ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖުނާން އިބްރާހިމް
- ޤަޟިއްޔާ ނަންބަރު:
- 2022/HC-B12/80
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 24/08/22
ފަނޑިޔާރުން
ޙަސަން ޝަފީޢު (ރިޔާސަތު)، މުޙައްމަދު ނިޔާޒު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
މައްސަލައިގެ ޚުލާސާ
ދ.ކުޑަހުވަދޫ / އަމަން، ޢަބްދު الله ޖުނާން އިބްރާހީމް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން 22 ފެބުރުވަރީ 2020 ވަނަ ދުވަހު 11:49 ގައި އޭނާ ހައްޔަރުކޮށްފައިވެއެވެ. ޢަބްދުالله ޖުނާން އިބްރާހީމް ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ޙާޟިރުކޮށްފައިވަނީ 23 ފެބުރުވަރީ 2020 ވަނަ ދުވަހުއެވެ. ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނު ނަމަވެސް 23 ފެބުރުވަރީ 2020 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ މުއްދަތަށް ޢަބްދުالله ޖުނާން އިބްރާހީމް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. ބަންދުގެ މުއްދަތު ނިމޭ ތާރީޚަކީ 01 މާރިޗު 2020 ވަނަ ދުވަސްކަން އެ އަމުރުން އެނގެއެވެ. ނަމަވެސް، ޢަބްދު الله ޖުނާން އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޟިރުކުރުމުގެ ބަދަލުގައި 27 ފެބްރުވަރީ 2020 ވަނަ ދުވަހު ފުލުހުން އޭނާ ބަންދުން ދޫކޮށްލިއެވެ.
އިސްވެ ދެންނެވުނު މައްސަލައާއި ގުޅިގެން 06 އެޕްރީލް 2020 ވަނަ ދުވަހު، ޢަބްދުالله ޖުނާން އިބްރާހީމްގެ މައްޗަށް ޤާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ބ) އާއި، 105 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، 105 ވަނަ މައްދާގެ (ނ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ، ކްރިމިނަލް ކޯޓުގައި އުފުލިއެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަޢުވާކުރުމުގެ މުއްދަތު ފާއިތުވިފަހުން ހުށަހަޅާފައިވާ ދަޢުވާއަކަށްވާތީ މިދަޢުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައިދެއްވުމަށް ހުށަހެޅިއެވެ.
މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ މި މައްސަލައިގައިވާ ޙާލަތުގައި ދަޢުވާ ކުރުމުގެ މުއްދަތު ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ށ) ގައި ކަމަށްވެފައި، ދަޢުވާލިބޭ ފަރާތް ބަންދުން ދޫކޮށްލާފައިވަނީ އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) އަދި (ރ) ގެ ދަށުންކަމަށްނުވާއިރު، މި ޙާލަތުގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ލިބޭ މުއްދަތަކީ 30 ދުވަސްކަމަށާއި، ދައުލަތުން މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ އެ މުއްދަތު ފަހަނައަޅައި ދިޔުމަށްފަހުކަން އެނގޭކަމަށެވެ. އެހެންކަމުން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، މިދަޢުވާ ބެލޭނެތަނެއް ނެތްކަމަށް ދަށުކޯޓުން ނިންމެވިއެވެ.
މިއީ މި މައްސަލައާ ގުޅިގެން ދަޢުވާލިބޭ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަޙަޅާ ހުށަހެޅުމާމެދު ނިންމެވެ ގޮތާއި މެދު ހިތްހަހަމަ ނުޖެހިގެން އިސްވެ ދެންނެވުނު ނިންމެވުން ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތައް ގުނާނީ ކިހިނެއް؟
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކަމަށް ކަނޑައަޅައި، މި ދަޢުވާއަކީ އަލުން ބަލަންޖެހޭ ދަޢުވާއެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާކުރުމުގެ މުއްދަތު - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ދަޢުވާ އުފުލުމަށް 45 ( ސާޅީސް ފަހެއް( ދުވަހުގެ މުއްދަތު ދީފައިވަނީ 02 (ދޭއް) ޙާލަތެއްގައި ކަން ވަރަށް ސާފުކޮށް އެނގޭ ކަމާއި، ފުރަތަމަ ޙާލަތަކީ އެއްވެސް ޝަރުޠަކާ ނުލައި ބަންދުން ދޫކޮށްލާ ޙާލަތުކަމާއި، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމާއި، އަދި ދެވަނަ ޙާލަތަކީ ކަފާލާތުގެ އުޞޫލުން ބަންދުން ދޫކުރާ ޙާލަތް ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލާ ޙާލަތުކަމާއި، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގެ ދަށުންކަމަށް ބަޔާންކޮށްފައިވެއެވެ. - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެންމެ އިސްކަމެއް ދީފައިވަނީ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިން ޖިނާއީ އިޖުރާއަތު ހިންގުންކަމަށް ބަޔާންކޮށްފައިވެއެވެ. - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) މާނަ ކުރަންޖެހޭ ގޮތަކީ، އެ އަކުރުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވިޔަސް، ޝަރީޢަތް ނިމެންދެން މުއްތަހަމު ބަންދު ކުރުން ލާޒިމު ނުވާގޮތަށް ކަމާއި، އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ބަންދު ކުރުމަކީ ޝަރީޢަތް ނިމެންދެން ބަންދުކުރާ ކުރުމަކަށް ވުން ލާޒިމުކަމުގައި ބެލެވެން ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. - ޖިނާއީ އިޖުރާއަތުގެ ޤާނ ނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ބަންދު ކުރުމަކީ ޝަރީޢަތް ނިމެންދެން ބަންދުކުރާ ކުރުމަކަށް ވާކަން ނުޖެހޭކަމަށް ބަޔާންކޮށްފިވެއެވެ. - ބަންދުކުރެވި ދޫކޮށްލެވިފައިވާ ފަރާތެއްނަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޟިރުކުރެވުނު ތާރީޚުން ފެށިގެން 45( ސާޅީސް ފަހެއް( ދުވަހުގެ ތެރޭގައި ދަޢުވާ ކުރެވެން އޮންނާނެކަމަށް ދެކެމެވެ. - ފަނޑީޔާރެއް ކުރިމައްޗަށް ބަންދާމެދު ގޮތެއް ނިންމުމަށް ހާޟިރުކުރުމުން ވަކި މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުނުކުރާނަމަ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރާ މުއްދަތުގައިވެސް ފުލުހުންނަށް އެމީހަކު ބަންދުން ދޫކޮށްލެވިދާނެކަން. |