އިބްރާހީމް އާދަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/HC-N-A/04
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 30/08/21
ކަނޑައެޅުނު އުސޫލު
9. އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގެ ކިބައިގައި "ޢަދުލުވެރި" ކަމުގެ ސިފަ ހުރުން ޝަރުތުވެގެން ވެއެވެ. ހެކިވެރިޔާގެ ކިބައިގައި ޢަދުލުވެރިކަމުގެ ސިފަ ހުރި ކަމަށް ބެލެވޭނީ އެ މީހަކީ ބޮޑެތި ފަފަތަކަށް އަރި ނުގަންނަ އަދި ކުދި ފާފަތަށް ކުރުމުގައި ދެމި ނުހުންނަ މީހެއް ކަމުގައި ވާނަމަވެއެވެ. ބޮޑެތި ފާފަތަކަށް އައިގަންނަ މީހުންނަކީ ފާސިޤުންކަމާއި، ފާސިޤަކު ގެންނަ ޚަބަރުގެ ތެދު ދޮގު ބަލައި ޞައްހަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ ކަަބަރު ޤަބޫލު ނުކުރުމަށް މުއުމިނުންގެ މައްޗަށް އަމުރު ކުރައްވާފައިވެއެވެ. މައްސަލައެއް ސާބިތުކުރުމަށް ހުށަހެޅޭ ހެއްކަކީ ފާސިޤަކަށް ވެގެން ނުވާނެއެވެ. އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ޤަސްދުގައި މީހުން މެރުމާއި، ވައްކަން ކުރުމާއި، ޒިނޭ ކުރުމާއި، ބަނގުރާ ބުއިމާއި ޤަޛުފު ކުރުމާއި މަގުފޭރުންފަދަ ކުށްތައް ހިމެނެއެވެ. ހެކިބަސް ދޭ ފަރާތަކީ ބޮޑު ފާފައެއް ކޮށްފައިވާ މީހެއްކަމުގައިވާނަމަ އެއީ ޢަދުލުވެރިކަމުގެ ސިފަ ފުރިހަމަ ނުވާ ފާސިޤެއްކަމުގައި ބެލެވެއެވެ. ފާސިޤު ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށް އެކަނި ބިނާކޮށް ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައެޅުން ހުއްދަ ނުވި ނަމަވެސް، އެފަދަ މީހެއްގެ ބަސް ޝަރީއަތަށް ޤަބޫލު ކުރެވިދާނެ އިސްތިސްނާ ޙާލަތްތަކެއް ވާކަމާއި، އެގޮތުން ޝަރީޢަތުގެ މަޖިލީގެއްގައި ނެގޭ ހެކިބަސް ނޫން ގޮތަކަށް، އެހެން އެއްވެސް ފަރާތެއްގެ ފަރްދީ ޙައްޤެއް އެކުލެވިގެންނުވާ ބާވަތުގެ މައްސަލައަކާ ގުޅިގެން ޟަރޫރަތް ތެރިކަމަށް ބަލައި އެފަދަ މީގެއްގެ ބަހަށް ޝަރީޢަތުން ރިޢާޔަތް ކުރެވިދާނެއެވެ.