ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޙުސައިން

ޤަޟިއްޔާ ނަންބަރު:
2012/SC-A/01
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
21/10/12

ފަނޑިޔާރުން

ޑރ.އަޙުމަދު ޢަބްދުﷲ ދީދީ، އާދަމް މުޙައްމަދު ޢަބްދުﷲ، އަޙްމަދު މުޢުތަޞިމް ޢަދުނާން

މައްސަލައިގެ ޚުލާސާ

ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ޖާމިނުކުރުވައިގެން ގއ.ދާންދޫ، ކަރަންކާގެ ޢަބްދުﷲ ޙުސައިން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަބްދުﷲ ޙުސައިންގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ. މި ޙުކުމް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލްކޮށް ޢަބްދުﷲ ޙުސައިންގެ މައްޗަށް ކުށް ސާބިތުވާކަަމަށް ކަނޑައެޅުއްވިއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ޢަބްދުﷲ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.

އިޝޫ

1. ޖިނާއީ މައްސަލައެއް ސާބިތުވާކަމަށް ކަނޑައަޅާނެ މިންގަނޑަކީ ކޮބައިތޯ؟

2. ހެކިބަސް ދޭ މީހާގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ޢަދުލުވެރިކަން ހުރިކަން ކަނޑައަޅާނެ މިންގަޑަކީ ކޮބާތޯ؟

3. ޢަދުލުވެރިކަން ގެއްލިފައިވާ މީހުންގެ ހެކިބަހުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ކަނޑައެޅިދާނެތޯ؟

ނިންމިގޮތް

ޢަބްދުﷲ ޙުސައިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކެއްގެ މައްޗަށް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް ޢަބްދުﷲ ޙުސައިންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި.

ކަނޑައެޅުނު އުސޫލު

ޖިނާއީ މައްސަލަތައް ސާބިތުކުރަންޖެހޭ މިންގަނޑު

- ޖިނާއީ މައްސަލައެއް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމްކޮށް (evaluate) ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލިތަކާއި އޭގެން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން ނޫންގޮތަކަށް ޖިނާއީ މައްސަލައެއް ސާބިތުވާކަމަށް ޙުކުމްކޮށްގެން ނުވާނެކަން.

- ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި، މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުކުރެވޭނަމަ، އެމީހަކީ ކުށެއް ނެތް މީހެއްކަމުގައި ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން.

ހެކިންގެ ޢަދުލުވެރިކަން

- ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއް މައްޗަށް.

- ޖިނާއީ މައްސަލަ ސާބިތުކުރުމުގައި ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލަކީ ހެކިންގެ ހެކިބަސް.

- ހެކިންގެ ހެކިބަސްވެސް ވާންޖެހޭނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ހެކިބަަހަކަށް.

- ހެކިބަސް ދޭ ހެކިވެރިޔާގެ ކިބައިގައި ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ހުރުން ލާޒިމްވާ ޝަރުތުތަކާއި ސިފަތައް ފުރިހަމަވުމުން ނޫނީ އެ ހެކިބަހަކީ ޤާނޫނީ ގޮތުން ޞައްޙަ ދަލީލެއްކަމަށް ނުބެލެވޭނެ.

- ހެކި ދިނުމަކީ މީހަކު އަމިއްލައަށް ލޮލުން ދުށް ނުވަތަ އަޑުއެހި ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު ޝަރީއަތުގެ މަޖިލީހުގައި އިޤްރާރުވުން.

- ހެކިބަސް ދޭ ހެކިވެރިޔާގެ ކިބައިގައި ހުންނަންޖެހޭ ޢާންމު ޝަރުތުތަކެއް ވޭ. އެއީ؛

1. ތަންދޮރު ވަކިވާ މީހަކަށްވުން

2. ބުއްދި ސަލާމަތުން ހުރި މީހަކަށްވުން

3. އެއްވެސް ބަޖުބޫރުކަމެއް ނެތް އަމިއްލަ އިޚްތިޔާރު ލިބިގެންވާ މީހަކަށްވުން

- ހެކިވެރިޔާ ހެކިބަސް ދިނުން ޤާނޫނީ ގޮތުން މަނާވެގެންވާ ޙާލަތްތަކެއް އެކިއެކި ޖުރިސްޑިކްޝަންތަކުގެ އިޖްރާއަތު ޤާނޫނުތަކުގައި ބަޔާންކޮށްފައިވޭ. އޭގެ ތެރެއިން ބައެއް ޙާލަތްތަކަކީ؛

1. ވަކި ދަރަޖައަކަށް ތުހުމަތުކުރެވޭ މީހާ އާއި ހެކިވެރިޔާ ތިމާގެ މީހަކަށްވުން

2. ހެކިވެރިޔާއާ ތުހުމަތުކުރެވޭ މީހައާއި ދެމެދު މަޞްލަޙަތު ތަޢާރަޟްުވުމާފަދަ ގުޅުމެއް އޮތުން

3. ޤާނޫނީ ގޮތުން ސިއްތު ހިފެހެއްޓުން ލާޒިމް ކަމަކާއި ގުޅިގެން ހެކިވެރިޔާ ހެކިބަސް ދޭން ޖެހުން

4. ފަނޑިޔާރަކު އޭނާ ބަލާ މައްސަލައެއްގައި ހެކިބަސް ދިނުން

5. ޤާނޫނީ ވަކީލަކު އޭނާ ވަކާލާތުކުރާ މައްސަލައެއްގައި ހެކިބަސް ދިނުން

6. އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތުކުރެވިފައިވާ މީހުންގެ ތެރެއިން އެކަކު އަނެކަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން

- ބައެއް ޙާލަތްތަކުގައި ހެކިވެރިޔާގެ ހެކިބަހަކީ އެ ހެކިބަހުން އެކަނި ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް ފުދޭ ދަލީލަކަށް ނުވިނަމަވެސް، އެ ހެކިބަހާ ގުޅުވާލެވޭ އެއަށް ބާރު ލިބޭ އެހެން ދަލީލުތަކާއި ޤަރީނާތަކާއެކު ޖިނާއީ މައްސަލައެއް ސާބިތުކުރުން ހުއްދަ ހެކިބަހެއް. އޭގެ އެއް މިސާލަކީ، ޖިނާއީ ބޮޑު ކުށެއް ސާބިތުވާކަމަށް ޙުކުމްކުރެވިފައިވާ މީހެއްގެ ހެކިބަސް އެ ޙުކުމް ތަންފީޛުކުރެވެމުންދާ މުއްދަތުގައި އިސްތިދުލާލީ ގޮތުން އެމީހެއްގެ ހުވަޔާނުލައި ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ޙާލަތް.

- އިސްލާމީ ޝަރީއަތުގައި ހެކިވެރިޔާގެ ކިބައިގައި ޢަދުލުވެރިކަމުގެ ސިފަ ހުރުން ލާޒިމް.

- އިސްލާމީ ފިޤުހުގައި ހެކިވެރިޔާ އަކީ އަދުލުވެރިއެއްކަމުގައި ބެލެވެނީ އެމީހަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމި ނުހުންނަ މީހެއް ނަމަ.

- ފާސިޤެއްގެ ހެކިބަސް އިސްލާމީ ޤަޟާއީ ނިޒާމެއްގައި ޤަބޫލެއް ނުކުރެވޭނެ.

- މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ހެކިބަސްދޭ މީހަކީ ފާސިޤަކަށް ވެގެން ނުވާނެކަމަށް ޢިލްވެރިންގެ މެދުގައި ޚިލާފެއް ނެތް.

- އެފަދަ ހެކިބަހަކީ ހަމައެކަނި އޭގެ މައްޗަށް އެކަނި ބިނާކޮށް ދަޢުވާއެއް ސާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަން އިސްލާމީ ޤަޟާއީ ނިޒާމުގައި ދަޢުވާ ސާބިތުކުރުމުގެ އުޞޫލޫތަކުން އެނގޭ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ