ޙުމައިދު ވަޙީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2017/HC-A/113
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 31/01/19
ކަނޑައެޅުނު އުސޫލު
3 (ށ)
- 2009/12 ގެ 3 ވަނަ މާއްދާގައި އަތްލުން ކަމަށް ބުނެފައި އެވަނީ ޖިންސީ ޢަމަލު ހިންގުނު ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ޢަމަލު ހިންގި މީހާގެ 'އަތުން' އަތްލުމުގެ މާނާގައި އެކަނި ނޫންކަމާއި، ނަމަވެސް ޖިންސީ ނިޔަތެއް އޮވެގެން އަތުން ނުވަތަ އެއްޗެއް މެދުވެރިކޮށް ނުވަތަ ހަށިގަނޑުގެ، އަތް ނޫން އެހެން ތަނެއް ނުވަތަ ގުނަވަނެއްވިޔަސް ޖައްސައި ޖިންސީ ޢމަލު ހިންގުނު ކުއްޖާގެ ހަށިގަނޑުގައި ބީހުމުގެ މާނާގައިކަމަށާއި،
- އަދި ޖިންސީ ޢަމަލެއް ހިންގިކަމަށް ބެލުމުގައި ބޭރުފުށުން ފެނި، ފާހަގަކުރެވޭފަދަ އަނިޔާއެއް، އެޢަމަލު ހިންގުނު ކުއްޖާއަށް ލިބިފައިވުންވެސް ލާޒިމުނޫންކަމާއި، ނަމަވެސް މިމާއްދާގެ ދަށުން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގާފައިވާކަމަށް ކަނޑައެޅުމުގައި ޖިންސީ ޢަމަލު ހިންގުނު ކުއްޖާގެ ހަށިގަނޑުގައި، މިމާއްދާގައި ބަޔާން ކުރެވިފައިވާ ގޮތަށް ޖިންސީ ނިޔަތެއް އޮވެގެން އަތްލުން ނުވަތަ ބީހުން ފުދޭކަމާއި،
- ކުޑަކުދިންނާމެދު ހިންގޭ ޖިންސީ ޢަމަލުތަކަކީ އެފަދަ ޢަމަލެއްގެ ޝިކާރައަކަށްވާ ކުޑަކުއްޖާއަށް ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިވުމުގެ އިތުރުން އިޖުތިމާޢީ އެތައް ދަތިތަކަކާއި ހުރަސްތަކަކާ ކުރިމަތިލާންޖެހިދާނެ، ނުރަނގަޅު އަދި މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭފަދަ ޢަމަލޔތަކެއްގެކަމަށް ވުމުން، މިފަދަ ޖިންސީ ޢަމަލުތަކާއި އަނިޔާތަކުން ކުޑަކުދިން ރައްކާތެރިކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކުދިންނާމެދު ޖިންސީ ޢަމަލުތައް ހިންގާ މިހުންގެ ކިބައިން އެކުދިން ރައްކާތެރިކޮށް، އެފަދަ ޢަމަލުތައް ހިންގާ މީހުންނާމެދު ތަޙްޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގެ އިތުރުން ޝަރީއަތް ނިމުމަށްފަހުވެސް ޢަމަލުކުރެވޭނެ ޚާއްޞަ އުޞޫލުތަކެއް އޮތުން މުހިންމުކަމާއި، ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދަޢުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި، އަދި އެކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށްގެން ނުވާނޭކަމާއި އެފަދަ ކަންކަމުން އެކުދިން ރައްކާތެރިކުރުމަކީ އަދި އެކަމަށްޓަކައި ޤާއިމުކުރަންޖެހޭ ނިޒާމުތައް ޤާއިމުކޮށް، ޚާއްޞަ ރައްކާތެރިކަން ކަށަވަރުކުރުމަކީ ލާޒިމުކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ސާފުކޮށް އެނގޭކަމާއި،
- ޤާނޫނު ނަންބަރު 2009/12 އަކީ ކުޑަކުދިންނާމެދު ހިންގޭ ޖިންސީ ޢަމަލުތަކާއި ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ ޢަމަލުތައް، ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭ ޢާންމު މިންގަނޑުން ސާބިތުކުރުމުގައި ދަތިތަކެއްހުރުމުން އެފަދަ މައްސަލަތަކުގައި ޝަރީޢަތަށް ބަލައިގަންނަ ހެކީގެ އިތުރުން، ކުޑަކުދީންނަށް ކުރާ މިފަދަ ޖިންސީ ގޯނާގެ ޢަމަލުތައް ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމުގެ މަޤްޞަދުވެސް ހިމެނޭގޮތުން ވުޖޫދުވެފައިވާ ޤާނޫނެއްކަމާއި، އެކަން މިޤާނޫނުގެ 1 ވަނަ މާއްދާގެ (ނ) އިން ސާފުވާން އޮތްކަމާއި،
(ނ) މީހަކާބެހޭގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔަިދިނުން ކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ޙާދިސާ ހިނގި ވަގުތާއި އެވާހަކަ ކިޔައިދިން ވަގިތާ ދެމެދު މާދިގު މުއްދަތެއް ފާއިތުނުވަނީން، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައި ދިނުމަކީ، ޤާނޫނު ނަންބަރު 2009/12 ގެ 47 ވަނަ ޟާއްދާގެ (އ) އަށް ރިޢާޔަތްކުރާއިރު، މިފަދަ ކުށެއް ސާބިތުކުރުމުގައި ޤަބޫލުކުރެވިދާނެ ހެކީގެ ތެރޭގައި ހިމެނިފައިވާކަމެއްކަން އެނގޭ