އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2026/HC-B12/15
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ބަންދު އަމުރު މުރާޖަޢާކުރުން
ނިމުނު ތާރީޚު:
06/05/26

ފަނޑިޔާރުން

ދީބާނާޒް ފަހުމީ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު، އިބްރާހިމް މާހިރު

މައްސަލައިގެ ޚުލާސާ

މައްސަލައިގެ ފެށުން: މި މައްސަލައަކީ އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދަޢުވާއަކާ ގުޅިގެން، އޭނާ ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު މުރާޖަޢާކުރުމަށްފަހު ކްރިމިނަލް ކޯޓުން 07 އޭޕްރިލް 2026 ގައި ނިންމި ނިންމުން (ބަންދު ދަމަހައްޓަން ނިންމި ނިންމުން) ބާޠިލުކުރުމަށް އެދި ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ.

އިސްތިއުނާފުކުރި ސަބަބު: އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ދައުލަތުން ބަންދާމެދު ގެންގުޅޭ އުޞޫލުތައް އެކި މައްސަލަތަކުގައި އެކިގޮތަށް ބަދަލުކޮށް، ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ ބައްޓަންކުރުމުގެ ނަތީޖާއަކަށްވަނީ އިތުރު އޮޅުންބޮޅުންތަކެއް އުފެދުން ކަމަށާއި، ދަށު ކޯޓުން ބަންދު މުރާޖަޢާކޮށް ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ.

އިޝޫ

1. ކްރިމިނަލް ކޯޓުން 07 އޭޕްރިލް '2026 ގައި "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ؟ އަދި އެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ވުޖޫދުގައި އެބައޮތްތޯ؟

2. އެކަށީގެންނުވާ ދިގު މުއްދަތެއް ވަންދެން ބަންދުގައި ހޭދަވުމަކީ ބަންދު ދޫކޮށްލަންޖެހޭ ސަބަބެއްތޯ؟

ނިންމިގޮތް

ހައިކޯޓުން ނިންމެވީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން، ދަށު ކޯޓުން "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" (07 އޭޕްރިލް 2026 ގެ ނިންމުން) ރަނގަޅު ކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނުގެނައުމަށް ހައިކޯޓުން ޙުކުމް ކުރެއްވިއެވެ.

ދިގު މުއްދަތުގެ ބަންދާ ގުޅޭގޮތުން:

ހަމައެކަނި ބަންދުގައި ގިނަ ދުވަސްތަކެއް ނުވަތަ ދިގު މުއްދަތެއް ހޭދަވުމަކީ، ބަންދުކުރަންޖެހުނު އަސާސީ ސަބަބުތައް (މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ފަދަ ކަންކަން) ދެމިއޮއްވައި، އަމިއްލަޒާތުގައި ބަންދުން ދޫކޮށްލަންޖެހޭ މުޠުލަޤު (Absolute) ސަބަބެއް ނޫނެވެ.

ދިގު މުއްދަތެއް ހޭދަވީ މައްސަލައިގެ ކޮން ބައެއްގެ އިހުމާލުންތޯއާއި، ކުށުގެ ތުހުމަތުގެ ކުޑަބޮޑުމިނަށް (Gravity of the offense) ކޯޓުން ރިޢާޔަތްކުރަންޖެހޭނެއެވެ. ބަންދަށް ދިގު މުއްދަތެއް ވީނަމަވެސް، މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑުނަމަ ބަންދު ދަމަހައްޓަންޖެހޭނެއެވެ.

ކަނޑައެޅުނު އުސޫލު

ޤާނޫނީ ސަބަބެއް ނެތުން: ދަށު ކޯޓުން ބަންދު މުރާޖަޢާކުރުމަށްފަހު ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނުވަތަ އިޖުރާއަތްތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ބަންދުގެ ޙާލަތަށް ބަދަލު ނައުން: ބަންދުން ދޫކޮށްލަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ އައު ސަބަބެއް ނުވަތަ ބަންދުގެ ޙާލަތަށް ބަދަލު އައި ފަދަ އެކަށީގެންވާ ކަމެއް މުރާޖަޢާގެ މަރުޙަލާގައި ދެއްކިފައެއް ނުވެއެވެ.

ކޯޓުގެ އިޚްތިޔާރު: ދައުލަތުގެ ބައެއް ސިޔާސަތުތަކަށް ބަދަލު އައި ކަމަށް ބުނެ ވަކާލާތު ކުރި ނަމަވެސް، ކޯޓުން ބަންދާމެދު ގޮތް ނިންމުމުގައި ބަލާފައިވަނީ ކުށުގެ ތުހުމަތުގެ ކުޑަބޮޑުމިނަށާއި، ޤާނޫނުގައި ބަންދު ދަމަހައްޓަންޖެހޭ ކަމަށް ބަޔާންކުރާ އަސާސްތަކަށް ކަމަށްވާތީ، ދަށު ކޯޓުގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ