ޙާމިދު އިސްމާޢީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2019/SC-A/48
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޚިޔާނަތްތެރިވުމުގައި ބައިވެރިވުން
ނިމުނު ތާރީޚު:
04/04/21

ފަނޑިޔާރުން

ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު، ޑރ.މުޙައްމަދު އިބްރާހިމް

މައްސަލައިގެ ޚުލާސާ

ކުރެއްދޫ ހޯލްޑީންގްސް ޕްރައިވެޓް ލިމިޓެޑުން ރިޒޯޓެއް ތަރައްޤީ ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ("އެމް.އެމް.ޕީ.އާރ.ސީ") އަށް އެކުއިޒިޝަން ކޯސްޓް ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކާއި އެމް.އެމް.ޕީ.އާރ.ސީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ ހަވާލުވެފައިވީނަމަވެސް، އެ ފައިސާ އެމް.އެމް.ޕީ.އާރ.ސީ އަށް ލިބިފައިނުވާތީއާއި، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބުދުއްޣަފޫރު އާއި ޙާމިދު އިސްމާޢީލް ބައިވެރިވެގެން ޙާމިދު އިސްމާޢީލް ހިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ބޭންކް އެކައުންޓަށް އެޗެކު ޖަމާކޮށް، އެ ފައިސާއިން ޙާމިދު އިސްމާޢީލް މުއާމަލާތް ކޮށްފައިވާކަމަށް ބުނެ، ޙާމިދު އިސްމާޢީލްގެ މައްޗަށް ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ.   

މިމައްސަލައިގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ ޚިޔާނާތުގައި ޙާމިދު އިސްމާޢީލް މެދުމިންވަރަކަށް ބައިވެރިވެފައިވާކަން ޝަރީއަތަށް ސާބިތުވާކަމަށެވެ. އަދި ޙާމިދު އިސްމާޢީލްގެ މައްޗަށް ސާބިތުވި ޚިޔާނަތްތެރިވުމުގެ ކުށަކީ ކުރިން ޢަމަލުކުރަމުންދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރު 4 ގެ 149 ވަނަ މާއްދާގެ (ނ) އާއި 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ ދަށުން ކުށެއްކަމަށެވެ. ޙާމިދު އިސްލާމާޢިލުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް ޙާމިދު އިސްމާޢީލް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ގާނޫނީ އަދި ޝަރުޢީ ސަބަބެއްނެތްކަމަށެވެ. މިއީ ހައިކޯޓުގެ ޙުކުމް ޙާމިދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ. 

އިޝޫ

ދަށު ކޯޓަށް ހުށަނޭޅޭ ހެއްކެއް ހައިކޯޓަށް ހުށަހެޅިދާނެތަ އަދި ހައިކޯޓަށް ހުށަނޭޅޭ ހެއްކެއް ސުޕްރީމްކޯޓަށް ހުށަހެޅިދާނެތަ؟ 

ކުށެއް ކުރުމާއި، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަކުން ބަދަލު ގެނެސްފިނަމަ ދެން ޢަމަލުކުރާނީ ކިހިނެއް؟ 

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

މަތީ މަރުޙަލާގެ ކޯޓުތަކަށް އައު ހެކި ބަލައިގަތުމުގެ އިސްތިސްނާ  

އާންމު އުސޫލު: ދަށު ކޯޓަށް ހުށަނޭޅޭ ހެއްކެއް / ކަމެއް ހައިކޯޓަށް އަދި ހައިކޯޓަށް ހުށަނޭޅޭ ހެއްކެއް / ކަމެއް ސުޕްރީމްކޯޓަކަށް ހުށަނޭޅޭނެކަން. 

އިސްތިސްނާ: ތިރީގައިވާ 3 އުންސުރު ފުރިހަމަވާ ޙާލަތުގައި މަތީގައި ބަޔާންކުރެވިފައިވާ ފަދަ ހެއްކެއް / ކަމެއް މަތީ މަރުޙަލާގެ ކޯޓަށް އައު ހެއްކެއްގެ ގޮތުގައި ބަލައިގަނެވިދާނެކަން: 

- ހެއްކަކީ / ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުން ދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެން ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (non-availability) 

- ހެއްކަކީ / ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައި ނަމަވެސް އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫއަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް / ހުށަހެޅުމަކަށްވުން. (relevance) 

- ހެއްކަކީ / ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް /ހުށަހެޅުމަކަށްވުން Credibility

މަތީ މަރުޙަލާގެ ކޯޓަށް ހުށަހަޅާ ހެއްކަކީ ދަށު މަރުޙަލާގެ ކޯޓަށްވެސް ހުށަހެޅެން އޮތް ހެއްކަކަށްވާނަމަ، އެއީ އަލަށް ހޯދުނު ހެއްކެއް ކަމުގައެއް ނުބެލެވޭނެކަން.  

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އާމިނަތު ނަޒްލީ ވ ސީގޭޓް ދަ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިނުވާ ހެއްކެއް މަތީ މަރުޙަލާގެ ކޯޓަށް ހުށަހެޅޭނެ އިސްތިސްނާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓަވާފައިވޭ. 

ފަހުން އަމަލުކުރަން ފަށާ ގާނޫނުން ލިބޭ ލުއި ލިބިދިނުން  

ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) : ކުށެއް ކުރުމާއި، އެ ކުށެއް ކުރި މީހާއަށް ހުކުމް ކުރުމާ ދެމެދު، އެކުރި ކުށެއްގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ގާނޫނުގައިވާ އަދަބުކަން. 

އާންމު އުސޫލު : ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރެވޭނީ އަދި އެމީހަކު ކުށްވެރިވާނީ އެމީހަކު އެ އަމަލެއް ހިންގިއިރު އަމަލުކުރަމުން ދިޔަ ޤާނޫނުންކަން. ހުކުމް ކުރާއިރު، ޤާނޫނަށް ބަދަލެއް އައިސްގެން އެ މީހަކަށް ލުޔެއް ލިބެން އޮތްނަމަ، އެ މީހަކަށް އެލުޔެއް ލިބޭނެކަން. 

ޤާނޫނުލްއުޤޫބާތުގެ ކުރިން ހިނގާފައިވާ ކުށްތަކަށް ޤާނޫނުލްއުޤޫބާތުން އަދަބު ދިނުމުގައި ޢަމަލުކުރަންޖެހޭ އެއް އުސޫލަކީ އެ ޤާނޫނުގެ 1001 ވަނަ މާއްދާގެ (ރ) ކަން : މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް މި ޤާނޫނުގެ ދަށުން އަދަބުދޭއިރު، އެ ހާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދަޢުވާ ކުރެވިފައިނުވާ ޙާލާތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 'އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު' ކަމަށް ބަލާނީ މި ޤާނޫނުގެ 1002 ވަނަ މާއްދާގައި އޮތް ތާވަލުގެ އަސާސީ މިންގަނޑަށްވުރެ 3 ދަރަޖަ މަތިންކަން.  

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ