މުޙައްމަދު އިމްޔާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2018/SC-A/27
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
15/10/20

ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޑރ.އަޒްމިރާލްދާ ޒާހިރު

މައްސަލައިގެ ޚުލާސާ

ހއ.އިހަވަންދޫ، ގުޑްލަކް މުޙައްމަދު އިމްޔާން 'އައްޑަނަ' ނަމަކަށް ކިޔާ ދޯންޏަކުން 22 ފެބުރުވަރީ 2013ދުވަހު ހއ.އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން، އައްޑަނަ ދޯނި އެދުވަހު ލަފަން ވާއިރަށް ފުލުހުން ބަނދަރަށްގޮސް އެތަނުން މުޙައްމަދު އިމްޔާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެއަށްފަހު، މުޙައްމަދު އިމްޔާން އެ ރަށު ޕޮލިސްސްޓޭޝަނަށް ގެންގޮސް ބަލައި ފާސްކުރި އިރު، އޭނާ ލައިގެން ހުރި ސޯޓުގެ ވާތް ފަރާތު ޖީބުން މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް ފުލުހުން ނެގިއެވެ. ދަޅުގައި ހުރި ތަކެތި ތަޙްލީލް ކުރިއިރު އޭގައި 23.7912 ގްރާމް ކެނެބިސް ހުރިކަމަށް ދައްކާތީ، މުޙައްމަދު އިމްޔާންގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް ޙުކުމްކުރުމުން މުޙައްމަދު އިމްޔާން މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްނެތް ކަމަށެވެ. މިއީ ހައިކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، މުޙައްމަދު އިމްޔާންގެ ފަރާތުން ދިވެހިރާއްޖޭގެސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތަކަކީ ކޮބާ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމް ޤާނޫނީ އުސޫލަކާ ޚިލާފުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން

- ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިކަން.

-ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އިސްތިއުނާފުކުރާނަމަ، އެފަދައިން ޤަބޫލުކުރެވޭ ސަބަބުތައް ނުވަތަ އެކަމަށް ބާރު ލިބޭ ހެކި ޤަރީނާ ހުށަހަޅަންޖެހޭނެކަން.

-ހައިކޯޓުގެ ނިންމުމުގައި ޤާނޫނު މާނަކޮށްފައިވަނީ ގޯސްކަމަށް ބުނެ އިސްތިއުނާފުކުރާނަމަ، އެފަދައިން ޤަބޫލުކުރެވޭ ސަބަބުތައް އަދި ރިޢާޔަތްކޮށްފައިނުވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދޭންޖެހޭނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ