އެޓާރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޝާހް

ޤަޟިއްޔާ ނަންބަރު:
2017/SC-A/16
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
26/11/20

ފަނޑިޔާރުން

ޙުސްނުއް ސުޢޫދު، ޑރ.އަޒްމިރާލްދާ ޒާހިރު، މަހާޒް ޢަލީ ޒާހިރު، އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

ޤާނޫނު ނަންބަރު: 12/2009 ގެ 27 ވަނަ މާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ / ހައްޔަރުކުރެވޭ މީހަކަށް ހަނުހުރުމުގެ ޙައްޤު ނުލިބޭނެކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަނެވޭ ގޮތަަށް ކަމަށާއި، ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހެކީގެ ނިސްބަތަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑާއި ތަޢާރުޟުވާ ނިސްބަތެއްކަމުން، މި ދެ މާއްދާ ބާތިލްކޮށްދިނުން އެދި ގއ.ވިލިނގިލި، ބީޗް ހައުސް، ޢަލީ ޝާހް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާކުރިއެވެ. ހައިކޯޓުން ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ މި ދެ މާއްދާ ޤާނޫނުއަސާސީ އާއި، އިސްލާމީ ޝަރީޢަތާއި ފުރުއަރާކަމަށް ބެލެވެން ނެތަތީ މި ދެ މާއްދާ ބާތިލްކުރާނެ ތަނެއް ނެތް ކަމަށެވެ.

މިއީ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ޢަލީ ޝާހްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޤާނޫނު ނަންބަރު: 12/2009 ގެ މާއްދާތައް މާނަކުރާނީ ކިހިނެއް؟

2. ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ފުރުއަރާތޯ؟

3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހެކި ވަޒަންކުރުމުގެ މިންގަނޑަކީ ކޮބާ؟

4. ކުއްޖާގެ ނުނިޔަތެއް ނެތްކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ ކޮން ފަރާތަކަށް؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމުގައި ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (ދ) އަކީ އެ މާއްދާގެ ބޭނުމަށް 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުގެ މަޤްސަދާއި މި ބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަންކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ޚިލާފަށްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޤާނޫނު ނަންބަރު: 12/2009 މާނަކުރާނެ ގޮތް

- މި ޤާނޫނުގެ މާއްދާތައް މާނަކުރުމަށްޓަކައި ބޭނުންކުރަންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ 'ހައްލު ހޯދައިދިނުމުގެ އުސޫލު' ކަން. އެއީ މި އުސޫލުގެ ދަށުން ޤާނޫނުން ޙައްލު ހޯދައިދިން މައްސަލަ އޭގެ ރަނގަޅު މަހައްލުގައި އަލަށް ދިމާވާ ކަންކަމާއި މެދުވެރިވާ ހާލަތްތަކުގެ މައްޗަށް ހިނގާނެހެން އަދި އެފަދައިން ޤާނޫނު ތަންފީޒު ވާފަދައަކުން މާނަކުރުމަށް ތަންދޭތީ.

ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާ

- މި ޤާނޫނުގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޓުން ބަލައިގަންނާޏެ ހެކީގެ ނިސްބަތް ބަޔާންކުރާ މާއްދާކަން.

- މަޤްސަދަކީ: ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނާނެ ބާވަތުގެ ހެކީގެ އިތުރުން، މިބާވަތުގެ މައްސަލަތަކުގައި އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުންކަން.

- 12 ހެއްކަކީ އެކަތި އަނެކެއްޗާ ވަކިވެފައިވާ މުސްތަޤިއްލު ހެކިތަކެއް ނޫންކަމަށާއި، ޤާނޫނުގައި އެފަދައިން ލިސްޓުކުރެވިފައިވަނީ ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއިކުރުމުގެ ބޭނުމުގައިކަން.

- ހެކި ވަޒަންކުރުމުގެ އުސޫލު: ކުއްޖާ ކިޔައިދޭ ކިޔައިދނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނޫންތޯ ވަޒަންކުރުން. 12 ހެއްކަކީ ކުއްޖާގެ ހެކިބަސް ކަށަވަރުކޮށް ކޮރޮބޮރޭޓްކުރުމަށް ފަނޑިޔާރަށް ބޭނުންކުރެވިދާނެ ވަސީލަތްތައްކަން.

- ހަމައެކަނި ކުއްޖާގެ ކިޔައިދިނުމަށް ކުށް ސާބިތުވާކަމަށް ނިންމޭނީ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިތަކެއް ވާނަމަކަން.

- ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ބެލުން: ހެކިބަހުގެ އެތެރެފުށުންނާއި އަދި ބޭރުފުށުން އެއްގޮތްވޭތޯ އާއި، ކުއްޖާގެ ތެދުވެރިކަމާއި، ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާކުރުމުގެ އެއްވެސް ނުނިޔަތެއް އޮތްތޯ ބެލުން.

- އެތެރެ ފުށުން އެއްގޮތްވުން: ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެ ތަފްސީލްތަކެއް ހުރިތޯ ބަލަންޖެހޭނެކަން.

- ބޭރުފުށުން އެއްގޮތްވުން: ކުއްޖާ ފުރަތަމަ ހާދިސާ ހިނގިކަމަށް ބުނެ ކިޔައިދިން ގޮތަށް އެކި ފަރާތްތަކަށް އެކި ވަގުތު ކިޔައިދޭއިރުވެސް ބޮޑެތި ފުށުއެރުންތަކެއްނެތި ކިޔައިދިންތޯ ބަލަންޖެހޭނެކަން.

- ކުއްޖާގެ ނުނިޔަތެއް ނެތްކަން: ކުއްޖާގެ ނުނިޔަތެއް އޮތްކަމަށް މުއްތަހަމް ބުނާނަމަ، ހަމައެކަނި ބުނާ ބުނުމުން ނުފުދޭނެ ކަމާއި، އެކަށީގެންވާ ހެކި ހުށަހަޅައިގެން ކުއްޖާ އުފައްދައިގެން ވާހަކައެއް ހެދީކަން ސާބިތުކޮށްދިނުމުގެ ބުރަ މުއްތަހަމްއަށް އޮންނާނެކަން. ކުއްޖާ ނުބައި ނިޔަތެއްގައި ނޫންކަން ސާބިތުކުރުމުގެ ބުރަ ދައުލަތުގެ މައްޗަށް ފުރޮޅޭނީ މުއްތަހަމްގެ ފަރާތުން ކުއްޖާގެ ނުނިޔަތް ސާބިތުކުރަން ހެކި ހުށަހަޅާފައިވާނަކަން. އެނޫން ޙާލަތުގައި ކުއްޖާގެ ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމުގައި ނުބެލެވޭނެކަން.

- މިބާވަތުގެ ކުށްތަކުގައި 5 ބާވަތުގެ ހެކި ނެތް ޙާލަތުގައިވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ސާބިތުވާ ވަރުގެ ހެކި ލިބިފައިވޭތޯ ފަނޑިޔާރަށް ބެލިދާނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ