ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2020/SC-A/72
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަރު
ނިމުނު ތާރީޚު:
31/05/23

ފަނޑިޔާރުން

މަޙާޒް ޢަލީ ޒާހިރު، ޑރ.އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން، ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

މައްސަލައިގެ ޚުލާސާ

11 އެޕްރީލް 2011 ދުވަހުގެ ހަވީރު 18:00 ހައިއިރު، ވިލިމާލެ ކުޑަކުދިންގެ ޕާކުގެ ކައިރީގައި ނ.މާޅެންދޫ، ވައިޓްހައުސް، އަޙްމަދު މިރުޒާ ހުއްޓާ، ޏ.ފުވައްމުލައް، ދަޑިމަގު.ޒާވިއާ، ޢަބްދުﷲ ނަޡީފް އިތުރު ބަޔަކާއެކު ޖަމާޢަތް ހަދައިގެން އެކުގައި އެތަނަށް ގޮސް އަޙްމަދު މިރުޒާއާމެދު މާރާމާރީ ހިންގާފައިވެއެވެ. މި މާރާމާރީއިން ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 14 އެޕްރީލް 2011 ދުވަހު އަޙްމަދު މިރުޒާ މަރުވިއެވެ. މި މައްސަލައިގައި ޢަބްދުﷲ ނަޡީފްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލުނެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ޙުކުމްކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ޢަބްދުﷲ ނަޡީފްގެ މައްޗަށް ސާބިތުވާކަމަށެވެ. މިއީ އިސްލާމީ ޝަރީޢަތާއި ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަމަށް ބުނެ ޢަބްދުﷲ ނަޡީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ޙުކުމްކުރީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިއީ ހައިކޯޓުގެ ނިންމުން ޤާނޫނާ އެއްގޮތް ނޫންކަމަށް ބުނެ، ޢަބްދުﷲ ނަޡީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1- އަންހެނުންގެ ހެކިބަހުގެ މައްޗަށް މަރުގެ ކުށް ސާބިތުކުރެވިދާނެތަ؟

2- ޤިޞާޞްގެ ސަބަބުން ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤަކަށް އުނިކަން ލިބޭތަ؟

3- ދަޢުވާކުރުމުގައި ހަމަހަމަކަން ނެތްކަމަށް ބުނާ ޙާލަތު.

4- ތަޙުޤީޤުގައި ޙައްޤު ބޭނުންކުރާ ޙާލަތު.

5. ހެކިންގެ ހެކިބަސް ފުށުއަރާ ޙާލަތު.

6. ޖަމާޢަތް ހަދައިގެން ހިންގާ މާރާމާރީއެއްގައި، އެއިން ކޮންމެ މީހަކު ކުރީ ކޮންކަމެއްކަން ވަކިވަކިން ނޭނގޭނަމަ، އެ މާރާމާރީގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުކުރެވިދާނެތަ؟

7. ޖަމާޢަތަކުން ހިންގާ މާރާމާރީއެއްގައި އެ އެންމެންގެ މައްޗަށް ޤިޞާޞްގެ އަދަބު ދެވިދާނެތަ؟

8.  މަރުގެ ކުށް ސާބިކުރަންޖެހޭ މިންގަނޑަކީ ކޮބާ؟

9. ޤިޞާޞް މާފުކުރާ ޙާލަތުގައި ތައުޒީރީ އަދަބެއް ދެވިދާނެތަ؟

10. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤުބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރު މާނަކުރާނީ ކިހިނެތް؟

ނިންމިގޮތް

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، ސުޕްރީމްކޯޓުގައި އަޙްމަރު މިރުޒާގެ ވާރިސުން ޤިޞާޞް މާފުކޮށްފައިވާތީ ތައުޒީރީ އަދަބެއް ކަނޑައެޅުމަށާއި، އެ އަދަބު ކަނޑައެޅުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށްޓަކައި މި މައްސަލަ ހައިކޯޓަށް ތަހުވީލުކުރުމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކިބަސް

ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ސަރީޙަ ނައްސުން ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަސައްކަތުގައި އިސްލާމީ ޝަރީޢަތުގައި ވަކި ކަމަކާ ގުޅޭގޮތުން އޮތްގޮތެއް ސާފުކޮށް އެ އުސޫލުތައް ތަތުބީޤުކުރުން ލާޒިމުވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި ކަން.

- މި މައްސަލަ ދަށު ކޯޓުގައި ހިނގާދިޔައިރު ޢަމަލުކުރަމުންދިޔަ (ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން 18 ޖަނަވަރީ 2023 ދުވަހު ފެށުމާއެކު އަންހެނުންގެ ހެކި ބަހުގެ ޤާނޫނު މިހާރުވަނީ އުވާލެވިފައި.) އަންހެނުންގެ ހެކިބަހުގެ ޤާނޫނުގައި ޤުރްއާނުގައި ކަނޑައެޅި ބަޔާންވެގެންވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކަމުގައި ބަޔާންކޮށްފައިވާކަން.

ޤިޞާޞްގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަހުގެ ނިސްބަތް ޤުރްއާނުގެ ސާފު ނައްސެއްގައި ފެންނަން ނެތްކަން. އެހެންކަމުން، އަންހެނުންގެ ހެކިބަހުގެ ޤާނޫނުގެ އަލީގައި މިފަދަ މައްސަލަތަކުގައި އަންހެނުން އަދި ފިރިހެނުންގެ ހެކިބަހުގެ ނިސްބަތާއި ބުރަދަން ހަމަހަމަ ކަމުގައި ބަލަންޖެހޭކަން.

ޤިޞާޞްގެ ސަބަބުން ދިރިހުރުމުގެ ޙައްޤަށް އުނިކަން އައުން

ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ދިރިހުރުމާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދައިން އެ ޙައްޤު ހަނި ނުކުރާ ނުވަތަ ނިގުޅައި ނުގަންނަ ޙާލަތުގައިކަން.

- މީހަކު މަރާލުމުގެ ތުހުމަތުކުރެވިފައިވާ މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާނަމަ، އޭނާގެ މައްޗަށް ޤިޞާޞް ނުވަތަ މަރުގެ އަދަބު ދިނުމުގެ ފުރުސަތު ޤާނޫނުން އަދި އިސްލާމީ ޝަރީޢަތުން ފަހިކޮށްދީފައިވާކަން.

- ދިިރިހުރުމުގެ ޙައްޤު ހަނިކޮށްފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަން އަދި މިއީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 69 މާއްދާ އާ ފުށުއަރާގޮތަށް ކުރެވޭ މާނަކުރުމެއް ނޫންކަން.

ދަޢުވާކުރުމުގައި ހަމަހަމަކަން ނެތުން

ތަޙްޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ކުށެއްކުރިކަމަށް ތުހުމަތުކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުން ހިމެނެނީ ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައިކަން.

ދަޢުވާ އުފުލުމާމެދު ގޮތް ނިންމާ މަރުޙަލާއަކީޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން ލިބިފައިވާ ހެކި ޤަރީނާ މިނުމަށްފަހު ނިންމާ ނިންމުމެއް ކަމާއި، އެ ނިންމުން ބިނާވާނީ ތަޙްޤީޤު މަރުޙަލާގައި ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށްކަން.

ދަޢުވާ އުފުލަންވާނީ ތަޙްޤީޤު އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާ ހެކި ޤަރީނާ ވަޒަންކުރުމަށްފަހު، އެ މަރުޙަލާގައި ލިބިހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޙަޤީޤަތްތައް ކަމަށް ބެލިފައިވާ ކަންކަމުގެ އަލީގައިކަން. 

ދަޢުވާ އުފުލުމުގެ މަރުޙަލާގައި ލިބިހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެއް ހާދިސާއަކާ ގުޅިގެން ތުހުމަތުކުރެވޭ އެކި ފަރާތްތަކުގެ މައްޗަށް ތަފާތު ދަޢުވާކުރުމަކީ ހަމަހަމަކަމުން އެއްކިބާވެ ދަޢުވާކުރުން ނޫންކަން.

- ދަޢުވާއެއް އުފުލުމަށްފަހު، ޝަރީޢަތުގެ މަރުޙަލާގައި ތަޙްޤީޤު މަރުޙަލާއާ ޚިލާފަށް މަޢުލޫމާތެއް ލިބުމަކީ، ދަޢުވާ އުފުލިއިރު ޢަމަލުކުރެވުނު ގޮތް ގޯސްކަމަށް ބަލަންޖެހޭ ސަބަބެއްނޫންކަން.

ތަޙްޤީޤުގައި ހަނުހުރުމުގެ ޙައްޤު ބޭނުންކުރުން

- ހަނުހުރުމުގެ ޙައްޤަކީ އެ ޙައްޤަކާ ގުޅިފައިވާ އެހެން އެތަކެއް ޙައްޤުތަކެއް ހިމެނިގެންވާ ޙައްޤެއްކަން. މި ޙައްޤުގެ ސަބަބުން އެ ޙައްޤުގެ ބޭނުންހިފާ ފަރާތްތަކަށް އިމްތިޔާޒުތަކެއް ލިބިދޭކަން. މި އިމްތިޔާޒުތަކަކީ އޭގެ ޒާތުން ތަފާތު، އޭގެ އަސްލާއި މުހިންމު ކަމާއި ބޭނުން ހިފޭ ޙާލަތުގައި ތަފާތުތަކެއް ހުންނަ ކަންކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢަލީ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު ދަމަހައްޓަވާފައިވޭ)

- ތަޙްޤީޤުގައި ކުށުގެ ތުހުމަތުކުރެވޭ މީހަކު ހަނުހުރުމަށްފަހު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޝަރީޢަތުގައި ނަގާ ދިފާޢަކީ ނުވަތަ އޭނާ އެ ކުށުގެ ޢަމަލާ ގުޅިގެން އޮޅުން ފިލުވައިދޭ ކަންކަމަކީ އޭގެ ކުރިން ފާހަގަކޮށްފައިނުވާ ކަންކަން ކަމުގައިވާތީ، އޭގައި ޙަޤީޤަތް ހިމެނިގެންވާ ކަމާމެދު ސުވާލު އުފައްދާ، އެ ލަސްވި ލަސްވުން ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ފަހިނޫން ގޮތަކަށް މާނަކުރެވޭނަމަ، ހަނުހުރުމުގެ ހައްޤުގެ ބޭނުން ހިފުންވާނީ މަޅިއަކަށްކަން.

- އާންމު އުސޫލަކީ ހަނުހުރުމުގެ ހައްޤުގެ ބޭނުން ހިފާ މުއްތަހަމް، އޭނާއާމެދު ތުހުމަތުކުރެވޭ ކުށާއި ގުޅިގެން ޝަރީޢަތުގައި އެންމެ އެކަށޭނަ ވަގުތު ފާއިތުވާފަހުން ދިފާޢެއް ހުށަހެޅުމަކީ ނުވަތަ އެފަދަ މަޢުލޫމާތެއްގައި ދޮގު ހިމެނުމުގެ ފުރުސަތު އޮތުމަކީ ޖިނާއީ ޝަރީޢަތެއްގައި އެކަމުގެ މައްޗަށް އަހަންމިއްޔަތުކަން ދޭންޖެހޭ ކަމެއްނޫންކަން.

ހެކިންގެ ހެކިބަސް ފުށުއެރުން

- ހެކިބަސް ވަޒަންކުރުމުގެ އާންމު އުސޫލަކީ ޝަރީޢަތުން ހެކީގެ ހެކިބަހުގައި ކުދިކުދި ތަޢާރުޒުވުން ހުރި ނަމަވެސް، އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭފަދަ އެއްވެސް ޖައުހަރީ ޚިލާފެއް ހެކިންގެ ބަހުގައި ނެތްނަމަ، އަދި އެ ހެކިބަހާއި ހުށަހަޅާފައިވާ އެނޫން ހެއްކާއި ޤަރީނާގެ އަލީގައި ކަން ހިނގާފައިވާ ގޮތާއި ތަރުތީބު ސާފުވެ، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުސަތު އޮތް ނެތް މިންވަރާއި، އެކަމުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ހާދިސާ ހިނގައިދިޔަ ގޮތް ޝަރީޢަތަށް އެކަށީގެންވާ މިންވަރަށް (reasonable satisfaction) ޤަބޫލުކުރެވޭނަމަ، ކުށުގެ ޢަމަލު ހިންގާފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތުން ކަނޑައެޅުންކަން.

ޖަމާޢަތަކުން މީހަކު މެރުން

- ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 22 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ވަކިވަކީން ކުރާ އަމަލެއްގެ ސަބަބުމް ވަކި ނަތީޖާއެއް ނުކުމެއްޖެ ހިނދެއްގައި، އަދި އެއިން އެކަކު ކުރާ އަމަލެއްގެ ސަބަބުންވެސް އެ ނަތީޖާ ނުކުތުމަކީ އެކަށީގެންވާ ކަމެއްކަމަށްވާނަމަ، ޤާނޫނުލްއުޤޫބާތުގެ 22 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ޙާލަތަށް އެއިން ކޮންމެ މީހެއްގެ އަމަލުވެސް ފެތޭކަމަށް ބެލެވޭނެކަން.

- ޤާނޫނުލްޢޫޤޫބާތުގެ 30 ވަނަ މާއްދާގެ (ހ) ބުނާ ގޮތުންމީހަކުކުރާ އަމަލަކަށް އެ އަމަލުކުރި ފަރާތުގެ އިތުރުން އެހެން މީހުން ޒިންމާކުރުވިދާނެކަން.

- ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގައި ބުނާ، "އިންތިޒާމްކުރި މީހާ" ނުވަތަ "އިސްކޮށް ޙަރަކާތްތެރިވި މީހާ" ނުވަތަ "ބައިވެރިވި މީހާ" ނުވަތަ "ނިސްބަތުން ކުޑަމިންވަރަކަށް ބައިވެރިވި މީހާ" ފަރަގުކޮށް ބަޔާންކޮށްފައި އޮތްނަމަވެސް ބައެއް މައްސަލަތަކުގައި، އެ ކަންކަން ނުވަތަ ކުށުގެ ބައިވެރިން ކުށުގައި ބައިވެރިވި މިންވަރު ނުވަތަ އެ މީހެއްގެ ހިއްސާ ފަރަގުކޮށް ޝަރީޢަތުގައި ފާހަގަކޮށް ދިނުމަކީ، ޕްރޮސިކިއުޝަނަށް ކުރެވޭ ކަމެއް ނޫންކަން.

- އެ ފަރަގު ޕްރޮސިކިއުޝަނަށް ފާހަގަކޮށް، ދައްކައިދެވޭނަމަ ޤާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ބީދައިން އެ މީސްމީހުން ކުށްކުރުމުގައި ބައިވެރިވި މިންވަރަށް ނިސްބަތްކޮށް އެ މީސްމީހުންނަށް ދެވޭ އުގޫބާތުގެ ދަރަޖަ އެ މާއްދާގައި ބުނެފައިވާ ގޮތަށް ތަފާތު ކުރެވިދާނެކަން.

- އެ ފަރަގު އެ މިންވަރަށް ފާހަގަކޮށްދިނުން ޕްރޮސިކިއުޝަނަށް މުސްތަހީލު ކަމަކަށްވާ ޙާލަތުގައި، އެ މީހަކު ކުށްކުރުމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވިކަން ސާބިތުކޮށްދިނުމުން ފުދޭނެކަން.

- ޖަމާޢަތަކުން މީހަކު މަރައިފިނަމަ އެ އެންމެންގެ މައްޗަށް ޤިޞާޞްގެ އަދަބު ދެވިދާނެކަން. އެ ޢަމަލުކުރުމުގައި ބައިވެރިވީ ކިތަންމެ ގިނަ ބަޔަކު ކަމުގައިވިޔަސް، އެއީ ޤިޞާޞް ހިފުމަށް އޮންނަ ހުރަހެއް ނޫންކަން.

- އެކަކަށްވުރެ ގިނަ މީހުންވެގެން މީހަކު މަރާ ޙާލަތުގައި އެއިން ކޮންމެ މީހަކު މަރުވި މީހާގެ ގައިގައި ޖަހާ ގުއްޓަކީ މަރު މެދުވެރިވުމަށް ފުދޭ މިންވަރެއްގެ ގުއްޓެއް ކަމަށްވާނަމަ، އެއިން ކޮންމެ މީހަކީ ގަސްތުގައި މީހަކު މެރި މީހަކު ކަމުގައި ބެލެވޭނެކަން.

- މަރުގެ ކުށްކުރުމުގައި ބައިވެރިވި މީހުންގެ ތެރެއިން މަރު މެދުވެރިވުމަށް ފުދޭ ޢަމަލުކުރީ އުދުވާނީ ގޮތެއްގައި އަދި ގަސްތުގައިނަމަ، ކާކުކަން ވަކިކޮށް ފާހަގަކުރަން ނޭނގުނު ނަމަވެސް އެ ހާލަތުގައި އެ އެންމެންގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާނެކަން.

- މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޙާލަތެއްގައިވެސް، މަރުވި މީހާގެ ގައިގައި ޖެހި ގުއްޓަކީ މަރު މެދުވެރިވެދާނެ ގުއްޓެއްކަން ނުވަތަ ނޫންކަން އަދި ޙަމަލާދިން ވަކިވަކި މީހުންގެ ޢަމަލުތަކަކީ މަރު މެދުވެރިވެދާނެ ޢަމަލެއްކަން ނުވަތަ ނޫންކަން ދެނެގަންނާނީ ޚަބީރުންގެ ބަހުންކަން.

މަރުގެ ކުށް ސާބިތުކުރުމުގެ މިންގަނޑު

ޖިނާއީ މަރުގެ މައްސަލަތަކުގައި އައިބެއްނެތް ފުރިހަމަ ހެކި ލިބުނަކީ ނާދިރުކަމެއްކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު ދަމަހައްޓަވާފައިވޭ)

- އިސްލާމީ ޝަރީޢަތުގައި ގަސްތު މަރު ސާބިތުކުރަންޖެހޭ މިންގަނޑަކީ އެއްވެސް ޝުބުހައެއްނެތް މިންވަރުކަމަށް އެންމެހައި ފިޤުހު ޢިލްމުވެރިން އިއްތިފާޤުވާކަން.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) އަށް ބެލުމުން ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ ޢަމަލީގޮތުން ޔަޤީންކުރެވޭ މިންގަނޑުކަން އަދި އެ މިންވަރަކީ އިސްލާމީ ޝަރީޢަތުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންވަރުކަން.

ޤިޞާޞް މާފުކުރުމުން ތައުޒީރީ އަދަބު ދިނުން

ޤިޞާޞް ހިފުމަކީ ނިޔާވި ފަރާތުގެ ދިރިތިބި ވާރިސުންގެ ޙައްޤެއްކަން އަދި ޤިޞާޞް ހިފޭނީ ޤަތްލް ޢަމްދު ސާބިތުވާ ޙާލަތުގައި، ނިޔާވި ފަރާތުގެ ވާރިސުން އެފަދައިން އެދޭނަމަކަން.

- ވާރިސުން ޤާތިލަށް މައާފުދީ ޤިޞާޞް ހިފަން ބޭނުންނުވާ ކަމަށް ބުނި ނަމަވެސް މިފަދަ މައްސަލަތަކުގައި ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު އިސްލާމީ ޝަރީޢަތުގައި ޙާކިމާއަށް ލިބިގެންވާކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު ދަމަހައްޓަވާފައިވޭ)

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާ

- މި މާއްދާގެ (ހ) ގައި ބަޔާންކުރަނީ މަރުގެ ޙުކުމްކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ސާބިތުކޮށްދިނުމުގެ ބުރަ އާއި އެއިގެ މިންގަނޑުކަން. އުފުލަންޖެހޭ ބުރައަކީ ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދިނުން. އެއިގެ މިންގަނޑަކީ ޢަމަލީ ގޮތުން ޔަޤީންކުރެވޭ މިންވަރު.

- މި މާއްދާގެ (ށ) ގައި ބަޔާންކުރަނީ މަރުގެ ޙުކުމެއް އަތުވެދާނެ މައްސަލަތަކުގައި ދަޢުވާ ލިބޭ މީހާ އިޢުތިރާފުވުމާއި، މަރުގެ ޙުކުމެއް އަތުވެދާނެ ކުށެއް ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ހަމައެކަނި އިޢުތިރާފު ބޭނުންކުރުމާބެހޭ އުސޫލުތައްކަން.

- މި މާއްދާގެ (ނ) ގައި ބަޔާންކުރަނީ ހެކީގެ މިންވަރާ ގުޅޭ އުސޫލުތައްކަން. (ނ) ގެ 1 ވަނަ ނަންބަރަކީ، ޝަފަހީ ހެކިންނާ ގުޅޭ އުސޫލުތައްކަން އަދި 2 ވަނަ ނަންބަރަކީ، ހެކިންގެ ހެކިބަސް ފުށުއެރުމާ ގުޅޭ އުސޫލެއް ނޫންކަން. މި އުސޫލަކީ ދަޢުވާ ލިބޭ މީހާ އިޢުތިރާފުވުމަށްފަހު، އެ އިޢުތިރާފުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ބޭނުމަށް އެކަށައެޅިފައިހުރި އުސޫލުތަކެއްކަން.

-  މި މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ޙަވާލާދޭ ބަޔާނަކީ އެ ފަރާތުން ކުށަށް އިޢުތިރާފުވާ ޙާލަތުގައި އިޢުތިރާފުގެ ތަފްސީލުތައް ހިމެނޭ ބަޔާންކަން. މި އިޢުތިރާފު ބަޔާނަކީ އެ ބަޔާނުގައި ދަޢުވާ ލިބޭ މީހާ ވެފައިވާ އިޢުތިރާފުގެ ސައްޙަކަން ޝަރީޢަތުން ކަށަވަރު ކުރުމަށް އިތުރު ހެކި ބޭނުންވާނެ ބަޔާނެއްކަން. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ ބޭނުމަށްޓަކައިވެސް އިޢުތިރާފު ބަޔާނާއި ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ އެހެން ހެކިންގެ ބަޔާންތަކާއި ހެކިތައް އެއްގޮތްކަން ޝަރީޢަތުން ބަލައި ވަޒަންކުރަންޖެހޭނެކަން.

- މި މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ޙަވާލާދެނީ އިޢުތިރާފު ބަޔާން ނޫން އެހެން ބަޔާނެއްކަމަށް ބަލާނަމަ ނުކުންނާނެ ހަމަނުޖެހޭ ނަތީޖާއަކީ ކުށަށް އިންކާރުކުރާ މީހާގެ ބަޔާނުގައި ކުށްކުރިކަމަށް ބާރުދޭ ވާހަކަތަކެއް ނެތުމާއެކު، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިންގެ ބަޔާނާއި އެ ބަޔާން އެއްގޮތް ނުވުމުގެ ސަބަބުން ކުށް ސާބިތުކުރުމަށް ހުރަސްއެޅިގެން ދިއުންކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ