ޢިމްރާން ޢަބްދުﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2018/SC-A/51
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޓެރަރިޒަމް
- ނިމުނު ތާރީޚު:
- 22/11/18
ފަނޑިޔާރުން
ޢަބްދުލް ޣަނީ މުޙައްމަދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފު، އާދަމް މުޙައްމަދު ޢަބްދުﷲ
މައްސަލައިގެ ޚުލާސާ
01 މެއި 2015 ވަނަ ދުވަހު މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަދެ، ފުލުހުންނަށާއި ޢާންމުންގެ މުދަލަށް ގެއްލުންދީފައިވާކަމަށްބުނެ، ޢިމްރާން ޢަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރެއްވިއެވެ. މި ނިންމުން އިމްރާން ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައިވެއެވެ. މިއީ، ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ ޝަރިޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޯށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި ޢިމްރާން ޢަބްދުﷲގެ ފަރާތުން ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ދަޢުވާއެއް ކޮށްފައިވާ ގޮތާއި މެދު ސުވާލު އުފެދުމުން ކަން ކުރާނެ ގޮތަކީ ކޮބައިކަން؟
ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު) 2 ގެ (ކ) ގެ ދަށުން ކުރާ ދަޢުވާއެއްގައި ސާބިތުކޮށްދޭންޖެހޭނެ ކަންކަމަކީ ކޮބައިކަން؟
ޖިނާއީ މައްސަލަތައް ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ ކޮބައިކަން؟
އެއްވުމެއްގައި ހިންގާ އަނިޔާވެރި ޢަމަލުތަކަށް އެ އެއްވުން އިންތިޒާމްކުރި ފަރާތުން ޒިންމާ އުފުލަންޖެހޭނީ ކޮން ޙާލަތްތަކެއްގައިތޯ؟
ނިންމިގޮތް
ޢިމްރާން ޢަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި އެ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ، ދަޢުވާ ސާބިތުކޮށްދިނުމަށް ޕްރޮސިކިއުޝަން އިން ހުށަހެޅި ޙެއްކާއި ޤަރީނާ މާނަކުރުމުގައި އުފެދިފައިވާ ޝައްކުތަކާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ރިޢާޔަތްނުކޮށް ކޮށްފައިވާ ދެ ޙުކުމަށްވާތީ، އެ ދެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް ޢިމްރާން ޢަބްދުﷲގެ މައްޗަށް ޓެރަރިޒމްގެ ކުށް ސާބިތުނުވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ދަޢުވާކޮށްފައިވާ ގޮތާއިމެދު ޚިލާފް އުފެދުން
ޤާނޫނީ ގޮތުން ދަޢުވާ ތަކްޔީފުކޮށްފައިވާ ގޮތާއިމެދު ޚިލާފެއް އުފެދިފައިފައިވާނަމަ، އެ ދަޢުވާއެއް އެކުލަވާލާފައިވާ ސީޣާއަށާއި ދަޢުވާގައި ހަވާލާދީފައިވާ ޤާނޫނަށާއި އެ ޤާނޫނުގައި އެ ދަޢުވާގައި ބުނެފައިވާ ޢަމަލު ތަޖުރީމްކޮށްފައިވޭތޯ ބަލަންޖެހޭކަން.
ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު) 2 ގެ (ކ)
ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު) 2 ގެ (ކ) ގެ ދަށުން ކުރާ ދަޢުވާއެއްގައި ސާބިތުކޮށްދޭންޖެހޭނީ، އެ ދަޢުވާ ރައްދުވި ފަރާތުން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކޮށްފައިވާކަން ނުވަތަ ކުރަން އުޅެފައިވާކަމާއި، އެ ފަރާތުން ކުރި/ކުރަންއުޅުނު ކަމަކީ ކޮންކަމެއްކަމާއި، ނުވަތަ ދަޢުވާ ރައްދުވާ ފަރާތުން މީހެއްގެ ނުވަތަ ބައެއްގެ ހަށިގަނޑަށް/މުދަލަށް ގެއްލުން ދީފާނެކަމުގެ އިންޒާރު ދީފައިވާކަމާއި، އެ އިންޒާރު ދީފައިވަނީ ދުލުން ނުވަތަ ލިޔުމުންކަން.
ދަޢުވާލިބޭ ފަރާތް ދެއްކި ވާހަކަތަކުން އަނިޔާވެރި ޢަމަލުތަކެއް ކުރުމަށް ހިތްވަރު ދިނުމުގެ މައްޗަށް ބާރުއަޅާ ވާހަކަ ދައްކާފައިވާކަން ސާފުކޮށް އެނގޭނެ ޢިބާރާތްތަކެއް ނުހިމެނޭނަމަ އެ މާއްދާގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ނުކުރެވޭނެކަން.
ޖިނާއީ ދަޢުވާއެއް ސާބިތު ކުރުމުގެ މިންގަނޑު
ޤާނޫނު އަސާސީގެ 51 (އ) ގައި މިންގަނޑަށް ކުށެއް ކުރިކަން ސާބިތުވާން އޮންނަ މިންގަނޑުން ކުށެއް ކުރިކަން ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއްކަމަށް ބަލަން ޖެހޭކަން.
ކުށެއްކުރިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކުރުން ނަފީކުރާ ކޮންމެ ޝައްކެއް ތަފްޞީރުކުރަންޖެހޭނީ ތުހުމަތުކުރެވިފައިވާ ފަރާތުގެ މަޞްލަޙަތުގައިކަން.
ޖިނާއީ ކުށެއް ސާބިތުވާކަމަށް ކަނޑައަޅަންވާނީ އެ މީހަކު ކުށެއްކުރިކަމާމެދު ނުވަތަ އެ ކުށުގެ ޤާނޫނީ މަސްޢޫލިއްޔަތު އުފުލަންޖެހޭ ޙާލަތެއް ޤާއިމްވެފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެ، ކުށެއް ކޮށްފިކަން ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްޠިނާޢުވުމުންކަން.
ޕްރޮސިކިއުޝަނުން ހާދިސާ ސިފަކޮށް ދަލީލު ޤާއިމްކުރިގޮތުން މުއްތަހަމު ކުށްކުރިކަމާމެދު ނުވަތަ ކުށުގެ ޤާނޫނީ މަސްޢޫލިއްޔަތު އުފުލަންޖެހޭ ޙާލަތެއް ޤާއިމްވެފައިވާކަމާމެދު ޝައްކު އުފެދިފައިވާނަމަ ނުވަތަ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްޠިނާޢު ވެވިފައިނުވާނަމަ، އެ ޝައްކަކީ މާއްދީ ރުކުނާ ގުޅޭގޮތުން ނުވަތަ މަޢުނަވީ ރުކުނާގުޅޭގޮތުން ނުވަތަ ޖިނާޢީ މަސްޢޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއް ކަމުގައި ވިޔަސް، އެ ޝައްކު އެކަށީގެންވާ މިންވަރަށް ފިލާގޮސް ޔާޤީނާ ގަތްކުރާ މިންވަރަށް އިޤްޠިނާޢުވެވޭފަދަ ހަރުދަނާ ދަލީލުތައް ޤާއިމްކުރުމަކީ ޕްރޮސިކިއުޝަންގެ ޤާނޫނީ މަސްޢޫލިއްޔަތެއްކަން.
އެއްވުމެއްގައި ހިނގާ ހަމަނުޖެހުމާއި ގުޅިގެން އެއްވުން އިންތިޒާމްކުރި ފަރާތުން ޒިންމާ އުފުލަންޖެހުން
އެއްވުން އިންތިޒާމްކުރާ ފަރާތުން އެއްވުމެއްގައި ހިނގާ ހަމަނުޖެހުމާއި އަނިޔާވެރި ޢަމަލުތަކަށް ޒިންމާ އުފުލަންޖެހޭނީ އެކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެއްވުން އިންތިޒާމްކުރި ފަރާތުން އަޅާފައިނުވާނަމަކަން.
އެއްވުމުގެ ތެރޭގައި ވަކި މީހަކު ޤާނޫނާ ޚިލާފް ޢަމަލެއްކޮށްފިނަމަ، އެކަމެއްގެ ޒިންމާ ފަރުދީގޮތުން އެމީހަކު އުފުލަންޖެހޭނެކަން.
ވަކިވަކި ފަރުދުންކުރާ ޢަމަލުތަކަށް އެއްވުން އިންތިޒާމްކުރާ ފަރާތުން ޒިންމާ އުފުލަންޖެހޭނީ، އެ ފަރާތަކުން ކުރި ޤާނޫނާ ޚިލާފު ޢަމަލަކާ އެއްވުން އިންތިޒާމްކުރި ފަރާތާ ގުޅުވައިދޭ ހަރުދަނާ ދަލީލުތައް ޤާއިމްކޮށްދެވިއްޖެނަމަކަން.