގެ މަތިން ޖުމްލަ 30 ދުވަހު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. މުޙައްމަދު މާނިޙް ބަންދުގައި ހުންނަތާ އެކު ޖުމްލަ 77 ދުވަސް ފަހުން، 25 ފެބްރުއަރީ 2016 ގައި މުޙައްމަދު މާނިޙް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވެއެވެ. މި އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ނެރެފައިވާ އަމުރެއް ނޫންކަމަށް ދެކިގެން ފްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށް ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ. މިއީ، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.  

އިޝޫ

މަސްތުވާތަކެތި ޓްރެފިކްކުރުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއްގެ ބަންދުގެ މައްސަލަތަކުގައި ބަލަންޖެހޭ މިންގަނޑަކީ ކޮބައި؟

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ އަމުރާއި އެ އަމުރަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، މުޙައްމަދު މާނިޙްގެ ބަންދާމެދު އަމުރު ނެރުމަށްޓަކައި ކްރިމިނަލް ކޯޓަށް މި މައްސަލަ ތަޙްވީލުކުރުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން. 

ކަނޑައެޅުނު އުސޫލު

މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުމުގެ ކުށް ދަރަޖަ ކުރެވޭ މިންގަނޑު 

މި ކުށްތަކަކީ ކުށުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި، އަމަންއަމާންކަމަށް، އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެއްކަން. މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެއްކަން. 

މަސްތުވާތަކެތި ޓްރެފިކްކުރުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މީހަކީ މުޖުތަމަޢަށް ނުރައްކާތެރި ކުށްތަކެއްގެ ތުހުމަތުގައިވާ މީހެއްކަން. 

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ