މަފްޠޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/SC-A/50
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 30/06/21
ފަނޑިޔާރުން
ޢަލީ ރަޝީދު ހުސައިން، ޙުސްނުއް ސުޢޫދު (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު
މައްސަލައިގެ ޚުލާސާ
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ރ) ގެ (1)، (3)، (5) ގެ ދަށުން އ. ކޮލަމާފުށި، ވިކްޓްރީ މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދެ ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، އޭނާގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރުމަށް 30 މޭ 2021 ދުވަހު ހުށަހެޅުމުން، މަފްތޫޙް ސަޢީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ އެކަށީގެންވާ ހެކި ގަރީނާ ހުށަހެޅިފައި ނެތްކަމަށް ބަޔާންކޮށް، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްނެތް ކަމަށް ނިންމިއެވެ. މި ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، މަފްތޫޙް ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން އަމުރުކުރިއެވެ.
މިއީ ހައިކޯޓުގެ އަމުރު މަފްތޫޙް ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށް ބަންދުކުރެވޭ މީހެއްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހިންގިދާނެތަ؟
2. ތުހުމަތުކުރެވޭ މީހެއްގެ ބަންދާއި ގުޅިގެން ނެރޭ އަމުރެއް އިސްތިއުނާފުކުރާ ޙާލަތުގައި، ދަށު ކޯޓުގެ މުއްދަތު މަޖިލީހަށް ހުށަހެޅިފައިނުވާ ހެކީގެ މައްޗަށް އިސްތިއުނާފީ މަރުޙަލާގައި ރިޢާޔަތްކުރެވިދާނެތަ؟
3. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމުގައި ހާސިލުކުރަންޖެހޭ ހެކީގެ އެންމެ ކުޑަ މިންވަރަކީ ކޮބާ؟
4. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ހާސިލުކުރަންޖެހޭ ހެކީގެ އެންމެ ކުޑަ މިންވަރަކީ ކޮބާ؟
5. "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން" މާނަކުރާނީ ކިހިނެއް؟ "ފަރުވާތެރި ސަބަބުވެރި މީހެއް" މާނައަކީ ކޮބާ؟
6. "ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން" މާނަކުރާނީ ކިހިނެއް؟
ނިންމިގޮތް
ހައިކޯޓުން މަފްތޫޙް ސަޢީދު ބަންދުކުރުމަށް ނެރުނު އަމުރު ބާތިލުކަމަށް ކަނޑައަޅައި، އިންޓެލިޖެންސް ރިޕޯޓު ފިޔަވައި މަފްތޫޙް ސަޢީދުގެ މައްޗަށް ފުލުހުންނަށް އިތުރު ހެކި ލިބިފައިވާނަމަ، އެ ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށް މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭތޯ ބެލުމަށް ހުށަހެޅުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
އިޖުރާއަތު މަސްހުނިކުރުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) :
1. ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ އާންމު އިޖުރާއަތުތައް އެ ޚާއްސަ ޤާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުގެ މިންވަރުގެ ނިސްބަތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އާންމު އިޖުރާއަތުން އިސްތިސްނާވާނެކަން.
2. މުއްދަތު މަޖިލީހުގައި މުއްތަހަމު ބަންދުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދެނީ ކޮން ޤާނޫނެއްގެ ދަށުން ކަމަށް ސަރީޙަ ޢިބާރާތުން ފުލުހުން ބަޔާންނުކުރިޔަސް، މުއްތަހަމުގެ މައްޗަށް ތުހުމަތުކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކުށެއްގެ މައްޗަށްކަން މުއްދަތު މަޖިލީހުގައި ފުލުހުން ބަޔާންކޮށްފިނަމަ، ފަނޑިޔާރު ޢަމަލުކުރަންވާނީ މި މާއްދާގައިވާ ފަދައިންކަން.
3. މުއްތަހަމުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދެނީ ކޮން ޤާނޫނެއްގެ ދަށުން ކަމަށް ސަރީޙް ބަހުން ބުނެފައި ނެތުމަކީ، އެ އިޖުރާއަތު ދަށުކޯޓުން ތަތުބީޤުކޮށްފައިނުވާ ކަމަށް އިސްތިއުނާފުގެ މަރުޙަލާގައި ބުނެވޭނެ ސަބަބެއްނޫންކަން.
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން ބަންދުކުރުމަށް ހުއްދަކުރެވިފައިވާ 14 ދުވަސް ހަމަވުމުން، ޓެރަރިޒަމް ކުށެއްގެ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ އާންމު އިޖުރާއަތުގެ ދަށުން އިތުރު މުއްދަތަކަށް ބަންދުކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ހުއްދަކުރާކަން. އެ ޙާލަތުގައި ފަނޑިޔާރު ރުޖޫޢަވާން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަށްކަން.
މުއްދަތު މަޖިލީހަށް ހުށަނޭޅޭ ހެއްކަށް އިސްތުނާފީ ކޯޓުން ރިޢާޔަތްކުރުން
- ދަށު ކޯޓުގެ ބަންދުގެ މުއްދަތު މަޖިލީހަށް ހުށަހަޅަން ފުރުސަތު އޮތް ހެއްކެއް ނުވަތަ ޤަރީނާއެއް އެ މަޖިލީހަށް ހުށަނާޅައި އޮންނަ ޙާލަތުގައި އެ ހެކި ނުވަތަ ޤަރީނާއެއް އިސްތިއުނާފީ ކޯޓަށް ހުށަހަޅައިގެން ނުވާނެކަން.
- ބަންދުގެ މުއްދަތު މަޖިލީހެއްގައި ހަމައެކަނި ތުހުމަތުގައިވާ މީހެއްގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީ ގޮތެއްގައި ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ބަޔާންކޮށް ދިނުމުން ފުދޭނެކަން. އެ ހެކިތަކުގެ ތަފްސީލު ކުށުގެ ތުހުމަތުގައިވާ މީހަކަށް ދޭން ނުޖެހޭނެކަން.
- އެއްވެސް ހެއްކަކަށް ނުވަތަ ޤަރީނާއަކަށް ނުވަތަ ސަބަބަށް ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކުރުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާއިން ހުށަހަޅާނަމަ އެކަމެއް ބަންދުގެ މުއްދަތުގެ މަޖިލީހުގައި ބަޔާންކޮށް އެކަން މުއްތަހަމުގެ ސަމާލުކަމަށް ގެންނަންވާނެކަން.
- އައު ހެއްކެއް ލިބުމުން، އަލުން ބަންދުގައި ބަހައްޓަން އެދޭނަމަ، ހުށަހެޅުމުގެ އިޚްތިޔާރު ޕީޖީ އަދި ފުލުހުންނަށް ލިބިގެންވާކަން.
- އައު ހެއްކެއް ދަށު ކޯޓަށް ހުށަނާޅައި އިސްތިއުނާފީ ކޯޓަށް ހުށަހަޅައި، އޭގެ މައްޗަށް ބިނާކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އެދެފިނަމަ، އިސްތިއުނާފީ ކޯޓުން އެ މައްސަލައެއް ތަހުވީލުކުރާނީކަން. ސަބަބަކީ މުއްތަހަމް ބަންދުގައި ބަހައްޓާނީތޯ ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރާނީތޯ ކަނޑައެޅުމަކީ އާޚިރުގައި ވާޤިއާތަކެއްގެ މައްޗަށް ބިނާވާ ސުވާލެއް ކަމަށްވާތީވެ، އިސްތިއުނާފުގެ މަރުޙަލާގައި އެ ވާޤިއާތައް މާނަކޮށް އެ ވާޤިއާތަކާމެދު ގޮތެއް ކަނޑައެޅުމަކީ އިސްތިއުނާފީ ކޯޓަށް ކުރެވޭނެ ކަމަކަށް ނުވާތީ އާއި، އެފަދައިން ޢަމަލުކޮށްފިނަމަ އަސްލު މައްސަލައިގެ ޝަރީޢަތަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެތީ.
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި އުސޫލު މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:
1. މީހަކު ހައްޔަރުކުރަން ދަށު ކޯޓަށް ހެއްކާ ގުޅޭ އެކަށީގެންވާ މަޢުލޫމާތު ހުށަނާޅައި، މައްސަލައެއް އިސްތިއުނާފުކުރުމަށްފަހު، އިސްތިއުނާފީ ކޯޓަކަށް އައު ހެކި ހުށަހެޅި ކަމުގައިވިޔަސް، ފަހުން އިސްތިއުނާފީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަނި ރިޢާޔަތް ކުރެވިގެން އިސްތިއުނާފީ ކޯޓުން މީހެއްގެ ބަންދާމެދު ގޮތެއް ނުނިންމޭނެކަން.
2. ބަންދުގެ މުއްދަތު މަޖިލީހަކީ އެހެން ޝަރީޢަތުގެ މަޖިލިސްތަކުގެ އާންމު އުސޫލުތަކާ އެއްގޮތަށް، ދެ ފަރާތުން ހުށަހަޅާ ކަންކަމަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތްކޮށް، ހެކި ހުށަހެޅިފައިވާނަމަ، އެ ހެއްކަށް ދެވޭ ބުރަދަން ވަޒަންކޮށް ނިންމުންތައް ނިންމަންޖެހޭ މަޖިލީހެއްކަން.
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި އުސޫލު މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:
1. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަކީ އެއްވެސް ޙާލަތެއްގައި އެމީހެއްގެ މައްޗަށް ޝަރީޢަތް ހިންގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ދިފާޢުވެ ހެކިންނާ ސުވާލުކޮށް ހެކި ތައުނުކުރުމަށް ބޭއްވޭ މަޖިލީހެއްގެ ނޫންކަން.
2. ބަންދުގެ މުއްދަތުގެ މަޖިލީހެއްގައި ހަމައެކަނި ތުހުމަތުގައިވާ މީހެއްގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީ ގޮތެއްގައި ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ބަޔާންކޮށް ދިނުމުން ފުދޭނެކަން.
3. ކުށެއްގެ ތުހުމަތުގައިވާ މީހަކަށް އެމީހެއްގެ މައްޗަށް ހުރި ހެކިތަކާއި ޤަރީނާތަކުގެ ތަފުސީލު ތަޙްޤީޤު މަރުޙަލާގެ ތެރޭގައި އެނގިއްޖެނަމަ، އެ ކަމަކީ އެކަމުގެ ސަބަބުން މައްސަލައިގެ ތަޙްޤީޤަށް ހުރަސްއެޅި ހެކި ނައްތާލުމާއި ހެއްކަށް ނުފޫޒު ފޯރުވިދާނެފަދަ ސަބަބެއްކަމުގައި ނޫނީ ވެގެން ނުދާނެކަން.
- ބަންދުގެ މަޖިލީހަށް ހުށަހެޅޭ ހެއްކާ ޤަރީނާއަކީ ހައްޔަރުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަންދުގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން ހަދާފައިވާ އިޖުރާއީ ޤާނޫނުތަކުގައި ބަޔާންކުރާ މިންވަރަށް ހެކި ހުރިކަން ނުވަތަ ނޫންކަން ފަނޑިޔާރު ކަށަވަރުކުރުމުގެ ވަސީލަތެއްގެ ގޮތުން ހުށަހެޅޭ އެއްޗެއްކަން.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ފެ ދަށުން ބަންދުކުރުން
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ރ) : މި ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުން ލާޒިމުވުމަށް ހުރަސްކުރަންޖެހޭ އެންމެ ތިރީ އޮޅިގަނޑަކީ ޓެރަރިޒަމްގެ ޢަމަލެއް ދުރުނޫން މުސްތަޤުބަލެއްގައި ހިންގާފާނެކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައި އޮތުން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި އެވަގުތަށް "ތުހުމަތުކުރެވޭ މިންވަރަށް ހެކި" ނެތް ކަމުގައިވިޔަސް، "ކޮންމެވެސް މިންވަރެއްގެ ހެކި" ހުންނަންވާނެކަން.
1. ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން:
- އެއީ ހަމައެކަނި ކުރެވޭ ޝައްކަކަށްވުރެ މަތީ ދަރަޖައެއް ހާސިލުވުންކަން. އެ މިންވަރު ހާސިލުވާނީ އެކަށީގެންވާ މިންވަރަކަށް އިތުބާރުކުރެވޭ ގޮތަކަށް ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި އެފަރާތަށް އެނގިފައިވާ ވާޤިއާތަކާއި ޙާލަތަށް ބަލައި މުއްތަހަމު ކުށް ކޮށްފައިވާ / ކުރަމުންދާ ގެންދާ ކަމަށް ފަރުވާތެރި، ސަބަބުވެރި މީހަކަށް ޤަބޫލުކުރެވުންކަން.
- ޔަޤީންކަމުގެ މަހައްލާއި ޝައްކުގެ މަހައްލާއި ދެމެދުގެ ދަރަޖައެއްކަން.
- ޓެސްޓް: ކުށެއްގެ ތުހުމަތުކުރުމަށް ލިބިފައިވާ ވާޤިއާތަކާއި ޙާލަތުތަކަށް ބަލައި މުއްތަހަމް ކުށްކޮށްފައިވާ ނުވަތަ ކުށްކުރަމުން ގެންދާކަމުގެ ޔަޤީންކަން 50 ޕަސެންޓަށްވުރެ އެއް ޕަސެޓް ނަމަވެސް އިތުރުވާނަމަކަން.
- މި ޓެސްޓުގައި ފަނޑިޔާރު ރިޢާޔަތްކުރަންވާނީ އޭނާގެ ކުރި މައްޗަށް ހުށަހެޅުނު ވާޤިއާތަކާއި މުއްތަހަމް ކުށްކުރި ކަމަށް ކުރެވޭ ޝައްކުތަކުގެ މައްޗަށްކަން. އެ ވާޤިއާތަކާއި ހާލަތުތަކުން ކުރެވެނީ މުއްތަހަމް ކުށެއް ކުރިކަމުގެ ހަމައެކަނި ޝައްކެއްނަމަ އެވަރުން ނުފުދޭނެކަން.
- ޝައްކުގެ މަހައްލުން ނެއްޓި ކައިވަތެއްހާ ތަން ނަމަވެސް ޔަޤީނުގެ މަންޒިލާ ދިމާއަށް ހޭރިޔާކުރެވެންވާނެކަން. ޔަޤީނުގެ އިމުގެ ތެރެއަށް ވަނުން ލާޒިމްނޫންކަން.
- "ފަރުވާތެރި ސަބަބުވެރި މީހެއް" : އެއްވެސް ޤާނޫނީ ތަމްރީނެއް ހަދާފައިނުވާ، އާދައިގެ ދިރިއުޅުމެއްގައި އުޅޭ، މަގުމަތިން ދިމާވާ ނުވަތަ މާލެއިން ރަށަށް ދަތުރުކުރާ ފެރީއަކުން ދިމާވާ މުދައްރިސެސް ނުވަތަ ކެޔޮޅެއްފަދަ މީހެއް.
- ފަރުވާތެރި ސަބަބުވެރި މީހެއްގެ ނަޒަރުން ވާޤިއާތަކާއި ހާލަތު ވަޒަންކުރަން ބުނެފައިވީ ނަމަވެސް ތަމްރީން ލިބިހުރި ތަޖުރިބާވެރި ފުލުސް އޮފިސަރެއްގެ ރައުޔަކީ ބައެއް ބާވަތުގެ މައްސަލަތަކުގައި ދޫކޮށްލެވޭނެ އެއްޗެއް ނޫންކަން.
2. ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން:
- އެއީ މައްސަލައިގައި ލިބިހުރި މަޢުލޫމާތުގެ މިންވަރަށް ބަލާއިރު، ފަނޑިޔާރުގެ އަތުގައި އޮތް މައްސަލައިގައި ޖިނާއީ ހަރަކާތެއް ހިނގާކަން ފަރުވާތެރި، ސަބަބުވެރި މީހަކަށް ޤަބޫލުރެވުންކަން. އެކަން ބިނާވާންޖެހޭނީ ސާފު ވާޤިއާއެއް / ވާޤިއާތަކެއްގެ މައްޗަށްކަން. ބުއްދީގެ ހަމަތަކުން ބަލާއިރު، އެ ވާޤިއާއިން ފިޔަވަޅެއް އެޅުން ލާޒިމުވާކަން ދޭހަވުންކަން.
- ޔަޤީނާ ދިމާއަށް ފަނޑިޔާރުގެ ވިސްނުން ދަތުރުކުރުމުގެ ރާސްތާގައި "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން" އަށްވުރެ ދަށް ދަރަޖައެއްކަން ނަމަވެސް ޝައްކަށްވުރެ މަތީ ދަރަޖައެއްކަން.
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން 14 ދުވަހަށް ބަންދުކުރުމަށް އިންޓެލިޖެންސް ރިޕޯޓް އެކަނި އޮތުމުން ފުދޭނެކަން ނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ މަޤްސަދަށްޓަކައި އެ ރިޕޯޓް އެކަނި އެއީ ކޮންމެވެސް މިންވަރެއްގެ ހެކި ކަމަށް ބަލައި ނުގަނެވޭނެ ކަމާއި، އޭގެ އިތުރުން ސާފު ވާޤިއާތަކަކުން ފަނޑިޔާރުގެ އަތުގައި އޮތް މައްސަލައިގައި ޖިނާއީ ޙަރަކާތެއް ހިނގާކަން ފަރުވާތެރި، ސަބަބުވެރި މީހަކަށް ޤަބޫލުކުރެވެން ޖެހޭނެކަން.