ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙުމަދު މޫސާ
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/39
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- އަމުރު އިސްތިއުނާފުކުރުން
- ނިމުނު ތާރީޚު:
- 25/04/22
ފަނޑިޔާރުން
ޑރ.މުޙައްމަދު އިބްރާހިމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒް ޢަލީ ޒާހިރު
މައްސަލައިގެ ޚުލާސާ
ވ.ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާގެ މައްޗަށް ދަޢުވާކޮށް ކްރިމިނަލް ކޯޓަށް 2021 ވަނަ އަހަރު ހުށަހަޅާފައިވާ 42 ދަޢުވާއާ ގުޅިގެން އަޙްމަދު މޫސާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެއްގައި އަޙްމަދު މޫސާ ޝަރުޠުތަކަކާއެކު ދޫކޮށްލިއެވެ. ކްރިމިނަލް ކޯޓުގެ މި އަމުރު ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޕީޖީ އޮފީހުން އަމުރު އިސްތިއުނާފުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބުނާ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށްވާތީ، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މިއީ ހައިކޯޓުގެ ގެ ނިންމުން ބާޠިލް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބުނާ، ދަށު ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާނަމަ 48 ގަޑިއިރު ތެރޭގައި އިސްތިއުނާފު ކުރުމަށް ބުނެފައިވާއިރު މި 48 ގަޑިއިރު ގުނާނީ ކިހިނެއްކަން.
ނިންމިގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، މި މައްސަލަ މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
އަޣްލަބިއްޔަތު ރައުޔު - ޖިނާއީ އިޖުރާއަތުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައިވާ 48 ގަޑިއިރު ގުނާނީ، ދަށު މަރުޙަލާގެ ކޯޓުން އެ މާއްދާގައި ބަޔާންވެފައިވާ ނިންމުމެއް ނިންމި ވަގުތުން ފެށިގެންކަން. (ގަޑިއިރުން ގުނުން) - ދަށު ކޯޓުން މައްސަލަ ނިންމާ ތާރީޚުގެ ފަހަތަށް ރަސްމީ ބަންދު ދުވަހެއް އަންނަ ނަމަ، 48 ގަޑިއިރު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައިކަން. -ޖިނާއީ އިޖުރާއަތުގެ 198 ވަނަ މާއްދާގެ (ރ) މާނަކުރުމަށްޓަކައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ތަޠްބީޤްނުކުރެވޭނެކަން. -ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) މާނަކުރުމަށްޓަކައި ބޭނުންކުރެވޭނެ މާއްދާއެއް ނޫންކަން. |