ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް
- ޤަޟިއްޔާ ނަންބަރު:
- 2021/SC-A/13
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 21/04/21
ފަނޑިޔާރުން
ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، މަޙާޒް ޢަލީ ޒާހިރު
މައްސަލައިގެ ޚުލާސާ
ޢަބްދުސް ސަލާމްގެ މައްޗަށް 12/2009 ގެ ދަށުން ތުހުމަތުކުރެވުނު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ގުޅިގެން އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުން ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމާފައިވަނީ ބަންދުކޮށްދިނުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ދަށުން ކަމުގައިވާތީ ޢަބްދުސް ސަލާމް ބަންދުން ދޫކޮށްލުމަށެވެ. ޕީޖީ އޮފީހުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ ޚާއްސަ އުސޫލުން ޢަމަލުކުރުމުގެ ޤާނޫނެއް އޮއްވާ އެ ޤާނޫނު ދޫކޮށް ޢާންމު އިޖުރާއަތަށް ނުދެވޭނެތީ، ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅުކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. 12/2009 ގައި ބަޔާން ކުރެވިފައިވާ ކުށެއް ކުރިކަމުގެ ތުހުމަތުގައިވާ މީހާ ބަންދުކުރުމުގައި ޢަމަލުކުރާނީ ކޮން ޤާނޫނަކަށް؟
2. ޚާއްސަ ޤާނޫނާއި ޢާންމު ޤާނޫނުގެ ތެރެއިން އިސްކަންދޭނީ ކޮން ޤާނޫނަކަށް؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
12/2009 ގައި ބަޔާން ކުރެވިފައިވާ ކުށެއް ކުރިކަމުގެ ތުހުމަތުގައިވާ މީހާ ބަންދުކުރުން
- 12/2009 ގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ތަޙްޤީޤު މަރުޙަލާގައި އަދި ޝަރީޢަތުގެ މަރުޙަލާގައި ބަންދުކުރުމުގައި ޢަމަލުކުރަންވާނީ 12/2009 ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށްކަން.
- 12/2009 ގެ 31 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ އިތުރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިތުރު ޙާލަތްތަކަށް 12/2009 ގެ ދަށުން ބަންދުކުރާއިރު ރިޢާޔަތްކުރުމަކަށް ހުރަހެއްނެތްކަން.
- 12/2009 ގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ފުލުހުން ޢަމަލުނުކުރަން ނިންމާ ޙާލަތުގައިވެސް ބަންދާއި ގުޅިގެން 12/2016 ގެ 60 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ނުހިންގޭނެކަން.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ)
- 12/2009 ގައި ކަނޑައަޅާފައިވާ އެއްވެސް ކަމަކާ ގުޅިގެން 12/2016 އަށް ރުޖޫޢަވާން ނުޖެހޭނެކަން.
- ޚާއްސަ އުސޫލުތަކެއް ޤާނޫނެއްގައި ކަނޑައަޅަނީ ޚާއްސަ މަޤްސަދަކަށް ކަމާއި، ޚާއްސަ ޤާނޫނުގައިވާ ކަންކަން އެގޮތުގެ މަތިން ތަންފީޒުކުރަންޖެހޭނެކަމާއި، ޚާއްސަ ޤާނޫނާއި ޢާންމު ޤާނޫނު މަސްހުނިކޮށްގެން ނުވާނެކަން.