މުޙައްމަދު ޔަމާނީ ޖަޢުފަރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2025/HC-B12/40
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
- ނިމުނު ތާރީޚު:
- 27/11/25
ފަނޑިޔާރުން
ޙުސައިން މަޒީދު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
މައްސަލައިގެ ޚުލާސާ
ހދ. ވައިކަރަދޫ، ރާޒްދާން، އަޙްމަދު އާފާޤްގެ މައްޗަށް މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު އުމުރުން 18 (އަށާރަ) އަހަނުން ދަށުގެ ދެ ކުޑަކުދިންނަށް ޖިންސީގޯނާކުރަން އުޅުމުގެ ދެ ދަޢުވާއާއި، ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކީގެ ތެރެއިން 07 (ހަތެއް) ހެއްކެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-A/14 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް މުޙައްމަދު) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކާ އެއްގޮތަށް، ޝަރީޢަތުގެ މަޖިލީހުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމް ދަޢުވާލިބޭ ފަރާތަށް ހަމަޖައްސަވައިދެއްވައި އެގޮތުގެ މަތިން އެ ހެކިތައް ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ޕްރޮސިކިއުޝަނުން ހުށަހަޅައި، އަމުރަށް އެދޭ ފޯމާމެދު ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅުއްވަންދެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ގެ (ހ) ގެ ދަށުން އެ ހެކިތައް ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދުމުން،
ކުޑަކުދިންގެ ކަރާމާތާއި ޒާތީ ދިރިއުޅުމުގެ ޙައްޤާއި ޢާންމު ސިޔާސަތު ނެގެހެއްޓުމުގެ މަޞްލަޙަތު ބެލެންސް ކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަށްވާނަމަ އެ ނިންމުމަކަށްވާނީ ކޯޓުގައި ކުއްޖާގެ ފޮޓޯއާއި ވީޑިއޯ ހިމެނޭ ސީޑީތައް ބަލައި ދިރާސާކުރުމަށް ފުރުޞަތު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ޙިމާޔަތްކުރުން ކަމުގައި ބުރަވެވުނުނަމަވެސް، ދިފާޢުން އެކަން ކުރުމަށް ވަގުތުނަގާނެތީއާއި، އެކަމަކީ ކޯޓުގެވެސް ވަގުތާއި ވަސީލަތް ހޭދަކުރަންޖެހޭ ކަމަކަށްވުމުގެ އިތުރުން އެ ހެކިތައް ބަލައި ދިރާސާކުރުމަށް ގިނަ ދުވަސް ނެގުމުގެ ސަބަބުން ޝަރީޢަތް ދިގުލައިގެންދާކަމަށްވާތީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެގޮތަށް ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލޭގޮތަށް އެކްެސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް (ގޫގްލް ޑްރައިވް ފަދަ) ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޟާމް ހަމަޖެއްސުމުގެ ފުރުސަތު ދެވިދާނެކަމަށް ދެކޭތީ އެގޮތުގެ މަތިން އެ ހެކި ރައްކާތެރިކުރުމަށް އަމުރުކުރެއްވިއެވެ.
އިޝޫ
އިސްތިއުނާފީ ނުކުތާ:
ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B8/HRA/2025/08 (19 އޮކްޓޫބަރު 2025) ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ރޫޚާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ޚިލާފަށް ނިންމަވާފައިވާ ނިންމެވުމަކަށްވުން.
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B3/SHN/(686,687,688-2023)/2025/4 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ބާޠިލްކުރާނެ ތަނެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
3 ފަނޑިޔާރުންގެ 3 ރަޢުޔު ބަޔާންކުރެއްވި، ފަނޑިޔާރު މަޒީދް (އ)، ފަނޑިޔާރު ފަރްހީޒާގެ ރަޢުޔުގައި ހެއްކާމެދު ސުވާލު އުފައްދައި ދައްކާފައިވާ ވާހަކަތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ބަހުސެއް ނޫންކަމަށް ކަނޑައެޅުއްވި. މީގެ އިތުރުން ފަނޑިޔާރު ފަރްހީޒާގެ ރަޢުޔުގައި ކްރިމިނަލް ކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްމުޙައިމިން ޤަޟިއްޔާއާ ޚިލާފް ނިންމުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައެޅުއްވިއެވެ.
ފަނޑިޔާރު ޝަނީޒްގެ ރަޢުޔުގައި ކްރިމިނަލް ކޯޓުގެ ނިންމުމުގެ 9 ވަނަ ނުކުތާއިން ފެށިގެން 26 ވަނަ ނުކުތާގެ ނިޔަލަށް ޙުކުމަށް އަސަރުކުރާގޮތަށް ބަޔާންކޮށްފައިވާ ނުކުތާތައް (ހެކި ހޯދުނުގޮތާއި، ހެކި ހޯދި ފަރާތުގެ ޤާނޫނީ ހައިސިއްޔަތާއި، ވެފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމަށް ބަލާއިރު ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަން ކަނޑައަޅާފައިވާތީ، މައްސަލައިގެ ޝަރީޢަތް ފެށި އެ ހެކީގެ ޞައްޙަކަމާމެދު ސުވާލެއް އުފައްދާހިދު އެކަންކަމަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގައި ގޮތެއް ކަނޑައަޅާފައިވާނަމަ، އެކަމުގައި ކުރިން ގޮތެއް ކަނޑައެޅިފައި އޮންނާނެތީ، އެކަމުގެ ސަބަބުން މައްސަލައިގެ ޙުކުމަށް އެކަމުގެ އަސަރުކުރާނެކަން ދެކޭކަމަށް ފާހަގަކުރައްވައި ބަޔާންކޮށްފައިވާ ނުކުތާތައް) ބާޠިލުކަމަށް ކަނޑައެޅުމާއެކު، އެ ނިންމުމުގެ "ނިންމުން" އަށް ތާއީދުކުރެއްވި.
ކްރިމިނަލް ކޯޓުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ބާޠިލްކުރާނެތަނެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވި.