އަޙުމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/SC-A/20
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ގަޒުފު
ނިމުނު ތާރީޚު:
28/11/22

ފަނޑިޔާރުން

ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޢަލީ ރަޝީދު ހުސައިން، ޑރ.އަޒްމިރާލްދާ ޒާހިރު

މައްސަލައިގެ ޚުލާސާ

ގދ.ތިނަދޫ، ޓައުންވިލާ، އަޙްމަދު ރަޝީދު 25 ނޮވެންބަރު 2015 ދުވަހު ގދ.ތިނަދޫ ރެސްޓޯރަންޓެއްގައި ހުރެ، ގދ.ތިނަދޫ، ލޯންޑްރީ، މުޙައްމަދު ޝަފީޤުއާ މުޚާތަބުކޮށް "މުޙައްމަދު ޝަފީޤުގެ އަންހެނުންގެ ބަނޑުގައި އޮތީ ޝަފީޤުގެ ދަރިއެއް ނޫން ކަމަށާއި، އެއީ މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް' ބުނުމުން، އަޙްމަދު ރަޝީދުގެ މައްޗަށް ގަޒްފުކުރުމުގެ ކުށުގެ ދަޢުވާ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅިއެވެ. ދަޢުވާގެ ދިފާޢުގައި އަޙުމަދު ރަޝީދު ބުނެފައިވަނީ އެފަދަ ޢިބާރާތެއް އޭނާ ބުނެފައި ނުވާނެކަމަށެވެ. ދެ ހެކިންގެ ހެކިބަހުން އަޙްމަދު ރަޝީދުގެ މައްޗަށް ގަޒްފުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 80 އެތިފަހަރުން ޖަލްދުކުރުމާއެކު 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ޙުކުމްކުރިއެވެ. މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އަޙުމަދު ރަޝީދު އިސްތިއުނާފުކުރުމުން، ދަށު ކޯޓުގެ ޙުކުމަށް ތާއީދުކޮށް، ނަމަވެސް އަދަބަށް ބަދަލުގެނެސް ޖަލު އަދަބު ބާތިލުކޮށް 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ހައިކޯޓުން ދެމެހެއްޓިއެވެ.މިއީ ހައިކޯޓުގެ ޙުކުމް އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޙައްދުގެ ކުށް ސާބިތު ކުރުމުގެ މިންގަނޑަކީ ކޮބައި؟

2. ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގައި ބުނާ ގަޒުފުގެ ބަހަކީ ކޮބައި؟

2. ގަޒްފުގެ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނީ ކޮން ހެކިތަކެއް؟

4. ހައްދުގެ އަދަބާއެކު ތައުޒީރީ އަދަބެއް ދެވިދާނެތަ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ކަނޑައެޅުނު އުޞޫލުތައް

ޙައްދުގެ ކުށް ސާބިތު ކުރުމުގެ މިންގަނޑު

- ޙައްދުގެ މައްސަލަތައް އިސްލާމީ ޝަރީޢަތުގައި ސާބިތުވާންޖެހޭ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންގަނޑުކަން.

- ޢާއްމު ގޮތެއްގައި ޝުބުހަ އޮންނަ ޙާލަތުކަމަށް ބަލަނީ ކުށުގެ އަމަލުކުރިކަމާމެދު ޔަގީންކަން ލިބޭ މިންވަރަށް ހެކި ނުހުންނަ ޙާލަތުކަން، މީގެ އިތުރުން މުއްތަހަމްގެ މަންފާއަށް، މާފްވަނިވި ދިފާއެއް އޮންނަ ހާލަތާއި، ކުށްކުރުމުގެ ނިޔަތް ނެތްކަން ބޭރު ފުށުން ކަށަވަރުކުރެވޭ ވާގިއާތައް ހުންނަ ހާލަތާއި، ޝަރުޢީ ދަލީލުތަކުގެ އިތުބާރާއި މެދު ޚިލާފު އުފެދޭ ޙާލަތުތަކާއި، ޝަރުޢީ ދަލީލުތަކުން ދޭހަވާ ދޭހަވުމާއި ގުޅިގެން ފިގުހުވެރިންގެ މެދުގައި އިޚްތިލާފު އޮންނަ ޙާލަތާއި، ކުށުގެ ޢުންސުރުތައް ހަމަނުވާ ޙާލަތްތަަކަކީވެސް ހައްދުގެ ޢުޤޫބާތް ދިނުމުން ދުރުވާންޖެހޭ ޝުބުހައެއް އޮންނަ ޙާލަތުތަކެއްކަމަށް ޢިލްމްވެރިން ބުނާކަން.

ގަޒްފުގެ ގެ ބަހެއްތޯ ބެލުން

- ބުނެފައިވާ ބަހަކީ، ގަޒްފުގެ ބަހެއްތޯ ނޫންތޯ ކަނޑައެޅުމުގައި ބޭނުންކުރާނީ މައުލޫއީ މިންގަނޑުކަން:

- އެ ބަހަކީ، އެ ބަހަކުން ސަބަބުވެރި މީހެއްގެ ހިތުގައި އެއީ ޒިނޭއަށް ތުހުމަތުކުރުމުގެ ބަހަކަށްވޭތޯ ބަލައިގެން އެ ބަހާމެދު ގޮތް ނިންމުން ކަން.

- ބަސް ބޭނުންކުރީ ސީދާސީދަލަށް ނޫން ނަމަވެސް ސަބަބުވެރި މީހަކަށް އެ ބަހުން ވަކި ގޮތަކަށް ދޭހަވާ ނަމަވެސް އެއީ ގަޒުފުގެ ބަހަކަށް ވެދާނެކަން. އަދި ވަށްބަހަކުން ޖެހިއަސް އެކަމުގެ ހަގީގަތާއި ހާލަތު އެނގޭ ބަޔަކަށް އެބަސް އަމަާޒުވަނީ އަދި ތުހުމަތު ކުރަނީ ކޮން ކަމަކަށްކަން އެނގޭނަމަ އެވަރުން ފުދޭކަން.

- ބަސް ބޭނުން ކުރި މަގްސަދު ބެލުން އެހާ މުހިއްމު ނޫންކަން. މުހިއްމު ކަމަކީ ސަބަބުވެރި މީހަކަށް އެ ބަސް ފަހުމުވި ގޮތްކަން.

ގަޒްފު ސާބިތުކުރުން

- ހެކިންގެ ހެކިންގެ ހެކިބަހުން އަދި އަމިއްލަ އިޢުތިރާފުން ކުށް ސާބިތުކުރެވޭނެކަން

-ހެކިންގެ ހެކިބަހުން ގަޒްފުގެ އިބާރާތް ބުނިކަން ސާބިތުކުރަންޖެހޭނީ އެ ބަސް ބުނިކަން ފަނޑިޔާރަށް ޔަޤީންވާ މިންވަރަށް އަދި ފަނޑިޔާރުގެ ވިސްނުން ޔަޤީންކަމުގެ މަހައްލުން ކައްސައިލާނެ އެއްވެސް ޝުބުހައެއްނެތިކަން.

- ހެކިންގެ ހެކިބަސް ޤަބޫލުކުރެވޭނީ ގަޒްފުގެ އިބާރާތް ބުނިއިރު އެތަނުގައި އެ މައްސަލައިގައި ހެކިބަސްދޭ ހެކިވެރިން ތިބި ނަމަކަން.

- ބަސް ބުނިކަމާމެދު ޔަގީނުގެ މިންވަރު ހާސިލުކުރެވޭނަމަ ގަޒްފުގެ ކުށް ތެދުވެރި ދެ ފިރިހެނުން ނުވަތަ ތެދުވެރި ދެ އަންހެނުން ނުވަތަ ތެދުވެރި އަންހެނަކާއި ތެދުވެރި ފިރިހެނެއްގެ ހެކިބަހުން ސާބިތުކުރެވިދާނެކަން.

- މުއްތަހަމް ލިޔެވިފައިވާ ބަހަކުން ނުވަތަ އޯޑިއޯ / ވީޑިއޯ ރެކޯޑިންގްއަކުންވެސް އެ އޯޑިއޯ / ވީޑިއޯގެ ޞައްޙަކަން އިތުބާރުހުރި ފޮރެންސިކް ޓެސްޓްތަކުގެ އަލީގައި ސާބިތުވާނަމަ ނުވަތަ އެ އޯޑިއޯ / ވީޑިއޯއަށް ބާރުދޭ އިތުރު ވާޤިއާއެއް އޮތްކަން ޝަރީޢަތަށް ސާބިތުވާނަމަ، ގަޒްފުގެ ކުށް ސާބިތުކުރުމަށް އެފަދަ ހެކި ފުދޭނެކަން.

- ދައުލަތުންނާއި ދިފާޢުން ހުށަހަޅާ ހެކިންގެ ޢަދަދު އެއްވަރުވާ ކޮންމެ ޙާލަތެއްގައި ޝަބުހައެއް ނުއުފެދޭނެ ކަމާއި، ހެކިބަހުގެ ކޮލިޓީއަށް / ހަރުދަނާކަމަށް ރިޢާޔަތްކުރަންވާނެކަން.

ހައްދާއެކު ތައުޒީރުގެ އަދަބު ދިނުން

- ޤާނޫނުލްޢުޤޫބާތުގެ އެއްވެސް މާއްދާއެއްގައި ހައްދު ނުވަތަ ގިސާސްގެ އަދަބުގެ އިތުރަށް އަދަބެއް ދޭން ކަނޑައަޅާފައިވާނަމަ، އެ އަދަބު ވެގެންދާނީ ތައުޒީރުގެ އުގޫބާތަކަށް ކަމުގައިވާތީ، އެފަދަ ތައުޒީރުގެ އުގޫބާތު ދެވޭނީ އެކުށުގެ ޝަރުޠުތައް ފުރިހަމަނުވާނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ޝުބުހާއެއް އޮވެގެން ހައްދުގެ އުގޫބާތް ދެވެންނެތްނަމަ ނުވަތަ ގިސާސްގެ މައްސަލަތަކުގައި އެއްވެސް ބާވަތެއްގެ ޝުބުހައެއް އޮވެގެން ނުވަތަ ގިސާސް މައްސަލަތަކުގައި ވާރިސުން މައާފުކޮށްފައިވާނަމަކަން.

- މީގެ އިތުރުންވެސް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ޙައްދުގެ މައްސަލަތަކުގައި ހައްދުގެ އަދަބު ދިނުމާއެކު ތައުޒީރުގެ އުޤޫބާތެއް ދިނުމަށް ކަނޑައަޅާފައިވާނަމަ ހައްދުގެ އަދަބުގެ އިތުރަށް ތައުޒީރުގެ އަދަބު ދެވޭނީ ތައުުޒީރުގެ އަދަބެއް ދިނުން ހުއްދަ ކުރާ ޙާލަތެއް ނުވަތަ ސަބަބެއް އޮވެގެންކަން:

- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ތައުފީޤު ޤަޟިއްޔާގައި ހައްދުގެ މައްސަލަތަކުގައި ތައުޒީރުގެ އަދަބު ދިނުމާއި ބެހޭގޮތުން ކަނޑައަޅުއްވާފައިވާ އުސޫލު މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ