ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނައުފަލް
- ޤަޟިއްޔާ ނަންބަރު:
- 2022/HC-A/383
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- އެއްބަސްވުމާއި އެއްގޮތަށް އަދަބު ކަނޑައެޅުން
- ނިމުނު ތާރީޚު:
- 27/01/26
ފަނޑިޔާރުން
ފާތިމަތު ފަރުހީޒާ (ރިޔާސަތު)، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
މައްސަލައިގެ ޚުލާސާ
އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން ބަލައިގަތުމަށްފަހު އެއްބަސްވުމުގައި ބަޔާންކުރާ ޖަލު އަދަބު، ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ ދަށުން ޖޫރިމަނާއަށް ބަދަލުކޮށް ޙުކުމްކުރެއްވިއެވެ.
އިޝޫ
އިޢުތިރާފުގެ އެއްބަސްވުމުގައިވާގޮތާ ޚިލާފަށް އިތުރަށް ލުއިދީ ޖޫރިމަނާކުރުމަށް ނިންމެވި ނިންމެވުން ޤާނޫނު ނަންބަރު: 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި، 162 ވަނަ މާއްދާގެ (ރ) އާއި، ނަންބަރު: 2021/02 ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ޚިލާފުވުން
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ނަންބަރު: 146/Cr-C/2022 ޤަޟިއްޔާގެ ޙުކުމްގެ ނަންބަރު (4) ގައި ޢަލީ އަފުނާނުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރިބައި ބާޠިލުކަމަށް ކަނޑައަޅައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ. (މި މައްސަލާގައި ކްރިމިނަލް ކޯޓުން ކަނޑައެޅުއްވި ޖަލު އަދަބަށް ބަދަލެއް ނާންނާނެކަމަށާއި އެ އަދަބު ތަންފީޛުކުރުމަށް ހުރަހެއް ނެތްކަމަށް ނިންމަވާފައިވެއެވެ.)
ކަނޑައެޅުނު އުސޫލު
ފަނޑިޔާރު ޝަނީޒް، ފަނޑިޔާރު މަޒީދު ގެ ރަޢުޔު
އެއްބަސްވުމުގައިވާ 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ ޖަލު އަދަބު ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް އޮތްކަމަށް ނުފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޤުލަބިއްޔަތު ރަޢުޔުގައި ކަނޑައެޅުއްވިއެވެ. މި ރަޢުޔުގައި ބަޔާންކުރަނީ އިޢުތިރާފުގެ އެއްބަސްވުމެއްވުމަށްފަހު އެ އެއްބަސްވުން ބަލައިގަނެ މައްސަލަ ނިންމާ ހާލަތުގައި އެއްބަސްވުމުގައިވާ އަދަބަށް ބަދަލެއް ގެނައުމުގެ އިޚްތިޔާރު ލިބިދީފައިނުވާކަމަށާއި އެއީ އެއްބަސްވުމުގެ މަޤްޞަދާ ޚިލާފުކަމެއްކަމަށާއި، މި މޭރުމުން ހައިކޯޓުގެ ނަންބަރު: 2023/HC-A/62 އަދި 2023/HC-A/66 ޕީޖީ ވ. އިބްރާހީމް ނަޒީދު ޤަޟީއްޔާވެސް ނިންމަވާފައިވާކަމަށެވެ.
މީގެ އިތުރުން ޖޫރިމަނާގެ ފައިސާ ދައްކާފައިވާނަމަ އެ ފައިސާއަކީ އެމީހުންނަށް އަނބުރާ ލިބެންޖެހޭ ފައިސާކަމަށް ކަނޑައަޅުއްވައި އެ ފައިސާ އެމީހުންނަށް އަނބުރާ ލިބިދެވޭނެކަމަށް ނިންމެވިއެވެ.
ފަނޑިޔާރު، ފަރްހީޒާ (އ)
އެއްބަސްވުން ވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙް އައުމުގެ ކުރިންކަމަށްވާތީ އޭރު އެއްބަސްވުންތަކުގައި ޤާނޫނުގައި ބަޔާންކުރާ އަސްލީ އަދަބު ނޫން އަދަބެއް ދިނުމަށް ޕީޖީއަށް ބާރު ލިބިދެވޭކަމަށް ނުފެންނާތީ ޖަލު އަދަބު ކަނޑައެޅުމަށް އެއްބަސްވީކަމަށް ބައްލަވައި އޭރު ޤާނޫނުގައި އޮތްގޮތުން ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާއިން އަދަބު އެހެންގޮތަކަށް ބަދަލުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިދެވޭނެކަމަށާއި އެހެންކަމުން އެއްބަސްވުމުގައިވާ އަދަބު ޖޫރިމަނާއަދަބަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިދީފައިވާ ބާރެއްކަމަށާއި، ނަމަވެސް މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް އުފުލިފައިވާ ކުށް ދަރަޖަކުރެވެނީ ޖިނާޔަތުގެ ކުށެއްގެ ގޮތުގައިކަމަށްވާތީ ޖިނާޔަތުގެ ކުށްތަކަށް ކަނޑައެޅޭ އަދަބު އެކީ ޖޫރިމަނާއަށް ބަދަލުކުރުމަކީ އަދަބު ކަނޑައެޅުމުގެ އުސޫލާ ޚިލާފުކަމެއްކަަމަށްވާތީ މި މައްސަލާގައި ކަނޑައެޅުނު އަދަބު ޖުރިމަނާއަށް ބަދަލުކުރުމަށް ނިންމެވި ނިންމެވުން ބާޠިލްކުރަންޖެހޭކަމަށް ކަނޑައެޅުއްވިއެވެ.
ނިންމުން:
ކްރިމިނަލް ކޯޓުގެ ނަންބަރު: 146/Cr-C/2022 ޤަޟިއްޔާގެ ޙުކުމްގެ ނަންބަރު (4) ގައި ޢަލީ އަފުނާނުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރިބައި ބާޠިލުކަމަށް ކަނޑައަޅައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ. (މި މައްސަލާގައި ކްރިމިނަލް ކޯޓުން ކަނޑައެޅުއްވި ޖަލު އަދަބަށް ބަދަލެއް ނާންނާނެކަމަށާއި އެ އަދަބު ތަންފީޛުކުރުމަށް ހުރަހެއް ނެތްކަމަށް ނިންމަވާފައިވެއެވެ.)