ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
- ޤަޟިއްޔާ ނަންބަރު:
- 2023/HC-A/170
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 24/10/24
ފަނޑިޔާރުން
މުޙައްމަދު ނިޔާޒު (ރިޔާސަތު)، މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
މައްސަލައިގެ ޚުލާސާ
މުޙައްމަދު ޙުސައިންގެ މައްޗަށް ދަޢުވާ އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއަކީ މި މައްސަލައިގައި މުޙައްމަދު ޙުސައިން ހައްޔަރުކުރެވުނުއިރު އަދި ތަޙުޤީޤުގައި އޭނާއަށް ސުވާލުކުރިއިރު ތުހުމަތުކުރެވުނު ކުށަކަށްނުވާތީއާއި، މި ކުށާ ގުޅިގެން މުޙައްމަދު ޙުސައިންގެ މައްޗަށް އެއްވެސް ތަޙުޤީޤެއް ހިންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ނާހިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް، މިއީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި މި މައްސަލައިގެ ދަޢުވާ ފޯމު ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ބާޠިލުކުރެއްވި.
އިޝޫ
މުއްތަހަމުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކުށަކީ، ހައްޔަރުކުރެވޭ ވަގުތު ނުވަތަ ތަޙްޤީޤު މަރުހަލާގައި މުއްތަހަމަށް ޤާނޫނީ އިންޒާރު ދީފައިވާ ކުށަކަށްވުން ލާޒިމްވާނެތޯއާއި؟ ދަޢުވާ އުފުލާފައިވާ ކުށުގެ މާއްދާއިން ތަޙްޤީޤު މަރުހަލާގައި ޤާނޫނީ އިންޒާރު ދީފައިނުވާ ޙާލަތުގައި، އޭގެ ނަތީޖާއަކީ ކޮބައިތޯ؟
ނިންމިގޮތް
މި މައްސަލައިގައި ކޮށްފައިވާ ދަޢުވާއަކީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އަލުން ގޮތް ކަނޑައަޅަންޖެހޭ ދަޢުވާއެއްކަމަށް ނިންމަވައި، މި ދަޢުވާއާ ގުޅިގެން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ޝަރީޢަތް ހިންގާ ނިންމާފައިވާތީ، އިޖުރާރީ އިުތު ނުކުތާއަކަށް ބަހުސްކުރުމުގެ ފުރުސަތު ހުޅުވާނުލައި، ދެ ފަރާތަށް ފަހު ފުރުސަތު ދިނުމާއެކު މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު، ހުށަހެޅުނު ހެކި ޤަރީނާތަކުގެ މައްޗަށާއި ދެ ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބުރަވެ، މި ދަޢުވާގައި ބަޔާންކުރާ ކުށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުނުވާކަމަށް ނުވަތަ ނޫންކަން ކަނޑައަޅައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި މި މައްސަލަ އެ ކޯޓަށް ތަހުވީލު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ދަށު ކޯޓުން ކަނޑައަޅުއްވާފައިވަނީ، މައްސަލައިގައި ހުލާސާ ބަޔާން ހުށަހަޅައި، ޙުކުމްކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ކަމަށާއި، ޝަރީޢަތް ފެށުމަށްފަހު، ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ހުއްދަކުރުމަކީ ޖިނާއީ އިޖުރާއަތުގެ ތަރުތީބުގެއްލޭނެ ކަމެއްކަމަށްވާތީ، ޤާނޫނުގަައި ބަޔާންކުރާ އިސްތިސްނާއީ ޙާލަތުގައި މެނުވީ ޝަރީޢަތުގެ ކުރިން ހުށަހަޅާންޖެހޭ ހުށަހެޅުމެއް ހުށަހަޅަން ޝަރީޢަތް ފެށުމަށްފަހު ފުރުޞަތު ދީގެން ނުވާނެކަން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ނާހިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރާ އަސާސީ އުޞޫލަކީ "ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤު ކުރެވިފައި އޮންނާންވާނެ ކަމަށް" ބަޔާންކުރާ އުޞޫލުކަން.
ކޮންމެ މައްސަލައަކީ ވަކި މައްސަލައެއްކަމަށާއި، އެ މައްސަލައެއްގައި ބަޔާންކުރާ ކުށާގުޅޭ މަޢުލޫމާތު އެކަށީގެންވާ ގޮތަކަށް މުއްތަހަމަށް ދެވިފައިވޭތޯ އާއި އެ ކުށާއި ގުޅޭ ގޮތުން އެކަށީގެންވާ ތަޙްޤީޤެއް ކުރެވިފައިވޭތޯ ބަލަންޖެހޭނީ ކޮންމެ މައްސަލައެއްވެސް ވަކިން، އެ މައްސަލައެއްގައި ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ބަލައި ރިޢާޔަތްކޮށްގެންކަން.
ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާ (suspect) އަށް ދުސްތޫރީ ޙައްޤެއްގެ ގޮތުގައި ލިބިދޭންޖެހޭ އެއްކަމަކީ، ހައްޔަރު ކުރެވުނު ސަބަބު ވަގުތުން އޭނާއަށް އެންގުންކަމާއި، ހައްޔަރު ކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮށް ކުށަކާ ގުޅިގެންކަން އޭނާއަށް އެންގުމަކީ ދުސްތޫރީ ޙައްޤެއްގެ ގޮތުގައި ކުރަންޖެހޭ ކަމެއް ނޫންކަމާއި، ނަމަވެސް ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާ (accused)ގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން އެމީހަކަށް ރަނގަޅަށް ދޭހަވާނެ ބަހަކުން ލަސްނުކޮށް އެންގުމަކީ އޭނާއަށް ލިބިދޭ ދުސްތޫރީ ޙައްޤެއްކަން.
ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާނަމަ، އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަންޖެހޭނެކަމާއި، މީގެ ތެރޭގައ،ި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި އެކުށް ބަޔާންކުރާ ޤާނޫނު އޭނާއަށް ބުނެދޭންޖެހޭކަމާއި، ނަމަވެސް، މިމަރުޙަލާގައ،ި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް ޤާނޫނުގައި ދީފައިވާ ނަމުން ތުހުމަތު ބަޔާން ކޮށްދިނުމަކީ ކުރެވޭނެ އަދި ކުރަންޖެހޭ ކަމެއް ނޫންކަމާއި، ސަބަބަކީ، ޤާނޫނުގައި އެކިއެކި ނަންނަމުން ބަޔާންކުރާ ކުށް ކުށާއި ގުޅިގެން ހަމަ ކުރަންޖެހޭ އުންސުރުތައް ތަފާތުވާނެތީ، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރާ ވަގުތު ކުށް އުފައްދާ ހުރިހާ ޤާނޫނަކަށް އަދި އެޤާނޫނުތަކުގައި ބަޔާންކުރާ ހުރިހާ ކުށެއްގެ ނަންތައް ހިމަނައިގެން ތުހުމަތެއް އެންގުމަކީ މުސްތަހީލުކަމަކަށް ވާނެކަން.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެހެން މާއްދާތަކަށް ބަލާއިރުވެސް، ކުށެއްގެ ތުހުމަތުކުރެވޭ ވަގުތު ނުވަތަ ކުށެއްގެ ތަޙްޤީޤު ހިންގާ ވަގުތު ވަކި ޤާނޫނެއްގައި ބަޔާން ކުރާ ވަކި ކުށެއްގެ ގެ 24 ނަމުން ތުހުމަތު އެންގުމަކީ ކުރަންޖެހޭ ކަމެއް ނޫންކަން ދެނެގަނެވޭކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު 85 ވަނަ މާއްދާ އާއި 87 ވަނަ މާއްދާ އާއި 91 ވަނަ މާއްދާ ފަދަ މާއްދާތަކަށް ބަލާއިރު، ހައްޔަރު ކުރާ ވަގުތު ނުވަތަ ތަޙްޤީޤުގައި ވަކި ކުށަކަށް ތުހުމަތު ކޮށްފައި ނެތުމަކީ އެކުށެއްގެ މައްޗަށް ކުރެވޭ ދަޢުވާ ކޯޓުން ބޭރުކޮށްލެވޭނެ ސަބަބެއް ނޫންކަން ދެނެގަނެވޭކަން.
ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާ ވަގުތު ނުވަތަ ހައްޔަރު ކުރުމަށްފަހު ތަޙްޤީޤުގައި ސުވާލު ކުރާއިރު، ޤާނޫނުގައި ކަނޑައަޅާ ނަމުން ބަޔާންކުރާ ވަކި ކުށަކަށް ތުހުމަތެއް ކޮށްފައި ނެތުމުގެ ނަތީޖާއަކީ އޭނާގެ މައްޗަށް ކުރާ ދަޢުވާ ކޯޓުން ބޭރުވެގެން ދިއުމެއް ނޫންކަމާއި، ނަމަވެސް، މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ކޯޓުން ކުރަންޖެހޭ ކަމަކީ، ކޮންމެ މައްސަލައެއްވެސް ވަކިން އެމައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ދިރާސާ ކުރުމަށްފަހު ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ކޮންމެ މައްސަލައެއްގައިވެސް ވަކިން ގޮތް ނިންމުންކަން.
މިގޮތުން ފުރަތަމަ ބަލަންޖެހޭކަމަކީ، ތުހުމަތު ކުރެވުނު ކުށުގެ ޢަމަލާއި ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލިކަމެއްގެ ސަބަބުން އުފެދޭ ކުށާއި ގުޅިގެން އެކަށީގެންވާ ތަޙްޤީޤެއް ކޮށްފައި އޮތްތޯ ބެލުންކަމާއި، ދެވަނަ ކަމަކީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަށް ކުށާއި ގުޅިގެން ދޭންޖެހޭ މަޢުލޫމާތު ދެވިފައި ނެތުމުގެ ސަބަބުން މުއްތަހަމުގެ މައްޗަށް ކުރެވުނު ދަޢުވާ އޭނާއަށް އޮޅިފައި ވޭތޯ ދެނެގަތުމާއި، އަދި، އެކަމުގެ ސަބަބުން ދިފާޢު ތައްޔާރު ކުރުމަށް އޭނާއަށް ހުރަސް އެޅިފައިވޭތޯ ބެލުންކަން.
މިއިން އެއްވެސް ކަމެއް ބެލުމަކާއި ނުލައ،ި ތުހުމަތު ކުރިއިރު ނުވަތަ ތަޙްޤީޤު ކުރިއިރު، ޤާނޫނުގައި އެކުށަށް ބަޔާންކުރާ ނަމުން ތުހުމަތު ބަޔާންކޮށް ދެވިފައިނުވާތީ ދަޢުވާތައް ކޯޓުން ބޭރުކުރުމަކީ ޖިނާއީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކުރާ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގޭނެ ގޮތެއްކަމަށް ނުފެންނަކަން.