ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/42, 2022/SC-A/43
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަނީ ލޯންޑްރިންގ، ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުން
- ނިމުނު ތާރީޚު:
- 16/05/22
ފަނޑިޔާރުން
އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
މ.އާސްތާނާ، ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ އާއި، މަނީ ލޯންޑްރިންގ އަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދަޢުވާ 2019 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މި ދެ ދަޢުވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް އެ ކޯޓުން ނިންމިއެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢާއިޝަތު ޢާޒިމާ ޝަކޫރު އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން އިސްތިއުނާފުކުރުމުން ހައިކޯޓުން ބެލި މައްސަލައިގައި ޕީޖީ އޮފީހުން އިޖުރާއީ ދެ އިޢުތިރާޒު ހުށަހަޅާފައިވެއެވެ. އެއީ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ދިފާޢީ ވަކީލު ބަލައިގަތުމާމެދު ކޮށްފައިވާ އިޢުތިރާޒާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ދަޢުވާގެ ޝަރީޢަތް ކުރިއަށް ގެންދެވޭނެ ކަމަށް މަދަނީ މިންގަނޑުން ނިންމާ ނިންމުން، އެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި އިޢުތިރާޒެވެ. މި ދެ އިޢުތިރާޒާ ގުޅިގެން ހައިކޯޓުން ނިންމީ ޕީޖީ އޮފީހާ ދެކޮޅަށެވެ. މިއީ ހައިކޯޓުގެ ނިންމުމާއި ގުޅިގެން ޢާއިޝަތު ޢާޒިމާ ޝަކޫރު އާއި ޕީޖީ އޮފީހުން މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގައި ބެލުނު މައްސަލައެވެ. ދެ މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ މި ޤަޟިއްޔާގެ ތެރެއިންނެވެ.
އިޝޫ
1.ވަކާލާތުކުރުމަށް އެދި ވަކީލަކު ހުށަހަޅާ މައްސަލައަކީ އެ ވަކީލަކު ކުރިން މަސައްކަތް ކުރި އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހެޅިފައިވާ ނުވަތަ މަޝްވަރާ ކުރެވިފައިވާ މައްސަލައެއްނަމަ އެފަދަ މައްސަލައެއްގައި ކޯޓުގައި ވަކާލާތު ކުރެވިދާނެތޯ؟
2.ދަޢުވާއާއިގެން ކުރިއަށްދާނެ ތަން އޮތް ކަމަށް ނިންމާ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން އިސްތިއުނާފުކުރެވިދާނެކަން؟
3.ޝަރީޢަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުރިތޯ ބަލާނީ ކިހިނެއް؟
ނިންމިގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ އާއި 149 ވަނަ މާއްދާ މާނަކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން މަދަނީ މިންގަނޑުން ފަނޑިޔާރު ނިންމާ ނިންމުން އެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ބާޠިލްކޮށް، ޢާއިޝަތު ޢާޒިމާ ޝަކޫރުގެ އިސްތިއުނާފު ނުކުތާތައް ބަލައިގަނެވެން ނެތްކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޤާނޫނީ ވަކީލުއާ ގުޅޭ - ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި ނިންމުން މި މައްސަލައިގައި ދަމަހައްޓާފައިވޭ. މި ގޮތުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 149 ވަނަ މާއްދާގެ (ނ) އިން 146 ވަނަ މާއްދާގެ (ނ) ހަނި ނުކުރާކަމާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ މާނަކުރަންވާނީ މިނިވަން މާއްދާއެއްގެ ގޮތުގައިކަމަށް ކަނޑައަޅައި ވަކާލާތުކުރުމަށް އެދި ވަކީލަކު ހުށަހަޅާ މައްސަލައަކީ އެ ވަކީލަކު ކުރިން މަސައްކަތް ކުރި އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ އެފަދަ މައްސަލަތަކުގައި ވަކާލާތު ނުކުރެވޭނެކަން. ދަޢުވާއާއިގެން ކުރިއަށްދާނެ ތަން އޮތް ކަމަށް ނިންމާ ނިންމުން އިސްތިއުނާފުކުރުން - ޖިނާއީ މައްސަލައެއްގައި އިސްތިއުނާފުކުރެވޭނީ ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމްތަކާއި ނެރެފައިވާ އަމުރުތަކާއި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި ކޯޓުތަކުން ނިންމާ ނިންމުންތައް ކަމަށް ކަނޑައަޅައި މައްސަލައަކީ، ޝަރީޢަތްކުރާނޭ ތަނެއް އޮތް މައްސަލައެއްކަމަށް ފަނޑިޔާރު ނިންމާ ނިންމުން ދަޢުވާ ލިބޭ ފަރާތަށް އިސްތިއުނާފުނުކުރެވޭނެކަން. މަދަނީ މިންގަނޑުން ޝަރީޢަތް ކުރިއަށް ގެންދެވޭނެކަން ކަނޑައެޅުން (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާ) -ދަޢުވާއާ ގުޅިގެން ޝަރީޢަތް ކުރިއަށް ގެންދާނެ ތަން އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ކުރިން އެކަމާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު މައްސަލައިގެ ޚަސްމުންނަށް ދޭންވާނެކަން. -ދެ ފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމަށްފަހު، ފަނޑިޔާރު ނިންމާ ނިންމުން ޚަސްމުންނަށް އަންގައި، ފަނޑިޔާރު ނިންމި ނިންމުން އަދި ނިންމުމަށް ވާސިލްވި ސަބަބު ބަޔާންކޮށް މައްސަލައިގެ ފައިލްގައި ރިކޯޑްކުރަންވާނެކަން. -އަންނަނިވި ޙާލަތްތަކުން ޙާލަތެއް އޮތްނަމަ، ޝަރީޢަތްކުރާނެ ތަން އޮތް ކަމަށް ފަނޑިޔާރު ކަނޑައަޅައިގެން ނުވާނެކަން: 1.އިސްތިއުނާފީ ކޯޓަކުން ކުރިން ނިންމާފައި އޮތް ނިންމުމެއް ސަބަބުން އެ ދަޢުވާގެ ޝަރީޢަތް ހިންގެން ނެތުން. 2.އެ ދަޢުވާއެއް ކުރުމަށް އޮތް ޤާނޫނީ މުއްދަތު ފަހަނައަޅައި ދިއުން. 3.އެކަށީގެންވާ މިންވަރަށް ހެކި ނެތުން. 4.ޝަރީޢަތް ކުރިއަށް ގެންދާނެ ޤާނޫނީ ސަބަބެއް ނެތުން. 5. ދަޢުވާކުރުމުގައި ޤާނޫނެއްގެ ދަށުން ޕްރޮސިކިއުޝަނުން ފުރިހަމަކުރަންޖެހޭ އިޖުރާއަތެއް ފުރިހަމަކޮށްފައި ނެތުން. - ޝަރީޢަތް ކުރިއަށް ގެންދާނެ ތަނެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ކުރިން މަދަނީ މިންގަނޑުން ބަލާއިރު، އެ ދަޢުވާއާ ގުޅިގެން ޕްރޮސިކިއުޝަނުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވޭތޯ ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަން. - މަދަނީ މިންގަނޑުން ހެކި ވަޒަންކުރާއިރު، އެކަށީގެންވާ މިންވަރަށް ހެކި ހުރިކަން ނުވަތަ ނެތްކަން (PRIMA FACIE ކޭހެއް އޮތްކަން ނުވަތަ ނެތްކަން) ބިނާވާނީ ކޮންމެ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތާއި ވާޤިއާތަކުގެ މައްޗަށްކަން. -ޝަރީޢަތް ކުރިއަށް ގެންދާނެ ތަނެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ކުރިން މައްސަލައިގެ އެކޮޅު މިކޮޅު ބަލައި، ހުށަހެޅިފައިވާ އެންމެހާ ހެކިތަކުގެ ޖުމްލަ ނަތީޖާއަށް ރިޢާޔަތްކުރުމަކީ ފަނޑިޔާރުގެ ޒިންމާއެއްކަން. -ޕްރޮސިކިއުޝަނުން ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އޭގައި ހިމެނޭ ކަންކަމުން ދަޢުވާކޮށްފައިވާ ކުށުގެ އެންމެހައި އުންސުރުތައް ފުރިހަމަވޭތޯ ފަނޑިޔާރު ބަލަންވާނެކަން. - މި މަރުޙަލާގައި ހެކި ވަޒަންކުރާއިރު ބަލާނީ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިކަން ނުވަތަ ނެތްކަމުގެ މައްޗަށްކަން. - ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މުއްތަހަމު ކުށްކުރި ކަމުގެ ތުހުމަތު އުފެދޭނަމަ އަދި އެ ތުހުމަތުތަކަށް ޖަވާބު ނުލިބޭނަމަ، އެ މައްސަލައިގެ ޝަރީޢަތްކުރާނެ ތަން އޮތްކަމަށް ފަނޑިޔާރު ނިންމަންވާނެކަން. - ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މުއްތަހަމު ކުށްކުރި ކަމަށް އަދި ނުކުރާ ކަމަށް އިހުތިމާލު އުފެދޭނަމަ، އެދެގޮތުންކުރެ އޭނާ ކުށްކުރި ކަމަށް ތުހުމަތުވެފައި، ކުށްނުކުރާ ކަމާމެދު ކުރެވޭ ޝައްކު އެއަށްވުރެ ބޮޑުކަމަށް ޤަބޫލުކުރެވޭނަމަ، ޝަރީޢަތް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައެޅުން ހުއްދަކަން. |