ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް

ޤަޟިއްޔާ ނަންބަރު:
2021/SC-A/105
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޓެކްސް
ނިމުނު ތާރީޚު:
08/03/22

ފަނޑިޔާރުން

ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޢަލީ ރަޝީދު ހުސައިން، ޑރ.މުޙައްމަދު އިބްރާހިމް

މައްސަލައިގެ ޚުލާސާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް 30 ޖޫން 2020 ގައި އޮޓިޑް ނޯޓިސްތަކެއް ފޮނުވިއެވެ. މި ނޯޓިސްތަކަށް އިޢުތިރާޒުކޮށް އެކުންފުނިތަކުން މީރާއާ ދެކޮޅަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. ޓްރައިބިއުނަލުން މި މައްސަލަ ބަލަން ފަށައި، މީރާއިން ފޮނުވި އޮޓިޑް ނޯޓިސްތަކުގެ ދަށުން އޮޓިޑް ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މީރާގެ މައްޗަށް ވަގުތީ އަމުރުތަކެއް ނެރުނެވެ. މި ވަގުތީ އަމުރުތައް ބާޠިލްކޮށްދިނުމަށް އެދި މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ މައްސަލައެއް ހުށަހެޅިއެވެ.

މީރާއިން އިސްތިއުނާފުކުރި މައްސަލަ އަށް ޕީޖީ އޮފީހުން ތަދައްޚުލުވުމަށް އެދި ހުށަހެޅިއެވެ. މިފަދައިން އެދުނީ ޓެކްސް އެޕީލް ޓަރައިބިއުނަލުން ނެރެފައިވާ އަމުރުތަކަކީ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ބުނެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއާ ޙަވާލާދެމުންނެވެ. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ބުނާ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށް ބެލުން ހިމެނެއެވެ. ހައިކޯޓުން ނިންމީ ޕީޖީ އޮފީހަށް ތަދައްޚުލުވުމުގެ ހުއްދަ ނުދިނުމަށެވެ. މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް މީރާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައަށް ތަދައްޚުލުވުމުގެ ހުއްދަ ޕީޖީ އޮފީހަށް ދެވެން ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން، ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލުނު މައްސަލައެވެ.

އިޝޫ

1. ޓެކްސް އޮޑިޓާއި ޖިނާއީ ތަޙްޤީޤަކީ ކޮބައިކަން؟

2. ޓެކްސް އޮޑިޓެއްގައި ޖިނާއީ ތަޙްޤީޤެއް ހިންގުން ހިމެނިގެން ނުދާނަމަ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް މިފަދަ މައްސަލައަކަށް ތަދައްޚުލުވުމުގެ ހުއްދަ ޕީޖީ އޮފީހަށް ދޭންޖެހޭކަން ނުވަތަ ނޫންކަން؟

ނިންމިގޮތް

މައްސަލައިގައި ނެރެފައިވާ އޮޑިޓް ނޯޓިސްތައް ނެރެފައިވަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން އެނގެން ނެތުމުން، އޮޓިޑްގެ ސްކޯޕް ސާފުނުވާތީ، ޕީޖީ އޮފީހުން ބަޔާންކުރާ ޚުސޫމާތު އުފެދުމުގެ ފުރުޞަތު ނެތުމުން ހައިކޯޓުން ޕީޖީ އޮފީސް މައްސަލައަށް ތަދައްޚުލުނުކުރުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނޫންކަމަށް ކަނޑައަޅައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

- ޓެކްސް އޮޑިޓުގެ ތޮބީޢަތަށް ބަލާއިރު، ޓެކްސްގެ ކޮންމެ އޮޑިޓަކީ ޖިނާއީ ތަޙްޤީޤަކަށް ނުވާނެކަން.

- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ނެރޭ އޮޑިޓް ނޯޓިސްތައް ނެރެންވާނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުންކަން އެނގޭނެ ގޮތަށްކަން.

- މީރާއިން ނޯޓިސް ނެރެފައިވަނީ އެ އިދާރާއިން ކުރާ ޖިނާއީ ތަޙްޤީޤަކާ ގުޅިގެންކަން ސާފުކޮށް އެނގެން އޮތްނަމަ ޕީޖީ އޮފީހުން ބަޔާންކުރާ ޚުސޫމާތު އުފެދުމުގެ ފުރުސަތު އޮވެދާނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ