ޙަސަން ޔޫސުފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2022/HC-A/315
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން
- ނިމުނު ތާރީޚު:
- 10/07/23
ފަނޑިޔާރުން
ޙުސައިން މަޒީދު (ރިޔާސަތު)، މުޙައްމަދު ނިޔާޒު، ދީބާނާޒް ފަހުމީ
މައްސަލައިގެ ޚުލާސާ
ދަޢުވާލިބޭ ޙަސަން ޔޫސުފްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. މި ދަޢުވާ ހުށަހެޅުނީ 2020 ވަނަ އަހަރު އަނިޔާ ލިބުނު ކުއްޖާ އެ ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތަގެ ރަށަށް ޗުއްޓީ ހޭދަކުރުމަށް އެ ރަށަށް ގޮސް އުޅެނިކޮށް ޙަސަން ޔޫސުފް ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީއެވެ. މި ދަޢުވާ ޙަސަން ޔޫސުފްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅުމުން މިއީ، މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ޙަސަން ޔޫޞުފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.
އިޝޫ
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ) 47 ވަނަ މާއްދާގައި ބުނާ މިންވަރަށް ހެކި ހަމަވެފައިވޭތޯ ބަލާނެގޮތް
ނިންމިގޮތް
ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ މި ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއްނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޝަރީޢަތުން ހެކިވަޒަން ކުރުމުގެ ހަމަ
މި ބާވަތުގެ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރުމުގައި ބަލާނެ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިކަމަށް. މިގޮތުން ކުއްޖާ ކިޔާދޭ ކިޔާދިނުމަކީ އަސާސްކަމަށް ބަލައިގެން އެ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދި ކިޔައިދިނުމެއްތޯ ބަލާނެގޮތް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި ކުއްޖާ ކިޔާދޭ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލަންވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. ކުއްޖާގެ ކިޔާދިނުން އެތެރެފުށުން އެއްގޮތްވުމަކީ ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެފަދަ ތަފްސީލްޔައް ހުރުމެވެ. ކުއްޖާގެ ކިޔާދިނުން ބޭރުފުށުން އެއްގޮތް ވުމަކީ ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުބަތަ ނަގައިގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށް. މި ދެ ޤަޟިއްޔާގެ އަލީގައި މި މައްސަލައިގެ ވާޤިއާތަކަށް ނަޒަރުކޮށް ކުއްޖާގެ ހެކިބަސް އަސާސަކަށް ބަލައިގެން ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލިފައިވެއެވެ.