ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް

ޤަޟިއްޔާ ނަންބަރު:
2014/SC-A/18
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
25/06/20

ފަނޑިޔާރުން

ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒް ޢަލީ ޒާހިރު

މައްސަލައިގެ ޚުލާސާ

ރ.މަޑުއްވަރީ، މުސްތަރީގެ ޙުސައިން ޞަބާޙް އާއި ގދ.ނަޑެއްލާ، ޗަމަން މުޙައްމަދު އަސްވަދުގެ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން 22 ޖޫން 2011 ދުވަހު ފުލުހުން ޙުސައިން ޞަބާޙް އާއި މުޙައްމަދު އަސަވަދުއާ މަގުމަތިން ސައިކަލުގައި ދަނިކޮށް ހުއްޓުވައި، ކޯޓު އަމުރަކާ ނުލައި ބަލައި ފާސްކުރިއެވެ. ބަލައި ފާސްކުރިއިރު މުޙައްމަދު އަސްވަދުގެ ޖީބުން ތަޅުދަނޑިއެއް ފެނުނެވެ. މި ތަޅުދަނޑި ބޭނުންކޮށްގެން ޙުސައިން ޞަބާޙް އާއި މުޙައްމަދު އަސްވަދު އިތުރު މީހަކާ ބައިވެރިވެގެން ހިންގާ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑްއަށް ގޮސް، ޙުސައިން ޞަބާޙް އާއި މުޙައްމަދު އަސްވަދުގެ ހާޒިރުގައި އެތަން ބަލައި ފާސްކުރިއެވެ. އެތަނުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ، ޙުސައިން ޞަބާޙް އާއި މުޙައްމަދު އަސްވަދުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. ކްރިމިނަލް ކޯޓުން ޙުކުމްކުރީ ޙުސައިން ޞަބާޙްގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، މުޙައްމަދު އަސްވަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ޙުސައިން ޞަބާޙް މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ނިންމީ ޙުސައިން ޞަބާޙްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މިފަދައިން ހައިކޯޓުން ނިންމީ ކޯޓު އަމުރަކާއި ނުލައި ފުލުހުން ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސްކޮށް، ހެކި ޤަރީނާ ހޯދާފައިވާ ޤާނޫނާ ޚިލާފަށް ކަމަށްވާތީ، ބާތިލުކަމެއްގެ ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއްގެ ބާތިލްވާނެ ކަމަށް ބަޔާންކޮށެވެ.

މިއީ ހައިކޯޓުން ނިންމުން ޕީޖީ އޮފިހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. "މީހުން ދިރިއުޅޭ ތަންތަން" މާނަކުރާނީ ކިހިނެއް؟

2. ހެޔޮ ނިޔަތުގައި ކުރި ކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ކިހިނެއް؟

3. މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާ ކުށެއްތަ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ)

"މީހުން ދިރިއުޅޭ ތަންތަން" : މި ލަފްޒު އެގޮތަށް ބޭއްވުމުގެ މަޤްސަދަކީ މީހުންގެ އޮފީސްފަދަ އެހެނިހެން ތަންތަނަށް އަމުރެއްނެތި ވަނުމަށް މަގުފަހިކޮށްދިނުން ނޫންކަން. ކުރިން މި އަކުރުގައި އޮތް "ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަން" އުނިކުރުމަށް މަޖްލީހުގައި ހުށަހެޅުނީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި އޮތް "ޒާތީ ދިރިއުޅުން" ގުޅޭ މާއްދާގައިވާ ކަންކަން މި އަކުރުގައި ތަކުރާރުވާތީ ކަމަށް ޤަބޫލުކުރެވިގެންކަން.

- ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ ސަރުކާރުން ނުވަތަ ދައުލަތުން ޤާނޫނީ އިމުގެ ބޭރުން މީސްމީހުންގެ އަމިއްލަ މުދާ އަތުލުމާއި އަދި ބަލައި ފާސްކުރުމުން ރައްކާތެރިކުރުންކަން.

މި އަކުރަކީ ހަމައެކަނި ބަހަވީ މާނައަށް ބަލައި، މީސްމީހުންގެ އަމިއްލަ މުދަލުގެ ތެރެއިން ބައެއް މުދަލަށް ތަޠުބީޤު ކުރަން އޮތް އަކުރެއް ނޫންކަން.

މި ޤަޟިއްޔާގައި ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) މާނަކުރުމަށްޓަކައި ރިޢާޔަތްކުރެވޭނެ މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގެ ގިނަ ޤަޟިއްޔާތަކެއް ހިމަނާފައިވޭ.

ހެޔޮ ނިޔަތް

ކޯޓު އަމުރެއްނެތި ބަލައި ފާސްކުރާ ޙާލަތުގައި، މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައިވެސް އެ ބަލައި ފާސްކުރުމުގެ ޞައްޙަކަން ކަނޑައެޅުމުގައި މުޅި ހާދިސާގައި ތަޙްޤީޤްކުރާ ފަރާތުން ޢަމަލުކުރި ގޮތަށް ރިޢާޔަތްކުރާކަން އަދި އެފަދައިން ދިވެހިރާއްޖޭގައިވެސް ރިޢާޔަތްކުރެވިދާނެކަން.

- ހޮޔޮ ނިޔަތުގެ އިސްތިސްނާ ލިބޭނީ އެފަދަ ޙާލަތެއްގައި ތަޙްޤީޤީ އިދާރާގެ ހުރިހާ ޢަމަލުތަކެއް ޤާނޫނާ އެއްގޮތަށް ޤާނޫނީ އިމުގެ ތެރޭގައި ހުރިނަމަކަން.

- ހެޔޮ ނިޔަތުގައިވެސް އަސާސީ ހައްޤުތަކުން މީހުން މަހްރޫމެއް ނުކުރެވޭނެކަން.

- ކޯޓު އަމުރެއްނެތި ފުލުހުން ބަލައި ފާސްކޮށް ހޯދާ ހެކި ބަލައިގަންނަ އިސްތިސްނާ ޙާލަތްތައް މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި ހުރިކަން.

މަސްތުވާތަކެތި ޓްރެފިކްކުރުން

ސުޕްރީމްކޯޓުގެ ނަންބަރު: 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ:

1. ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަން.

2. އެއްވެސް ޝައްކެއްނެތް ފަދައިން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތަކަކީ އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢުއަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، މުޖްތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ