އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2012/SC-A/22
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 25/03/13
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު
މައްސަލައިގެ ޚުލާސާ
ގ.ޗާނދަނީމާގެ އިސްމާޢީލު ޝުޖާޢުގެ އަތުން އަނބުރާ ދައްކާގޮތަށް ހ.މިރިހި، ޙުސައިން ޝަރީފް ދަރަންޏަށް ނަގާފައިވާ ފަސްމިލިއަން އެއްލައްކައަށްވުރެ ގިނަ ޑޮލަރު ނުދެއްކި އޮތުމުން، މި ދަރަނި ދެއްކުމަށް މއ.އަތަމާގޭ، އިބްރާހީމް ޢަބްދުލްލަޠީފު ޖާމިނުވެ، މި ފައިސާ ދައްކާނެ ގޮތަކާމެދު މި ތިން މީހުންގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި ފައިސާގެ ތެރެއިން 818،608.13 ޑޮލަރު ދެއްކުމަށްފަހު ބާކީ ފައިސާ 9 ޗެކަށް ބަހާލައިގެން ދެއްކުމަށް މި ތިން މީހުންގެ މެދުގައި އެއްބަސްވެވުނެވެ. މި ޗެކްތައް ބައުންސްވާން ފެށުމުން އެ މައްސަލަ އިސްމާޢީލު ޝުޖާޢު ފުލުހަށް ހުށަހެޅިއެވެ. ފުރަތަމަ ތިން ޗެކުގެ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ދަޢުވާކުރެވި ޝަރީޢަތުގެ މަރުޙަލާގައި ފައިސާ ދެއްކިއެވެ. އެހެންނަމަވެސް ބާކީ 6 ޗެކުވެސް ބައުންސްވެ އެއިން ލިބެންވީ ފައިސާ އެއްވެސް މިންވަރަކަށް ލިބިފައިނުވަނީސް މި މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމިއެވެ. މި ނިންމުން ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބުނެ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ރަޖިސްޓްރާރ ނިންމީ މައްސަލަ ބަލައި ނުގަންނާށެވެ. މި ނިންމުން މުރާޖަޢާކުރުމަށް ހައިކޯޓުގައި އޯނަސް ޕްރައިވެޓް ލިމިޓެޑްއިން އެދުމުން ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2008/SC-J/03 އަށް ރިޢާޔަތްކޮށް އެކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށެވެ.
މިއީ އޯނަސް ޕްރައިވެޓް ލިމިޓެޑްއިން ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޕްރޮސިކިއުޓަރ ޖެނެރަލް ޖިނާއީ ކުށެއްގައި ދަޢުވާނުކުރަން ނިންމާ ނިންމުން ޖުޑީޝަން ރިވިއުކުރެވިދާނެތަ؟
2. ޕްރޮސިކިއުޓަރ ޖެނެރަލަށް ޖިނާއީ ކުށެއްގައި ދަޢުވާނުކުރަން ނިންމޭނީ ކޮން ޙާލަތެއްގައި؟
3. ޗެކް ބައުންސްވުމުގެ ކުށަކީ މުތްލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްތަ؟
4. ޗެކް ދޫކުރީ ކުންފުންޏަކުން ކަމުގައިވާނަމަ، ޗެކް ބައުންސްވާ ޙާލަތުގައި ޒިންމާވާނީ ކާކު؟
5. ޗެކުގައިވާ ފައިސާއަކީ ރިބާއެއް ކަމަށް ބަޔާންކުރުމަކީ ޗެކް ބައުންސްވާ މައްސަލަތަކުގައި ނެގޭނެ ދިފާޢެއްތޯ؟
ނިންމިގޮތް
ޗެކް ބައުންސްވުމުގެ ކުށުގެ ޒިންމާ އާއި ދަރަނީގެ ޒިންމާއިން އެ ޗެކްތައް ދޫކުރި ފަރާތް ޤާނޫނީ ހަމަތަކުގެ މަތިން ބަރީއަވެފައިވާކަމަށް ބެލެވޭނެ ސަބަބެއް ނެތްކަމަށާއި، ޗެކް ބައުންސްވުމުގެ ކުށުގެ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުން މުރާޖަޢާކުރަން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމަކީ މި މައްސަލައިގައި އޯނަސް ޕްރައިވެޓް ލިމިޓެޑަށް ކުރެވިދާނެ ކަމެއްކަމަށް، މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުން ޖުޑީޝަން ރިވިއުކުރުން
- ޖިނާއީ ކުށުގެ ތަޙްޤީޤުތަކާއި ގުޅިގެން ޕީޖީ އަދާކުރާ މަސްއޫލިއްޔަތަކީ ޤަޟާއީ (ޖުޑީޝަން) ތަބީއަތުގެ މަސްއޫލިއްޔަތެއްކަން. (އެއީ ޕީޖީ އޮފީހުގެ އިދާރީ ނިންމުމެއް ނޫންކަން)
- އެހެނިހެން ޖުރިސްޑިކްޝަންތަކާއި އެއްގޮތަށް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (އ) ގައި ޕީޖީ ދަޢުވާނުކުރަން ނިންމާ ނިންމުން މުރާޖަޢާކުރުމުގެ އުސޫލު ބަޔާންވެގެންވާކަން. މިފަދައިން ރިވިއުކުރެވޭނީ އިދާރީ / މަދަނީ މައްސަލަތައް ރިވިއުކުރާ އުސޫލުން ނޫންކަން.
ޕްރޮސިކިއުޓަރ ޖެނެރަލް ޖިނާއީ ކުށެއްގައި ދަޢުވާނުކުރަން ނިންމުން
- ދަޢުވާއެއް ނުކުރުމަށް ނިންމާ ނިންމުން އޮންނަންވާނީ ކަނޑައެޅިފައިވާ ފޯމަލިޓީއާ އެއްގޮތަށް ލިޔުމުންކަން އަދި އެ ލިޔުމުގައި ޕީޖީ / ޕީޖީ ކަނޑައަޅާ ފަރާތެއްގެ ސޮއި އޮންނަންވާނެކަން. މި ލިޔުމުގައި ދަޢުވާނުކުރަން ނިންމާފައިވާ ޤާނޫނީ ސަބަބު ނުވަތަ މައުޟޫއީ ސަބަބު ތަފްސީލްކޮށް އެނގެން އޮންނަންޖެހޭނެކަން.
- ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާއެއް ނުކުރުމަށް ނިންމުމުގެ ނަތީޖާއަކަށްވާނީ: ބަންދުގައި ހުރި މީހެއްނަމަ ބަންދުން ވީއްލުމާއި، މަނާކުރެވިފައިވާ މުއާމަލާތެއް އޮތްނަމަ އެކަން ނިމުމަކަށް އައުމާއި، ހިފެހެއްޓިފައިވާ އެއްޗެއް މައްސަލައިގައި ހުރިނަމަ އެއާމެދު ގޮތް ނިންމުމާއި، ދަޢުވާ ނުކުރަން ނިންމާ ނިންމުމުގެ ހުއްޖިއްޔަތަށް ރެސް ޖުޑިކާޓާގެ ބާރު ލިބުންކަން. އެފަދައިން ނިންމާ މައްސަލަތަކުގައި އިތުރަށް ދަޢުވާކުރިއަށް ގެންދެވޭނީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައިި އިތުރު ހެއްކެއް ލިބިގެންކަން.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ވަކި ދަޢުވާއެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ކޯޓުން އަމުރު ނެރުމަކީ ބުރަވެވޭ އުސޫލެއްނޫންކަން.
މުތްލަޤު މަސްއޫލިއްޔަތު
- ޗެކް ބައުންސްވުމުގެ ކުށުގެ ނައްސަށް ބަލާއިރު، މިއީ މުތުލަޤު މަސްއޫލިއްޔަތު (strict liability) ކުށެއްކަން. މި ކުށުގައި މައުނަވީ ރުކުން ސާބިތުކުރުމަކާއި ނުލައި ކޮންމެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވޭނެކަން އަދި މި ބާވަތުގެ ކުށްތަކުގައި ޤާނޫނުގައި ބަޔާންވެފައިވާ ރުކުންތައް ފުރިހަމަނުވާކަން ސާބިތުކުރުމަކީ ދަޢުވާ ލިބޭ މީހާގެ ޒިންމާއެއްކަން.
- ބައެއް ކުށްކުށުގައި މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް ޤާނޫނު ލިޔެވިފައިވަނީ އެފަދަ ކުށްތައް މުޖްތަމަޢުގައި އާންމުވެ އެކަމުގެ ނުރައްކަލުން މުޖްތަމަޢުގެ އާންމު މަސްލަޙަތު ހިމާޔަތްކުރުމަށްކަން.
- ޗެކެއް ދޫކުރީ ކުންފުންޏަކުން / ޖަމާޢަތަކުން ކަމަށްވާނަމަ، ކުށްވެރިވާނީ އެ ކުންފުންޏެއް / ޖަމާޢަތެއް ހިންގުމުގައި އެންމެ އިސްކޮށް ހުރި މީހަކު ނުވަތަ އެ ޗެކުގައި ސޮއިކުރި މީހަކުކަން.
ޗެކުގައިވާ ފައިސާއަކީ ރިބާއެއް ކަމުގައި ބުނުން
- ޗެކުގައިވާ ފައިސާއަކީ ރިބާއެއް ކަމުގައި ބުނުމަކީ ދިފާޢެއް ނޫންކަން. ޗެކުގައިވާ ފައިސާއަކީ ރިބާއެއް ކަމަށްވާނަމަ، އެއީ ވަކި ޖިނާއީ ކުށެއްކަމުން އެފަދަ ތުހުމަތެއް ކުރެވި މައްސަލައެއް ބަލައި ތަޙްޤީޤުކޮށް ނުވަތަ ޝަރީޢަތް ހިންގިފައިނުވާނަމަ، އެއީ ޗެކް ބައުންސްވުމުގެ ކުށުން ޗެކް ދޫކުރި ފަރާތަށް ބަރީއަވެވޭނެ ހުއްޖަތެއްނޫންކަން.