އިސްމާޢީލް ހައިޝަމް ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/HC-A/154
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
މަރު
ނިމުނު ތާރީޚު:
31/12/25

ފަނޑިޔާރުން

ޙަސަން ޝަފީޢު، ފާތިމަތު ފަރުހީޒާ، ޢަބްދުލްމާނިޢު ޙުސައިން

މައްސަލައިގެ ޚުލާސާ

އިސްމާޢީލް ހައިޝަމް ރަޝީދު، އިތުރުބަޔާއެކު، 23 އެޕްރީލް 2017 ދުވަހު ދަންވަރުގެ ވަގުތެއްގައި، ކ.މާލެ މ.ސްޕެޓިއުލާ ގޭގެ ގްރައުންޑް ފުލޯރގައި ސ.ފޭދޫ ޗަބޭލީގެ ޔާމީން ރަޝީދުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާކަމަށް ތުހުމަތުކުރެވިގެން، މީނާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދަޢުވާ އުފުލުނެވެ. އެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިިއުނާފުކުރީ އިސްމާޢީލް ހައިޝަމް ރަޝީދުގެ ފަރާތުންނެވެ.

އިޝޫ

  1. ސިއްރު ހެކިންގެ ހެކިބަސް އެއް ހާޒިރުނުވާގޮތަށް ނެގުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދޭ ހައްޤަށް (right to confrontation) އުނިކަން ލިބޭ ކަމެއްތޯ

  2. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދީފައިވާ ހައްޤަށް އުނިކަން ލިބޭ ގޮތަށް ސިއްރު ހެކިންގެ ހެކިބަސް ނެގުން

  3. އަޑުއެހުންތައް ނިމުނު ފަހުން ސިއްރު ހެއްކެއް ހެކިބަހުން ރުޖޫޢަވާން އެދި ކޯޓަށް ސިޓީ ހުށަހެޅުމުން، އެކަމާމެދު ބަސްބުނުމުގެ ފުރުސަތު ޚަސްމުންނަށް ދޭންޖެހޭތޯއާއި، އެ ފުރުސަތު ނުދީ އެކަމާމެދު ގޮތް ނިންމީ ޤާނޫނުއަސާސީގެ 42 އައި 142 އާ ޚިލާފަށްތޯ

  4. ސީނުން ޒިހާން ފެނުނުކަމަށް ސިއްރު ހެކި 2 ދިން ހެކިބަކަށް ބުރަދަންދިނީ ޤާނޫނާ ޚިލާފަށްކަމަށް

  5. ސީނުން ފެނުނު މީހުންނާ ގުޅިގެން ސިއްރު ހެކި 1 ދިން ހެކިބަހަކީ އާންމު މީހެއްގެ ރަޢުޔުތޯއާއި، އާންމު މީހެއްގެ ރަޢުޔު ހެކީގެ ގޮތުގައި ބަލައިގަތުން ޤާނޫނާ ޚިލާފުތޯ

  6. ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް ބުރަދަންދިނީ ޤާނޫނާ ޚިލާފަށްތޯ

  7. ފިންގަރޕްރިންޓް ހެކި ބަލައިގަނެފައިވަނީ ޤާނޫނާ އެއްގޮތަށްތޯ

ނިންމިގޮތް

އަޙްމަދު ޒިހާން އިސްމާޢީލް އަދި އިސްމާޢީލް ހައިޝަމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލުކޮށް، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ އަލީގައި އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރެއްވިއެވެ.

ކަނޑައެޅުނު އުސޫލު

ނުކުތާ 1 - ސިއްރު ހެކިންގެ ހެކިބަސް އެއް ހާޒިރުނުވާގޮތަށް ނެގުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދޭ ހައްޤަށް އުނިކަން ލިބޭ ކަމެއްކަމަށް: މި ނުކުތާގައި ނިންމީ އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށެވެ. ކޯޓުން ނިންމީ، އެއް ހާޒިރުނުވާ ގޮތަށް ސިއްރު ހެކިންގެ ހެކިބަސްނެގުމަކީ ދަޢުވާލިބޭ މީހާއަށް ލިބިދޭ ހައްޤެއް ގެއްލޭ ކަމެއް ނޫންކަމަށެވެ.

ނުކުތާ 2 - ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދީފައިވާ ހައްޤަށް އުނިކަން ލިބޭ ގޮތަށް ސިއްރު ހެކިންގެ ހެކިބަސް ނެގުން: މިއީ އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިފައިވާ ނުކުތާއެއްކަމުގައިވާއިރު، މި ނުކުތާ އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިންމޭނެ ޤާނޫނީ އަސާސެއް ނެތްކަމަށް ނިންމެވިއެވެ.

ނުކުތާ 3 - ސިއްރު ހެއްކެއް ހެކިބަހުން ރުޖޫޢަވާން އެދި ހުށަހެޅުމުން، އެކަމާމެދު ގޮތް ނިންމީ ޤާނޫނުއަސާސީގެ 42 އައި 142 އާ ޚިލާފަށްކަމަށް: ސިއްރު ހެކީގެ ނަމުގައި ކޯޓަށް ސިޓީއެއް ލިބުނުކަން ޚަސްމުންނަށް އެންގުމަކާ ނުލައި، އަދި އެ ސިޓީއާއި، ސިޓީގެ ސައްހަކަމާއި، ސައްހަ ސިޓީއެއްނަމަ އޭގެ ނަތީޖާއާ ގުޅިގެން ޚަސްމުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަކާ ނުލައި ހެކިބަހާމެދު ގޮތް ނިންމި ނިންމުމަކީ ސައްހަ ނިންމުމެއްކަމަށް ނުބެލެވޭކަމަށް ހައިކޯޓުން ނިންމިއެވެ.

ނުކުތާ 4 - ސީނުން ހައިޝަމް ފެނުނުކަމަށް ސިއްރު ހެކި 2 ދިން ހެކިބަކަށް ބުރަދަންދިނީ ޤާނޫނާ ޚިލާފަށްކަމަށް: އިސްވެދިޔަ ނުކުތާގައިވާ އިޝޫއާމެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމުމުގެ ކުރިން މި ނުކުތާގައި މައުޟޫޢީ ގޮތުން ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންޖެހޭފަދަ ހާލަތެއް ނެތްކަމަށް

ނުކުތާ 5 - ސީނުން ފެނުނު މީހުންނާ ގުޅިގެން ސިއްރު ހެކި 1 ދިން ހެކިބަހަކީ އާންމު މީހެއްގެ ރަޢުޔުކަމުގައިވާއިރު، އެ ރަޢުޔު ހެކީގެ ގޮތުގައި ބަލައިގަތީ ޤާނޫނާ ޚިލާފަށްކަމަށް: އެއީ ރަޢުޔެއް ނޫންކަމަށާއި، އެއީ ހެކިބަސްދިން މީހާއަށް އެނގިހުރި ކަމެއްގެ މައްޗަށް އޭނާދިން ހެކިބަހެއްކަމަށް ނިންމެވިއެވެ.

ނުކުތާ 6 - ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް ބުރަދަންދިނީ ޤާނޫނާ ޚިލާފަށްކަމަށް: މައްސަލައިގެ ނިންމުން ބިނާކުރީ ޚަބީރުގެ ރަޢުޔުގެ މައްޗަށް އެކަނިކަމުގައި ނުވާތީއާއި، ރަޢުޔު ބިނާކުރީ ކޮން ކަންކަމެއްގެ މައްޗަށްކަމާއި، އެނަލައިޒްކުރީ ކޮން ޓޫލްއެއް ބޭނުންކޮށްގެން ކަން ރިޕޯޓާއި ހެކިބަހުން އެނގޭތީއާއި، ދަށު ކޯޓުގެ ފަނޑިޔާރު އެ ރަޢުޔު ބަކައިގަނެ ބުރަދަންދިނީ ތަޢައްސުބު އޮތްކަމަށް ބެލެވޭ ސަބަބުތަކުގެ މައްޗަށް ސަމާކުވެގެންކަން ރިޕޯޓުން އެނގޭތީ، މި ނުކުތާ އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިންމެން ނެތްކަމަށް ނިންމެވިއެވެ.

ނުކުތާ 7 - ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފު ނިންމުމެއް ކަމަށް: ސިއްރު ހެކި 2 ގެ ހެކިބަހާމެދު މި ހިނދު ގޮތެއް ކަނޑައެޅެން ނެތަތީ، މި ނުކުތާއާމެދު ގޮތެއް ކަނޑައެޅިދާނެކަމަށް ނުފެންނަކަމަށް.

ނުކުތާ 8 - ފިންގަރޕްރިންޓާއި އޭގެ ޗެއިން އާމެދު ޝައްކު އުފައްދާފައިވަނިކޮށް އެ ހެއްކަށް ބުރަދަންދިނީ ޤާނޫނާ ޚިލާފަށްކަމަށް: ދަށު ކޯޓުން މި ހެކި ބަލައިގަނެ ބުރަދަންދިނުމުގައި ހަދާފައިވާ ޤާނޫނީ ގޯހެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށް ނިންމެވިއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ