ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު
- ޤަޟިއްޔާ ނަންބަރު:
- 2021/SC-A/04
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 18/02/21
ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ހުސައިން، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
މ. ވެސްޓްވިއު، ޢަބްދުﷲ ޖިހާދުގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. މި މައްސަލައިގެ ދަޢުވާ ހުށަހެޅިފައިވަނިކޮށް ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުން މަނާކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. މި އަމުރު ރިވިއުކޮށްދިނުމަށް ޢަބްދުﷲ ޖިހާދު އެދުމުން އަމުރު ރިވިއުކުރަންޖެހޭ ސަބަބެއްނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. މި ނިންމުން ޢަބްދުﷲ ޖިހާދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުން ނެރެފައިވާ ފުރައިގެން ދިޔުން މަނާކުރުމުގެ އަމުރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބަޔާންކޮށް، އެ އަމުރު ހައިކޯޓުން ބާޠިލްކުރިއެވެ.
މިއީ ހައިކޯޓުން ނިންމުޖން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދި ދަށު ކޯޓަށް ހުށަހެޅޭ ހުށަހެޅުމާމެދު ދަށު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފުކުރާ ޙާލަތުގައި، އިސްތިއުނާފުގެ މަރުޙަލާ ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެވިދާނެތަ؟
2. ޕާސްޕޯޓް ނުވަތަ ޓްރެވެލް ޑޮކިއުމެންޓް ހިފެހެއްޓުމަށް އެދޭނީ ކިހިނެއް؟
3. "ޤާނޫނު ތަންފީޒުކުރާ އިދާރާ" ގެ މާނައިގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ހިމެނޭތަ؟
4. ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރޭއިރު ފުރިހަމަވާންޖެހޭ ކަންކަމަކީ ކޮބާ؟ ފިލައިގެންދާނެ އުޅޭ ކަމަށް ބެލެވޭ މީހެއްތޯ ކަނޑައަޅާނީ ކިހިނެއް؟
5. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ ކިހިނެއް؟
6. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ އިސްތިއުނާފުކުރަން ދައުލަތަށް ލިބޭ 48 ގަޑިއިރު ގުނާނީ ކިހިނެއް؟
7. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ކޯޓުން މައްސަލަ ނިންމަން އޮންނަ މުއްދަތު ގުނާނީ ކިހިނެއް؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޕާސްޕޯޓް ހިފެހެއްޓުމަށް އެދުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) : މީހެއްގެ ޕާސްޕޯޓް ނުވަތަ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅަންޖެހޭ ކަމާއި، އެފަދަ އަމުރަކަށް އެދި ހުށަހަޅާއިރު ވަކި މަޢުލޫމާތު ތަކެއް ހުށަހަޅަންޖެހޭކަން.
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 46 : ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ހުށަހަޅާއިރު، ފުރިހަމަކުރަންޖެހޭ ތަފްސީލު އިޖުރާއަތު މި މާއްދާގައި ބަޔާންކޮށްފައިވާކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 88 އަދި 75 ވަނަ މާއްދާގައިވާ އިޖުރާއަތުތަކަކީ މުޅިން ވަކި ތަފާތު އިޖުރާއަތުތަކެއްކަން. ފުރުމުގެ ހުއްދައަކަށް މީހަކު އެދެފިނަމަ، ކޯޓުން ކަނޑައަޅަންޖެހޭނީ ހުއްދަދޭން ނުވަތަ ނުދޭންކަން އަދި މި ޙާލަތުގައި އެ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ނުނެރެވޭނެކަން.
- ޕާސްޕޯޓް ހިފެހެއްޓުމަށް އެދޭނީ ޤާނޫނު ތަންފީޒުކުރާ އިދާރާއިންކަން. އެހެންނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދެ ރުކުން ފުރިހަމަވާނަމަ، ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ޕާސްޕޯޓު ހިފެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، އެ މައްސަލައެއް ތަހްޤީގުކުރި ތަންފީޛުކުރާ އިދާރާއަކަށް ޕީޖީއަށް އެންގިދާނެކަން.
- ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކު، ޤާނޫނުގައިވާ ގޮތުގެ މަތިން ފުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، ސަބަބު ދައްކައި، އެކަމާމެދު އިޢުތިރާޟު ކުރުމުގެ ފުރުސަތު ޕީޖީއަށް ލިބިގެންވާކަން. އެފަދަ ހާލަތެއްގައި، ކޯޓުން މީހަކު ފުރުމަށް ހުއްދަ ދިނުމަށް ނުވަތަ ނުދިނުމަށް ނިންމުމުގައި، އެ މީހަކު ހުށަހަޅާ ހުށަހެޅުމާއި އެ ހުށަހެޅުން ހުށަހެޅި ސަބަބުތަކުގެ އިތުރުން، ޕީޖީގެ ފަރާތުން ހުށަހަޅާ ކަން ކަމަށް ރިޢާޔަތްކުރަންވާނެކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ ޤާނޫނު ތަންފީޒު އިދާރާއަކުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓެއްގައި އެދެވުމުގައި ފުރިހަމަކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން. އެކަންކަމަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއިން ހުށަހެޅުމުގެ އިތުރުން، ފަނޑިޔާރު ފުރިހަމަވޭތޯ ބަލަންޖެހޭ ކަންކަން.
ތަންފީޒުކުރާ އިދާރާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 18 : ޤާނޫނު ތަންފީޒުކުރާ އިދާރާއަކީ ފުލުހުން ހިމެނޭގޮތުން، ޖިނާއީ ކުށް ތަޙްޤީޤުކޮށް، ފިޔަވަޅުއެޅުމުގެ ބާރު، ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދީފައިވާ ކޮންމެ ތަޙްޤީޤީ އިދާރާއެއްކަން.
- ޤާނޫނުއަސާސީ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތަޙްޤީޤުކުރުން ހިމެނިފައިނުވާތީ، ޕީޖީ އޮފީހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޤާނޫނު ތަންފީޒުކުރާ އިދާރާއެއް ނޫންކަން.
ވަގުތީ އަމުރު
- ދަށު ކޯޓުގެ އަމުރުގައި ތުހުމަތުކުރެވޭ މީހާ ފުރައިގެން ގޮސްފިނަމަ އަނބުރާ ރާއްޖެ ނައުމުގެ އިޙްތިމާލު އޮތްކަމުގައި ބަޔާންކުރާ ޙާލަތުގައި އަދި އެ އަމުރު އިސްތިއުނާފު ކޮށްފައިވާ ޙާލަތުގައި، އެ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ތުހުމަތުކުރެވޭ މީހާ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ، ދަށު ކޯޓުން އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ޙާލަތުގައި، އޭގެ ބާރުވެރިކަން ނުހިނގާފަދަ ޙާލަތެއް ކުރިމަތިވުމުގެ އިޚްތިމާލު އޮތަތީ، މިފަދަ ޙާލަތުގައި ވަގުތީ އަމުރެއް ނެރެވިދާނެކަން. މި ވަގުތީ އަމުރު ނެރުމަށްޓަކައި އަޑުއެހުމެއް ބާއްވަން ނުޖެހޭނެކަން.
ފިލައިގެން ދާން އުޅުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ޙަވާލާދެނީ ރާއްޖެ ދޫކޮށް ދިއުމަކަށް / ފުރުމަކަށް ނޫންކަން. އެ މާއްދާ ޙަވާލާދެނީ ފިލައިގެން ދިއުމަށްކަން.
- ކޮންމެ މީހަކީވެސް އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ޙައްޤު އޮންނަ މީހެއްކަމުން، މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ޤަބޫލުކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި، އެކަން ބަލާނީ އެކަށީގެންވާ ސަބަބެއް (cause probabale) އޮތުމުގެ މައްޗަށްކަން.
- ފިލަން އުޅޭ ފަރާތެއްކަމުގައި ބުނާނަމަ، އެކަން އެފަދައިން ހިނގުމުގެ އިޙްތިމާލު ހަމަ ހަގީގަތުގައިވެސް އޮތްކަން ދެއްކުމުގެ ގޮތުން، ދައްކާ ވާހަކައަށް ބުރަދަނެއް ލިބިދެވޭނެ ނުވަތަ އެ ވާހަކަ ކޮރާބޮރޭޓްކުރާނެ ކޮންމެވެސް ހެއްކެއް ހުށަހެޅުމަކީ އެކަން އެފަދައިން ހިނގާފާނެ ކަމަށް ބުނާ ފަރާތުގެ ޒިންމާއެއްކަން.
- މީހަކު އަދާކޮށްފައިވާ ދައުލަތުގެ އިސް މަޤާމުތަކުގެ ސަބަބުން އުފެދިފައިވާ ބާރުގަދަ ގުޅުންތަކުގެ ބޭނުން ކޮށްގެން އޭނާ ފިލަނީ ކަމުގައި ބުނާނަމަ، އެފަދައިން ހަމައެކަނި ބުނެފައި ނިންމާލުމުގެ ބަދަލުގައި، މިސާލަކަށް، އެފަދަ ރޭވުމެއް އޮތްކަން ދޭހަކޮށްދޭ ހެކި ހުށަހެޅިދާނެކަން.
- މީހަކު އޭނާގެ މާލީ ތަނަވަސްކަން ހުރިގޮތުން އޭނާއަކީ ރާއްޖެ ދޫކޮށް ގޮސް، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މީހެއްކަމުގައި ބުނާނަމަ، އެހެން ހަމައެކަނި ބުނުމުގެ ބަދަލުގައި، މިސާލަކަށް، އޭނާގެ ހަމަ ހަގީގަތުގައިވެސް އެފަދަ މާލީ ގާބި ލުކަން ހުރިކަން ދައްކުވާދޭ ހެކި އެ ބުނާ ބަހަށް ބާރުދިނުމުގެ ގޮތުން ހުށަހެޅިދާނެކަން.
48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފުކުރުން
- މައްސަލަ އިސްތިއުނާފުކުރުމަށް، ދައުލަތް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ48 ގަޑިއިރުގެ މުއްދަތުކަން.
- އެ މުއްދަތު ގުނުމުގައި ޢަމަލުކުރާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ބަންދު ދުވަސްތައް ނުހިމަނާކަން.
ކޯޓުން މައްސަލަ ނިންމަން އޮންނަ މުއްދަތު
- ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމާއި، އެ މައްސަލަ ރަޖިސްޓްރީވުމާ ދެމެދު ހޭދަވާ މުއްދަތަކީ އާންމު އުސޫލުގެ ދަށުން ޢަމަލުކުރުމަށާއި ލިބިދޭންޖެހޭ ފުރުސަތުތައް ލިބިދިނުމަށް ހިނގާ މުއްދަތުތަކެއްކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ މައްސަލަ ކޯޓުގައި ރަޖިސްޓަރީވާ ދުވަހުން ގުންނަން ފެށޭ މުއްދަތެއްކަން.
- މައްސަލައެއް ކޯޓަކަށް ހުށަހަޅާފައި އޮތުމަކުން، އެ މައްސަލައެއް ކޯޓުގައި ރަޖިސްޓަރީވެފައި ނުވާނަމަ، އެއީ ކޯޓުގައި އެކަމަށް ޤާޟާއީ ފައިސަލާއެއް ކުރުމަށް އޮ ތް މައްސަލައެއް ކަމުގައި ނުބެލެވޭނެކަން.
- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ35 ވަނަ މާއްދާގެ (ނ) އަށް ބެލުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ 7 (ހަތެއް) ދުވަހުގެ މުއްދަތުގުނަން ޖެހެނީ އެ 77 (ހަތެއް) ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަން.