ޢަބްދުﷲ ފައިޒާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/HC-A/365
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ބިރުދެއްކުން
ނިމުނު ތާރީޚު:
08/02/23

ފަނޑިޔާރުން

މުޙައްމަދު ސަލީމް (ރިޔާސަތު)، ޙުސައިން ޝަހީދު، ފާތިމަތު ފަރުހީޒާ

މައްސަލައިގެ ޚުލާސާ

04 ސެޕްޓެމްބަރ 2020 ދުވަހުގެ 20:00 ހައިއިރު، އާދަމް ޢަލީފުޅު އޭނާގެ އަނބިމީހާ އާ އެކު ނ.ވެލިދޫ އޯޝަންމަގުން އިރުން ހުޅަނގަށް ދަނިކޮށް، އެ ރަށު ލިބޯމާގެ އާއި އަރާ ހަމަވިތަނުން ސައިކަލެއްގައި ޢަބްދުﷲ ފައިޒާން އެތަނަށް ގޮސް، އެދެމީހުން ކައިރިއަށް ސައިކަލު މަޑުކޮށްލުމަށްފަހު ސައިކަލުން ފޭބިގޮތަށް އާދަމް ޢަލީފުޅުއާ ދިމާލަށް ހަޑި ހުތުރުބަހުން އެއްޗެހި ގޮވާ "ކަލޭ މާރަނާމޭ" ބުނެ އާދަމް ޢަލިފުޅަށް އިންޒާރު ދީފައިވާކަމަށް ބުނެ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރާ ޤާނޫނުގެ ދަށުން ޢަބްދުﷲ ފައިޒާންގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޢަބްދުﷲ ފައިޒާންގެ މައްޗަށް ބިރުދެއްކުމުގެ ކުށް ސާބިތުވާކަމަށާއި އެކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. މިއީ، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޢަބްދުﷲ ފައިޒާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

އިޝޫ

1. ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށްޓަކައި މަސައްކަތްކުރުމުގެ ޙައްޤާއި، އެ ޙައްޤު ފަހިކޮށް ކަށަވަރުކޮށް ދިނުމުގައި ކޯޓުގެ މައްޗަށް އޮތް ދައުރަކީ ކޮބައިތޯ؟

2. އަޑުއެހުންތައް ނިމި ޙުކުމްކުރުމާ ހިސާބަށް ގޮސްފައިވާ މައްސަލައެއްގެ ޝަރީޢަތް އަލުން ހުޅުވާލެވިދާނެތޯ؟

3. ފުރަތަމަ މަރުހަލާގެ ކޯޓުގައި ޚަސްމުން ފާހަގަނުކުރާ އަދި އެ މައްޗަށް ޝަރީޢަތުން ބަސްބުނެ ގޮތް ކަނޑައަޅާފައިނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފީ މަރުހަލާގައި ބަހުޘްކޮށް ގޮތް ނިންމިދާނެތޯ؟

ނިންމިގޮތް

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފްކުރުމަށް ޢަބްދުﷲ ފައިޒާންގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުއްވި.

ކަނޑައެޅުނު އުސޫލު

ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށްޓަކައި މަސައްކަތްކުރުމުގެ ޙައްޤު ފަހިކޮށްދިނުމުގައި ކޯޓުގެ ދައުރު

- ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން، އެ މީހެއްގެ މައްޗަށް ޙުކުމްކުރުމާ ހިސާބަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤަކީ ޤާނޫނު އަސާސީއާއި ޤާނޫނުން ތަޞައްވަރުކޮށްފައިވާ ޢަދުލުވެރި ޝަރީޢަތެއް ހިންގުމުގެ އިޖުރާއަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ޙައްޤު.

- މި ޙައްޤު ލިބި ނުދެވޭގޮތަށް ހިންގާ ޝަރީޢަތެއްގެ ނަތީޖާއަކީ، އެ ޝަރީޢަތެއްގެ މައްޗަށް ކުރެވޭ ޙުކުމް ބާޠިލު ޙުކުމަކަށް ވެގެން ދިޔުން.

- އިސްތިސްނާ ޙާލަތެއްގައި މެނުވީ އެ ޙައްޤަކީ، އެ ޙައްޤު ބޭނުންވާ މީހާގެ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ ޙައްޤެއް. ބޭނުންވެއްޖެނަމަ، އެ ޙައްޤު ދޫކޮށްލެވިދާނެ. އަދި ދޫކޮށްލުމަށްފަހުވެސް ބޭނުންވެއްޖެ ހިނދެއްގައި އަލުން އެ ޙައްޤު ބޭނުން ހިފިދާނެ.

- ކުށުގެ ތުހުމަތުކުގައިވާ މީހާއަކީ ބަންދެއްގައި ހުރި މީހެއް ނޫންނަމަ، ޤާނޫނީ ވަކީލެއްގެ ޙައްޤު ކަށަވަރުކޯށްދިނުމުގައި ކޯޓުގެ ދައުރަކީ އީޖާބީ ދައުރެއް.

- ބަންދެއްގައި ހުރި މީހެއްނަމަ، ވަކީލެއް ހަމަޖެއްސުމަށްޓަކައި ފޯނުކުރުމުގެ ފުރުޞަތު އެ މީހަކު ބަންދުކޮށް ހުރި ތަކުގެ އިދާރާއަށް ކޯޓުން އަންގަންޖެހޭ. އަދި އެމީހެއްގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްނަމަ، ވަކީލަކު ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން އެކަން ހަމަޖައްސައިދިނުމަށް އެމީހަކު ބަންދުކޮށްފައިވާ ތަނުގެ އިދާރާއަށް ކޯޓުން އަންގަންޖެހޭ.

- ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ވަކީލެއްގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި ކޯޓުގެ މައްޗަށް އޮތް ޒިންމާއަކީ، ދަޢުވާލިބޭ މީހާގެ ފަރާތުން ހުށަހަޅާ ވަކީލެއް ބަލައިގަނެ، އެ މައްސަލަ ތާވަލުކުރާ ދުވަހަށް ކޯޓަށް ހާޒިރުވުމަށް ވަކީލަށް ނުވަތަ ޚަސްމަށް ޗިޓް ފޮނުވައި، ކޯޓަށް ހާޒިރުވުމުން ޝަރީޢަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުން.

އަޑުއެހުން ނިމިފައިވާ މައްސަލައެއްގެ ޝަރީޢަތް އަލުން ހުޅުވާލެވިދާނެތޯ؟

- ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކުރިއަށް ގެންގޮސް ހެކިބަސް ނަގައި، ޚުލާޞާ ބަޔާން އިއްވައި މައްސަލައިގެ އަޑުއެހުންތައް ނިމި، ޙުކުމްކުރާ ހިސާބުގައިވާ މައްސަލައެއްގެ ޝަރީޢަތްތައް އަލުން ހުޅުވާލައި އެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމާ ހަމައިން ފަށައިގެން ކުރިއަށް ގެންދިއުމާމެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ސާފުކޮށް ވަކި އެއްޗެއް ބަޔާންކޮށްފައެއް ނެތް.

- އިޖުރާއަތުގެ ޤާނޫނުގެ 114 ވަނަ މާއްދާގެ (ކ) ގައި ވަކީލެއް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު އެކަށީގެންވާ ސަބަބަކާ ނުލައި ވަކީލަކު ހަމަޖައްސާފައި ނުވާނަމަ، މައްސަލާގައި ކޯޓުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށާއި، ފަހުން ވަކީލަކު އައްޔަންކުރި ކަމުގައިވިޔަސް، ޝަރީޢަތުގައި ނިމިފައިހުރި ކަންކަން އަލުން ކުރަން ލާޒިމް ނުވާނެކަމަށް ބަޔާންކޮށްފައިވޭ.

- އިޖުރާއަތެއް އޮތުމުގެ އެއް ބޭނުމަކީ އެންމެންގެ މެދުގައި އެންހަމައަކުން އެއް އުޞޫލަކުން ކަންކުރުމަށް މަގުފަހިކުރުން.

- އަޑުއެހުން ނިމި ޙުކުމްކުރާ ހިސާބުގައިވާ މައްސަލައެއް ވަރަށް ޚާއްޞަ އިސްތިސްނާ ޙާލަތެއްގައި މެނުވީ، އަލުން ހުޅުވާލެވިގެން ނުވާނެ.

- މުއްތަހަމް އެދޭ ކޮންމެ ފަހަރަކު އެކަން އެގޮތަށް ކުރަންވެއްޖެނަމަ، ޝަރީއަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ.

- ވަޞީލަތްތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމަށް ހުރަސްއެޅި، ޝަރީޢަތުގެ ވަގުތު ބޭކާރުވެ، މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ފުރުޞަތު އޮންނާނެ.

ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފީ މަރުހަލާގައި ބަހުޘްކުރުން

- ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި އިސްތިއުނާފީ މަރުހަލާގައި އައު ޤާނޫނީ ނުކުތާތަކަށް ބަހުޘްކުރުމަށް ފުރުޞަތު ދެވޭނެ ދެ ޙާލަތެއް ބަޔާންކޮށްފައިވޭ

1. ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ އަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން.

2. ހުށަހަޅާ އައު ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއް ކަމުގައިވުން

- މި ދެ ޙާލަތުގައި އައު އިސްތިއުނާފީ ނުކުތާއަކަށް ރިޢާޔަތްކުރާއިރު، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި، އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރެވިދާނެކަމަށް ކަޕޫރުﷲ ޔޫސުފް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވޭ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ