މުޙައްމަދު އިސްމާޢީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2023/HC-A/142
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ޑައިމޯފިން ޓްރެފިކް ކުރުން
ނިމުނު ތާރީޚު:
08/12/25

ފަނޑިޔާރުން

ޙަސަން ޝަފީޢު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ، ޙުޒައިފާ މުޙައްމަދު

މައްސަލައިގެ ޚުލާސާ

މި މައްސަލައަކީ މުޙައްމަދު އިސްމާޢީލް، 24 މޭ 2019 ދުވަހު 23:20 އެހައިކަށްހައިއިރު، މީނާ ރ. ދުވާފަރުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، 25 މޭ 2019 ދުވަހު 08:30 އެހައިކަށްހައިއިރު، ކޯޓު އަމުރެއްގެ ދަށުން މީނާ ދިރިއުޅޭ ރ. ދުވާފަރު ނަންބަރު: 58.07 ގެ އާއި ރ. ދުވާފަރު ނަންބަރު: 58.08 ގެ މީނާގެ ހާޟިރުގައި ފުލުހުން ބަލައި ފާސްކުރަމުންދަނިކޮށް، ރ.ދުވާފަރު ނަންބަރު: 58.07 ގޭގެ ގޯތި ތެރޭގައި ހުރި ޑަސްބިން ކައިރި ބިންމަތީގައި ވަޅުލާފައި އޮތް ގަލެއް ކައިރިން ފެނުނު ނޫކުލައިގެ ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ފެނުނު 02 (ދޭއް) ރަބަރު ޕެކެޓްގައި 9.5668 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި، ރ. ދުވާފަރު ނަންބަރު: 58.07 ގޭގެ ގޯތި ތެރޭގައި ހުރި ޑަސްބިން ކައިރި ބިންމަތީގައި ވަޅުލާފައި އޮތް ގަލެއް ކައިރިން ފެނުނު ނޫކުލައިގެ ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ފެނުނު ތަކެއްޗަކީ ފޮރުވުމަށްޓަކައި މީނާ އެތަނަށް ލާފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެފައިވާތީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލި މައްސަލައެކެވެ.

މުޙައްމަދު އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވެއެވެ. އެ ނިންމުން މުހައްމަދު އިސްމާޢީލްގެ ފަރާތުން އިސްތިއުނާފުކޮށްފައިވެއެވެ.

އިޝޫ

މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ.

  1. ޤާނޫނީ ވަކީލެއްގެ ފުރުޞަތު ދިނުމަކާ ނުލައި ތަޙުޤީޤު ބަޔާން ނަގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނާ ބުނުން.

  2. ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ނެތުމުން އެ އިޢުތިރާފު އެއް ފަރާތް ކުރަންޖެހޭނެކަމަށް ބުނާ ބުނުން.

  3. ހިޔާޒަތުގެ ދަށުން މަސްތުވާއެއްޗެއް ފެނިފައިނުވާކަމަށް ބުނާ ބުނުން.

  4. ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނާ ބުނުން.

  5. ދިފާއީ ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާބުނުން.

  6. ޗެއިން އޮފް ކަސްޓަޑީއާ ގުޅިގެން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުން.

ނިންމިގޮތް

މައްސަލަ ސާބިތުވާކަމަށް ދަށުކޯޓުން ނިންމި ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވި.

ކަނޑައެޅުނު އުސޫލު

އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުން ތަޙުޤީޤަށް ދީފައިވާ އިޢުތިރާފް ބަޔާނަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ބަޔާނެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން، ބަޔާން ނެގުމުގެ ކުރިން ފުލުހުން ވަނީ އިސްތިއުނާފު ކުރާ ފަރާތަށް އަންގާފައެވެ. މިކަން، ފޯލިއޯ ނަންބަރު: 30 ގައިވާ "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމު" އިން އެނގެން އޮންނާތީ، ވަކީލަކާ ނުލައި ތަޙުޤީޤު ބަޔާން ނަގާފައިވަނީ އެ ފުރުޞަތު ދިނުމަކާ ނުލައި ކަމަށް ބެލެވެން ނެތްކަމަށް ކަނޑައެޅުއްވިއެވެ.

ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ނެތް ނަމަވެސް، އެ މަޖިލީހުގައި ދެއްކި ވާހަކަތައް ލިޔުމަށް ތިރިކޮށްފައިވާތީއާއި، އެ ބަޔާނަށް ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފައިނުވާތީ، އެ ބަޔާން މުޅިން އެއްފަރާތް ނުކުރެވޭނެކަމަށް ނިންމަވާފައިވެއެވެ.

ހިޔާޒަތުގެ ދަށުން މަސްތުވާއެއްޗެއް ފެނިފައިނުވާކަމަށް ބުނި ނަމަވެސް، މަސްތުވާތަކެތި ފެނިފައިވަނީ ދަޢުވާލިބޭ މީހާ ދިރިއުޅޭ ގޯތި ތެރެއިން ކަމަށާއި، ބަލައި ފާސްކުރި ވަގުތާއި، މައްސަލައިގެ ތަޙުޤީޤަށް ދިން ބަޔާނާއި، ބަންދު މަޖިލީހުގައި ވެސް އެތަކެތީގެ ޒިންމާ ނަގާފައިވާތީ، އެއީ މަސްތުވާތަކެތިކަން އޭނާއަށް އެނގޭކަމަށާއި، އެތަކެއްޗާ ދަޢުވާލިބޭ މީހާއާ ގުޅުވާލެވޭކަމަށް ނިންމަވާފައިވެއެވެ.

ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނުމުގައި ހެކިވެރިޔާ މުޙައްމަދު އަސްލަމްގެ ބަޔާނުގައި މަސްތުވާތަކެތި ފެނުނީ ގޭގެ ސަރަޙައްދުންކަމަށް ބުނެފައިވުމާއި، ސީދާ 58.07 ނުވަތަ 58.08 ގޯތި ތެރޭން ކަމަށް ބުނެދޭން ނޭނގުމަކީ ބޮޑު ފުށުއެރުމެއް ކަމަށް ނުބެލެވޭކަމަށް ނިންމަވާފައިވެއެވެ.

ދިފާއީ ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވަނީ ދިފާއީ ހެކި ކަމަށްވާ ޢަލީ އާޠިފުގެ ހެކިބަހަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެއެވެ. ނަމަވެސް ދަށު ކޯޓު ރިޕޯޓުގެ 33.13 ގައި ދިފާއީ ހެކިންގެ ހެކިބަހުން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަސް ނަފީގެން ނުދާކަމަށް ބަޔާންކޮށްފައިވާތީ، ހެކިބަހަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަމަށް ނިންމަވާފައިވެއެވެ.

ޗެއިން އޮފް ކަސްޓަޑީއާ ގުޅިގެން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކީ އެ ފޯމް ނެތިގެން ނުވަތަ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވެގެން އުފައްދާ ސުވާލެއް ނޫންކަމަށްވާތީ، ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވާ ހާލަތެއް ނެތުމުން ޗެއިން އޮފް ކަސްޓަޑީއާ ގުޅިގެން ނިންމަވާފައިވާ ނިންމެވުމުގައި ގޯހެއް ހަދާފައިވާކަމަސް ނުފެންނަކަމަށް ނިންމަވާފައިވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ