(ނަން އުނިކުރެވިފައި) ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/HC-A/463
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން
ނިމުނު ތާރީޚު:
21/12/25

ފަނޑިޔާރުން

ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލު މޫސާ

މައްސަލައިގެ ޚުލާސާ

2020 ވަނަ އަަހަރުގެ ޑިސެންބަރު މަހުގެ ދުވަހެއްގައި، މީނާގެ ދޮންރިއެއްކަމަށްވާ (16 އަހަރު)ގެ އަންހެއް ކުއްޖާ ކ.މާލެއަށް ޑޮކްޓަރަށް ދައްކަން މީނާއާއެކު ގޮސް، ކ.މާލޭގައި ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި، ކުއްޖާ ނިދަން އޮތްވާ، ކުއްޖާގެ ސޯޓުގެ ތެރެއަށް މީނާގެ ފައި ކޮއްޕައި، ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލައިފައިވާތީއާއި، 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓް މަހާއި ދެމެދު އެކި ދުވަސްމަތިން، ކުއްޖާ ނިދާކޮޓަރީގައި ނިދާފައި އޮތްވާ ކުއްޖާގެ ސޯޓު ތެރެއަށް މީނާ އަތް ކޮއްޕާ ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލައިފައިވާތީއާއި، މީނާ ސައިކަލުގައި ސ.މަރަދޫ އާއި ސ.ހިތަދޫ ދެމެދުގައި އޮންނަ ބްރިޖްއާ ދިމާލުން ފަޅުރަށް ތެރެއަށް، ކުއްޖާ ގެންގޮސް، މީނާ ކުއްޖާގެ މޭމަތީގަ އާއި ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލައިފައިވާތީއާއި، ގޭގެ ބަދިގޭގެ ގޮނޑިއެއްގައި ކުއްޖާ އިންދައި މީނާ ކުއްޖާގެ މޭމަތީގައި އަތްލާފައިވާތީ

އިޝޫ

1. ޕްރޮސިކިއުޝަނުން ހުށަހެޅި ބައެއް ހެކިތައް ބެލުމުގެ ފުރުސަތު ދިނުމެއްނެތި މައްސަލަ ނިންމަވާފައިވަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަމަށް.

2. ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް.

3. ޝަކުވާކުރި ކުއްޖާގެ ބަޔާނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން އެހެން ހެކިންގެ ހެކިބަހާއި ބަޔާންތަކުން ނަފީވާއިރު، އެކަންކަމަށް ޝަރީޢަތުން ބުރަދަން ދެއްވާފައިނުވުމަކީ ހެކި ވަޒަންކުރެއްވުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް.

4. ޝަކުވާކުރިކުއްޖާގެ ތެދުވެރިކަމާ ގުޅޭގޮތުން އަދި އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކުރެއްވުމެއްނެތި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް.

5. އިސްތިއުނާފުކުރާ ފަރާތް ތަމްޞީލްކުރުމުގައި އައްޔަނުވި ޤާނޫނީ ވަކީލުންގެ ފަރާތުން ދިފާޢު ބިނާކުރުމާއި، ވަކީލާއި މަޝްވަރާކުރުމުގެ ފުރުޞަތު އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާތީ، ދިމިޤްރާތީ މުޖުތަމަޢުތަކުގައި ބަލައިގެންފައިވާ Ineffective Assistance of Counsel ގެ އުޞޫލު ޤާނޫނުއަސާސީގެ 62 ވަނަ މާއްދާއާއި، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށްބަލާއިރު، މި މައްސަލާގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) އިން ލިބިދޭ އަސާސީ ޙައްޤުތައް އެކަށީގެންވާގޮތެއްގައި އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމަށް.

ނިންމިގޮތް

ދަށުކޯޓުގެ ޤަޟިއްޔާ އިސްތިއުނާފްކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމަވައި ޙުކުމްކުރެއްވިއެވެ.

ކަނޑައެޅުނު އުސޫލު

1. ކުއްޖާގެ އިންޓަވިއު ރެކޯޑިންގް ބެލުމުގެފުރުޞަތު ދިފާއަށް ދެވިފައިވާކަން އެނގޭތީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހައްޤު ލިބިދީފައިވާކަމަށާއި،

2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަހްމަދު މުޚްތާރު ޤަޟިއްޔާގައި ބަޔާންކުރާ 3 ކަންތައް އެއީ:

- ކުއްޖާގެބަސް އެތެރެފުށުން (internal consistency) އަދި ބޭރުފުށުން އެއްގޮތްތޯ (external consistency) ބެލުމާއި،

- ކުއްޖާގެ އަޚްލާޤާއި ޢަމަލުތަކާއި، އުޅުން ހުންނަގޮތާއި،

- ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާ ކުރުމުގެ ނުނިޔަތެއް އޮތްތޯ ބެލުން.

މި 3 ކަންތައް ލިސްޓުކުރެވިފައިވީނަމަވެސް މިއީ ކޮންމެ މައްސަލައެއްގައި ބެލުން ލާޒިމުކަމެއް ނޫންކަމަށާއި، ކޮންމެ މައްސަލައެއްގެ ވާޤިޢާ ތަފާތުވާނެކަމަށެވެ. އެގޮތުން އުއްތު ކުއްޖަކަށް ޖިންސީގޯނާކުރާ މައްސަލަ މިސާލެއްގެ ގޮތުގައި ނަންގަވައި އެ ކުއްޖާގެ އުޅުން ހުންނަގޮތް ނުބެލޭނެކަން ފާހަގަކުރައްވާފައިވެއެވެ.

3. ހެކި ހުށަހެޅުމާއި ހެކި އަނބުރާ ގެންދިއުމުގެ ބާރަކީ އެ ހެކި ހުށަހެޅި ޚަޞްމަކަށް ލިބިގެންވާ ބާރެއްކަމަށާއި،

4. އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ހެކިބަސް ނަގަންވާނީ އެކަން ކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމުގައިވާނަމަކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 127 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާކަމަށާއި އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A/05  ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިލްހާމް ޢަބްދުއްރަހްމާން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައުން ޤާނޫނުގެ މަޤްޞަދަކީ އަދި އެއިން ނެރެން ބޭނުންވާ ނަތީޖާއަކީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަތަކުގައި ޝަރީޢަތަށް ކުދިން ޙާޟިރު ނުކުރުން ކަމަށާއި،

5. ހެކިބަސް ވަޒަންކުރުމުގައި އާންމު އުސޫލަކީ ކުދި ކުދި ޚިލާފުހުރިނަމަވެސް އެއަށް ބުރަދަނެއް ދޭންޖެހޭފަދަ ޚިލާފެއް ނެތްނަމަ އެ ހެކިބަހާއި މައްސަލާގައި ހުށަހެޅި އެހެނިހެން ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް ވާސިލުވެވޭ ޖުމްލަ ނަތީޖާއަށް ބުރަވުންކަމަށާއި، އެއީ މައްސަލައިގެ ވާޤިއާތައް ސާބިތުވުމުގައި ޝައްކެއް އުފެދޭފަދަ ޖައުހަރީ ފުށުއެރުމެއްތޯ ބަލައި އެ ފަރަޤުކުރަން ޖެހޭކަމަށާއި، އެފަދަ ފުށުއެރުމެއް ނެތްނަމަ އެ ހެކި އެއްފަރާތްކުރަން ނުޖެހޭނެކަމަށާއި، (އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2018/HC-A/225  މުޙައްމަދު ޝިފާޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާއާ ޙަވާލދީ ތަފްސީކޮށްދީފައިވެއެވެ.)

6. މި މައްސަލާގައި ހުށަހެޅި ހެކިތަކަށް ޖުމްލަކޮށް ރިޢާޔަތްކުރާއިރު ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްކަމަށާއި، މިކަން ދަށުކޯޓުގެ ނިންމުމުގައިވެސް ފާހަގަކުރައްވާފައިވާކަމަށާއި،

7. ކުއްޖާގެ ބަހުގައި ކުދި ކުދި ފަރަޤު ހުރިނަމަވެސް އެއީ މައްސަލައިގެ މަޢުޟޫއާގުޅޭ ޖައުހަރީ ފުށުއެރުމެއް ނޫންކަމަށާއި، މި ބާވަތުގެ މައްސަލަތަކުގައި ބަރޯސާވަނީ ކުއްޖާގެ ބަހަށްކަމަށްވާއިރު، އެފަދަ ކުއްޖަކަށް މެދުވެރިވާ ނާޒުކު ޙާލަތަށާއި، ކަމުގެ ޙައްޞާޞްކަމުގެ މައްޗަށްބަލައި، އެ ހާދިސާގެ މަތިން ކުއްޖާ ހަނދާން ނައްތާލަން ބޭނުންވާނެކަމީ އަދި ކުއްޖާ ކިޔައދޭ ކިޔައިދިނުން ތަކުރާރުކުރަން ކުއްޖާ ބޭނުންނުވާނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމާއި، ކުއްޖާގެ ބަހުގެ އެތެރެފުށާއި ބޭރުފުށް އެއްގޮތްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަހްމަދު މުޚްތާރު ޤަޟިއްޔާއާ އެއްގޮތަށް ކަމަށާއި،

8. ކުއްޖާގެ އަޚްލާޤާއި ޢަމަލަކީ މައްސަލައިގެ ޙަޤީޤަތްތައް ވަޒަންކުރުމުގައި މައްސަލައިގެ ޙަޤީޤަތްތަކާއި ގުޅުންހުރި ކަމެއް ނޫންކަމަށާއި، މި ބާވަތުގެ ކޮންމެ މައްސަލައަކީވެސް ޖިންސީގޯނާކުރާ މީހާއާއި ކުއްޖާއާ ހުރި ގުޅުމާއި، ގާތްކަމާއި، ކުއްޖާގެ އުމުރާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް މައްސަލަ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުން ވަޒަންކޮށް ފައިސަލާ ކުރަންޖެހޭ މައްސަލަތަކެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/60  ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަހްމަދު މުޚްތާރު ޤަޟިއްޔާއާޙަވާލާދީ ފާހަގަކުރައްވާފައިވެއެވެ.

9. ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާކުރުމުގައި ނުނިޔަތެއް އޮތްކަމަށް ބުނާނަމަ، އެފަދަ ވާހަކައެއް ހަދައިން ކުއްޖާ ދަންކަންވީ ސަބަބެއް އެކަށީގެންވާ މިންވަރަށް ދަޢުވާ ލިބޭ ފަރާތުން ބުނެދިނުމުން މެނުވީި، ޕްރޮސިކިއުޝަނުން ހެކި ހުށަހަޅައި ކުއްޖާގެ ނުނިޔަތެއް ނެތްކަން ސާބިތުކޮށްދޭން ނުޖެހޭނެކަމަަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަހްމަދު މުޚްތާރު ޤަޟިއްޔާއާޙަވާލާދީ ފާހަގަކުރައްވާފައިވެއެވެ. މި މައްސަލާގައި ކުއްޖާ އެފަދަ ވާހަކައެއް ހަދައިގެން ދައްކަފާނެ އެކަށީގެންވާ ސަބަބެއް ހެކިބަހުން ފާޅުނުވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި އެކަމަށް ބާރުދޭ އިތުރުކަމެއް ނެތްކަމަށާއި،

10. ineffective assistance of counsel - އާންމު އުސޫލުން ޤާނުނީ ވަކީލުގެ ފަރާތުން ވަކާލާތުކުރަން ގެންގުޅޭ އުކުޅުތަކާއި، ޤާނޫނީ ޚިދުމަތްދޭ ގޮތާއި، ދިފާޢު ބިނާކުރާ ގޮތާއި، ވަކީލެއްގެ ޒިންމާ އަދާކުރާގޮތަށް ޝަރީޢަތުން ފާޑު ނުކިޔާނެކަމާއި، އެކަމުގެ މައްޗަށް އިސްތިއުނާފު ބިނާވުމަކީ ވަރަށް ނާދިރުކަމެއްކަމަށާއި، ވަކީލުގެ ޒިންމާ އަދާކުރުމުގައި ޤާނޫނީ ފަންނުގެ އަސާސްތަކާއި ޢަދުލުއިންސާފު ޤާއިމްކުރުމުގެ ހަމަތަކާއި ޚިލާފުވެފައިވާނަމަ އެކަން ބެލުމުގެ މަސްއޫލުވެރި ފަރާތަކީ ބާ ކައުންސިލްކަމާއި، ވަކީލުގެ ޒިންމާ އަދާކުރުމުގައި އިހުމާލުވެ ފަރުވާކުޑަކޮށްފައިވާނަމަ ineffective assistance of counsel އާ ގުޅިގެން ތަފާތު އިޙްތިޞާޞްތަކުގައި ޤާއިމުކޮށްފައިވާ ޓެސްޓުތަކަށް ރިޢާޔަތްކޮށް ވަކީލުންގެ އާންމު ސުލޫކީ މިންގަނޑަށްވުރެ މަތީ މިންގަނޑަކުން އެކަމަށް ނަޒަރުކޮށް ގޮތް ކަނޑައަޅަންވާނެކަމަށާއި، އެ ޓެސްޓަކީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރުމުގައި ސަބަބުވެރި މިންގަނޑަށްވުރެ ވަކީލުގެ ޢަމަލުތައް ޣައިރު ސުލޫކީވެ، ފާޅުކަން ބޮޑު ގޮތެއްގައި ނާޤާބިލުކަން ފާޅުވެ، އެކަމުގެ ސަބަބުން މުއްތަހަމަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުން އެއްކިބާވެ ބޭއިންސާފު ކުރިމަތިވެފައިވުން ކަމުގައެވެ.

11. ދަށުކޯޓުގެ ވަކީލުންގެ ސުލޫކާއި ގުޅިގެން ޤާނޫނީ ފަންނުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) އާއި ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދުގެ ޖަދުވަލުތަކާ ޙަވާލާދީ އެ ނިޒާމުގެ ތެރެއިން އެފަދަ ކަމެއް ހުށަހަޅާފައި ނުވާކަމަށް އިސްތިއުނަފުކުރާ ފަރާތުވެ ވަކީލު ފާހަގަކުރައްވާފައިވާކަމަށާއި، އެކަމަށް ކޯޓުން ފަރުވާއެއް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ތަރުތީބުވެފައިވާ ގޮތް ނޫންކަމަށާއި،

ދިފާއީ ވަކީލުން ދަށުކޯޓުގައި ގޯސްތަކެއް ހަދާފައިވަކަމަށް ބަޔާންކުރާއިރު، އޭގެ ތެރެއިން ބައެއް ކަންކަމަކީ trial strategy ކަމަށާއި، އެއީ ވަކީލުންނަށް ލިބޭ އިޚްތިޔާރީބާރާ ގުޅިފައިވާ ކަންކަން ކަމުގައާއި، މި މައްސަލާގައި އަސާސީ ޙައްޤެއް ގެއްލިފައިވާކަމަށް ނުދެކޭކަމަށް ފާހަގަކުރައްވާފައިވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ