ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
- ޤަޟިއްޔާ ނަންބަރު:
- 2020/HC-A/169
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 11/08/22
ފަނޑިޔާރުން
ޙުސައިން ޝަހީދު (ރިޔާސަތު)، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒު
މައްސަލައިގެ ޚުލާސާ
މައްސަލާގައި ހުށަހަޅާފައިވާ "ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމުގެ ހުއްދަ" ދިނުމުގެ ކުރީން، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ފަށާފައިވާކަން "ކޮންޓްރޯލް ޑެލިވަރީ ލޮގް" އިން އެނގެން އޮންނާތީއާއި، "ކޮންޓްރޯލް ޑެލިވަރީ ލޮގް" އާ ގުޅިގެން އުފެދުނު ސުވާލުތައް އެ ލޮގް ތައްޔާރުކުރި ފަރާތެއް ދައުލަތަށް ސާބިތުކޮށް ނުދެވުމުގެ ސަބަބުން ސާފުކުރެވިފައިނުވާތީއާއި، މައްސަލާގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށްޓަކައި މަސްތުވާތަކެތި އަލުން އަނބުރާ މަސްތުވާތަކެތި ދިވެހިރާއްޖެ އެތެރެކުރި ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ނިޒެމް އުއްދީން އާ ހަވާލުކުރިކަމަށް ސީން އަށް ހާޒިރުވި ފުލުހުންގެ ހެކިބަހުން އެނގެން އޮތްއިރު، އެކަން ޗެއިން އޮފް ކަސްޓަޑީގެ ލިޔުމުން އެނގެން ނެތުމުންނާއި، ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާނަމަ، ތަޙްލީލް ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ މީހާގެ އަތުން އަތުލައިގަނެވުނު ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާނެކަން ކަނޑަނޭޅޭނޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2017/HC-A/253 ޤަޟިއްޔާގައި ބަޔާންކޮށްފައިވާތީ މި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވިއެވެ.
މިއީ ކްރިމިނަލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ނިންމުން އެކްސްޕާރޓޭކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފު ޤަޟިއްޔާއެވެ.
އިޝޫ
ކްރިމިނަލް ކޯޓުގެ ނަންބަރު 556/Cr-C/2017 ޤަޟިއްޔާ އިން ނިންމާފައިވާ ނިންމުން، އިސްތިއުނާފު ރައްދުވާ ފަރާތެއް ނުހިމަނައި ހައިކޯޓުގައި އިތުރަށް ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ސަބަބެއް އޮތްތޯ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/253 ޤަޟިއްޔާގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ އަތަށް މަސްތުވާތަކެތި އަލުން ދީފިނަމަ ، އެކަން ޗެއިން އޮފް ކަސްޓަޑީން އެނގެން އޮންނަންވާނެކަމަށް ކަނޑައަޅާފައިވާ އުޞޫލު އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތަށް މުރާޖަޢާ ކުރާނެތަނެއް އޮތްތޯ ބެލުން.
ނިންމިގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/253 ޤަޟިއްޔާގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ އަތަށް މަސްތުވާތަކެތި އަލުން ދީފިނަމަ، އެކަން ޗެއިން އޮފް ކަސްޓަޑީން އެނގެން އޮންނަންވާނެކަމަށް ކަނޑައަޅާފައިވާ އުޞޫލު މުރާޖަޢާ ކުރާނެ ތަނެއް ނެތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ޤަޟިއްޔާއެއްގެ ތެރެއިން، ޤާނޫނަކަށް ހައިކޯޓުންދޭ ތަރުޖަމާއެއް ގޯސްކަމަށް ދެކޭ ފަރާތަކަށް އޮތް ފަރުވާ
އެމައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން ކަމަށާއި ސުޕްރީމް ކޯޓުން އެމައްސަލައެއްގައި ނިންމާ ނިންމުމަކީ، އެޤާނޫނަށް އެހިނދަށް އޮތް ތަރުޖަމާކަމަށާއި އެތަރުޖަމާއަކީ ގޯސްތަރުޖަމާއެއްކަމަށް ދެކޭފަރާތަކަށް އޮތް ފަރުވާއަކީ، ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅައިގެން، ސުޕްރީމް ކޯޓުން ދިން ތަރުޖަމާ ނަފީވާގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުންކަމަށާއި ހަމައެހެންމެ، ހައިކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފު ނުކުރުމުގެ ސަބަބުން، އެނިންމުމަށް ކަނޑައެޅި ނިޔާގެ ބާރު ލިބުމުން، ދެން އެނިންމުމަކީ، ޤާނޫނަށް އެހިނދަށް އޮތް ތަރުޖަމާ ކަމަށާއި އެކަމާއި ހިތްހަމަ ނުޖެހިގެން، އެއުޞޫލު ބަދަލުކުރުމަށް ކޯޓަކަށް ނާދެވޭނެކަމާއި މިޙާލަތުގައި ދާން އޮތްތަނަކީ ޤާނޫނު ހަދާ މަޖިލީސްކަން ބަޔާންކޮށްފައިވޭ.
ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާނަމަ ޢަމަލުކުރަންވީގޮތް
ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ނުވަތަ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށަށް ގެނެވޭ އެއްޗަކާއިމެދު މުޢާމަލާތު ކުރެވުނު ގޮތް ނުވަތަ އެއެއްޗެއް އެކެއްގެ ކިބައިން އަނެކަކުގެ ކިބައަށް އެއްތަނުން އަނެއްތަނަށް ދައުރުވެ ނަގުލުވަމުން ދިޔަގޮތުގެ ބޮޅުފަތި ފުރިހަމަ ވެފައި އޮތުމުގެ ބޭނުމަކީ، އެއެއްޗަކަށް ހެއްކެއްގެ ގޮތުގައި ބުރަދަން ދޭންޖެހޭ މިންވަރު ދެނެގަތުންކަމަށްވާތީ އެއީ އެހެއްކެއް ކޯޓަށް ބަލައިގަތުމަށް ހުރަސްއަޅާ ކަމެއް ނޫންކަމަށާއި މިއުޞޫލުން ބަލާއިރު، މިދެންނެވި ބޮޅުފަތިން ބޮޅެއް ވަކިވެފައި އޮތްނަމަވެސް، އެހެއްކެއް ކޯޓަށް ބަލައިގަނެވޭނެކަމަށާއި ނަމަވެސް އެހެއްކަށް ބުރަދަން ދިނުމުގައި މެދުކެނޑިފައިވާ ބޮޅު ގުޅުވާލަދޭނެ ގޮތެއް ހެކި ހުށަހަޅައިގެން ޕްރޮސިކިއުޝަނުން ބަޔާންކޮށް ނުދޭނަމަ، އެފަދަ އެއްޗަކަށް ފުރިހަމަ ހެއްކެއްގެ ގޮތުގައި ބުރަދަނެއް ނުދެވޭނެކަމަށާއި ހައިކޯޓުގެ ނަންބަރު:2017/HC-A/253 ގައި ކަނޑައެޅި އުޞޫލަކީ ހެއްކާބެހޭ ގޮތުން ޢަމަލު ކުރަމުންދާ ރަގަޅު ހަރުދަނާ އުޞޫލެއްކަމަށް ކަނޑައަޅުއްވާފައިވޭ.
ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމަށްފަހު، އެ ދަޢުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރިއަށް ގެންދޔުމާގުޅޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/44 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (16) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ދައުވާ އުފުލުމަށްފަހު އެދަޢުވާއާ ގުޅިގެނ ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުމެއް ރައްދުވާފަރާތުގެ ޣައިއު ހާޟިރުގައި ނިންމޭނެ އުޞޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވާކަމަށް. އެހެންކަމުން އިސްތިއުނާފީ މިދަޢުވާ ލިބޭ ފަރާތެއް ނެތި މިދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވާފައިވޭ.