ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ދިފްރާނު

ޤަޟިއްޔާ ނަންބަރު:
2022/HC-A/146
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
މަރު
ނިމުނު ތާރީޚު:
31/12/25

ފަނޑިޔާރުން

ފާތިމަތު ފަރުހީޒާ (ރިޔާސަތު)، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން

މައްސަލައިގެ ޚުލާސާ

މުޙައްމަދު ދިފްރާން، އިތުރުބަޔާއެކު، 23 އެޕްރީލް 2017 ދުވަހު ދަންވަރުގެ ވަގުތެއްގައި، ކ.މާލެ މ.ސްޕެޓިއުލާ ގޭގެ ގްރައުންޑް ފުލޯރގައި ސ.ފޭދޫ ޗަބޭލީގެ ޔާމީން ރަޝީދުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާކަމަށް ތުހުމަތުކުރެވިގެން، މީނާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދަޢުވާ އުފުލުނެވެ.

ކްރިމިނަލް ކޯޓުން ނިންމީ، މީނާ އެ ޢަމަލު ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ. އަދި، ދަޢުވާ އުފުލިފައިވާ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުކޮށްދިނުމަށް އޮންނަ އުސޫލުގެ ތަރަހައިގެ ތެރެއިން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން މައްސަލައިގެ ހެކިބަސް ނެގުމާއި ޙުކުމްކުރުމާ ދެމެދު، މައްސަލައިގައި ހާމަވާ ހެކީގެ ސަބަބުން ދަޢުވާ އުފުލިފައިވާ ކުށުގެ ޢަމަލުން އިތުރު ކުށެއް ފުރިހަމަވާ ގޮތް ސަބަބާއެކު ދައުލަތުން ހުށަހަޅާފައިނުވާތީއާއި، ޚުލާސާ ބަޔާނުގައިވެސް އެފަދަ ކަމެއް ދައުލަތުން ހުށަހަޅާފައިނުވާތީ، އެހެން ކުށެއް ސާބިތުވާކަމާމެދު ގޮތެއް ނިންމެން ނެތްކަމަށެވެ.

ދަށު ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއާ ގުޅިގެން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނެ މި އޮފީހުން އިސްތިއުނާފުކުރިއެވެ.

އިޝޫ

އުފުލާފައިވާ ދަޢުވާ ސާބިތުވާކަމަށް ފަނޑިޔާރަށް އިޤްތިނާއުނުވެވޭނަމަ، އަދި އެ ކުށް ކުރަން އުޅުނުކަން ނުވަތަ ކުށް ކުށް ކުރުމުގައި ބައިވެރިވިކަމަށް އިޤްތިނާއު ވެވޭ މިންވަރަށް ހެކި ހުރިނަމަ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހުށަހެޅުމެއް ނެތް ހާލަތެއްގައި ކުށް ކުރަން އުޅުން ނުވަތަ ބައިވެރިވުން ސާބިތުވާކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިގެންވޭތޯ.

ނިންމިގޮތް

މި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ބޭނުންނުކުރުމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށް ފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 153 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަން ބާޠިލްކަމަށް ކަނޑައަޅައި، އިސްމާޢީލް ރަޝީދު އާއި މުޙައްމަދު ދިފްރާންގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށެއް ސާބިތުވުމާމެދު ޚަސްމުން ދެކޭގޮތް ސާފުކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި، މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރެއްވިއެވެ.

ކަނޑައެޅުނު އުސޫލު

ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާއަށް ބެލުމުން، އިތުރު ކުށެއް ސާބިތުވާ ހާލަތާއި، ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން ސާބިތުވާކަމަށް ބެލެވޭ ހާލަތު ގަވާއިދުގައި ފަރަޤުކޮށްފައިވާތީއާއި (19 ވަނަ ނުކުތާ)، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ކުށް ކުރަން އުޅުނު ނުބަތަ އެހީތެރިވެދިން މީހަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކޮބައިކަން އިބްތިދާއީ މަރުޙަލާގައި ސާފުކޮށްދެވޭތީއާއި (20 ވަނަ ނުކުތާ)، ދަޢުވާ އުފުލާފައިވާ ކުށް ސާބިތުނުވިނަމަވެސް އެ ކުށް ކުރަން އުޅުނުކަން ނުވަތަ ކުށަށް އެހީތެރިވުމުގެ ކުށް ސާބިތުވުމުގެ ފުރުސަތު އޮންނާނެކަމުގެ ނޯޓިސް ދަޢުވާލިބޭ ފަރާތަށް އޮންނާނެކަމަށް ބެލެވޭތީއާއި (26 ވަނަ ނުކުތާ)، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ އިބާރާތަށް ބަލާއިރު، ދަޢުވާ އުފުލިފައި ނުވިނަމަވެސް، ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން ސާބިތުވާ ހާލަތުގައި ކުށް ސާބިތުކުރުމަކީ ފަނޑިޔާރުގެ އިޚްތުޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެއްކަން އެނގޭތީ، ޤާނޫނުން ލިބިދީފައިވާ މި އިޚްތިޔާރު ބޭނުންކުރެވިދާނެކަމަށް ނުފެންނަކަމަށް ޝަރީޢަތުން ނިންމީ ރަނގަޅު ޤާނޫނީ އަސާސެއްގެ މައްޗަށް ނޫންކަމަށް ނިންމެވިއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ