ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި)

ޤަޟިއްޔާ ނަންބަރު:
2023/HC-A/235
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
07/06/26

ފަނޑިޔާރުން

ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޢަބްދުލްމާނިޢު ޙުސައިން، އިސްމާޢީލް ޝަފީޢު

މައްސަލައިގެ ޚުލާސާ

މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމި ޙުކުމްކުރުމާ ހަމައަށް ގޮސްފައިވަނިކޮށް، މައްސަލައިގެ ދަޢުވާކުރުމުގެ މުއްދަތާމެދު ޚަސްމަކު ސުވާލު އުފައްދާފައި ނުވަނީސް، ފަނޑިޔާރުގެ އިސްނެގުމަށް އެކަން ފާހަގަކޮށް، މައްސަލާގައި ދައުވާ އުފުލާފައިވަނީ، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަޙުޤީޤުކުރުމުގެ މުއްދަތު ފާއިތުވިފަހުން، މިއޮފީހަށް ބަލައިގަނެ ދައުވާކޮށްފައިވާ މައްސަަލައެއްކަމަށް ނިންމަވައި، މިދައުވާއަކީ މަޢުޟޫޢީގޮތުން ބެލޭނެ ދައުވާއެއް ނޫންކަމަށް ކަނޑައަޅައި މިދައުވާ ބާޠިލުކޮށް މައްސަލަ ނިންމާފައިވެއެވެ.

އިޝޫ

  1. މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމި ޙުކުމްކުރުމާ ހަމައަށް ގޮސްފައިވަނިކޮށް މައްސަލަ ދިރާސާކުރުމުގެ ތެރޭގައި މައްސަލައިގެ ތަޙްޤީޤާއި ދަޢުވާކުރުމުގެ މުއްދަތާ ގުޅިގެން ދަޢުވާލިބޭ މީހާ ސުވާލު އުފައްދައި ހުށަހެޅުމެއް ހުށަހަޅާފައިނެތީސް، މެޖިސްޓްރޭޓްގެ އަމިއްލަ އިސްނެގުމަށް އެ ނުކުތާނަގައި ގޮތެއް ނިންމިދާނެތޯ؟

  2. މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަަނަ މާއްދާއާ ޚިލާފަށްތޯ؟

ނިންމިގޮތް

ނަން އުނިކުރެވިފައިވާ މީހާގެ މައްޗަށް އުފުލި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަކީ މަޢުޟޫއީ ގޮތުން ބެލޭނެ ދަޢުވާއެއް ނޫންކަމަށް ދަށުކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ، އިސްތިއުނާފުކޮށްފައިވާ ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ދަޢުވާ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، އައްޑުއަތޮޅު މަރަދޫ މެޖިސްޓޭރޭޓް ކޯޓަށް ތަޙުވީލުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.

ކަނޑައެޅުނު އުސޫލު

ފަނޑިޔާރުގެ އިސްނެގުމަށް ފާހަގަކުރާ ކަންކަން

މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމި ޙުކުމްކުރުމާ ހަމައަށް ގޮސްފައިވަނިކޮށް މައްސަލަ ދިރާސާކުރުމުގެ ތެރޭގައި މައްސަލައިގެ ތަޙްޤީޤާއި ދަޢުވާކުރުމުގެ މުއްދަތާ ގުޅިގެން ދަޢުވާލިބޭ މީހާ ސުވާލު އުފައްދައި ހުށަހެޅުމެއް ހުށަހަޅާފައިނެތީސް، މެޖިސްޓްރޭޓްގެ އަމިއްލަ އިސްނެގުމަށް އެ ނުކުތާނަގައި ގޮތެއް ނުނިންމޭނެކަމަށް (ޕްރޮސިކިއުޝަނުން) ފާހަގަކޮށްފައިވާއިރު، ޖިނާއީ ިއޖުރާއަތުގެ ޤާނޫނުގެ 117 އަދި 119 ވަނަ މާއްދާގެ ދަށުން ލިބޭ ޙައްޤަކީ މައްސަލައިގެ ހަސްމުންނަށް ލިބޭ ހައްގެއްކަމަށާއި، އެ ފުރުސަތު ޚަޞްމުން ދޫކޮށްލުމަކީ ފާޅުކަންބޮޑު ޤާނޫނީކަމެއް ފަނޑިޔާރަށް ފާހަގަކުރެވޭ ޙާލަތުގައި ޤާނޫނާ ޚިލާފަށް ޙުކުމްކުރުމަށް ފަނޑިޔާރަށް ފުރުސަތު ލިބޭކަމެއް ނޫންކަމަށާއި،

ސުޕްރީމް ކޯޓުގެ 2020/SC-A/44 އިސްމާޢީލް ޝުޖާއު ވ. ޔޫސުފް ރިޟާ - ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުގެ ދައުރަކީ ޤާނޫނުއަސާސީއާއި ޤާނޫނު ނެގެހެއްޓުންކަމުގައިވާއިރު ވަކި ކަމަކީ ޚަޞްމަކު ފާހަގަނުކުރާ ނުކުތާއެއްކަމަށްބުނެ ޤާނޫނާ ޚިލާފަށް ފަނޑިޔާރަށް ޙުކުމެއް ނުކުރެވޭނެކަމަށާއި، މައްސަލަ ބެލުމުގެ ތެރޭގައި ޚަޞްމަކު ފާހަގަނުކުރާ ނަަމަވެސް ފާޅުކަންބޮޑު ޤާނޫނީ ކަމެއް ވާނަމަ، އެކަމާ ގުޅިގެން ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމުގައި ޚަޞްމުން ދެކޭގޮތެއް ހޯދައި، ޚަޞްމުން އެދޭނަމަ އެކަމަށް ޖަދަލުކޮށް ތައުނުކުރުމުގެ ފުރުސަތު ދޭންވާނެކަމަށް ކަނޑައަޅާފައިވާކަމަށާއި، 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަރީ މަރުޙަލާގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންނާނެކަމަށް ބަޔާންކުރާކަމަށާއި،

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ ދަށުން ޚުލާސާ ބަޔާން ހުށަހަޅާ ނިމުނު ނަމަވެސް، ޙުކުމްކުރުމުގެ ކުރިން މައްސަލައާގުޅިގެން ކޮންމެހެން ސާފުކުރަންޖެހޭކަމެއް ވާނަމަ އިތުރު އަޑުއެހުމެއް ބޭއްވުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށާއި، މި މައްސަލާގައި ޢަމަލުކޮށްފައިވަނީ އެގޮތުގެ މަތިންކަމަށާއި އެއީ 119 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތު ތަކުރާރުކުރުންނޫންކަމަށާއި، މި މައްސަލާގައި ޚަސްމަކު ފާހަގަނުކުރިނަމަވެސް ފާޅުކަންބޮޑު ޤާނޫނީ އޮޅުމެއް ނުވަތަ ކުށެއް ވާނަމަ އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޚަސްމުން ދެކޭގޮތެއް ހޯދުމަށްފަހު އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ޤާނޫނާ ޚިލާފުކަމެއް ނޫންކަމަށް ކަނޑައެޅުއްވިއެވެ.

މުއްދަތު ގުނުން

މައްސަލާގައި ދަޢުވާ އުފުލުލާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައިތޯ ބަލާއިރު، ބަލަންޖެހޭނީ އިތުރުކޮށްދީފައިވާ މުއްދަތަށްކަމަށާއި އިދާރީ ފަސޭހަތަކަށް ޖަހާފައިވާ ތާރީޚުތަކަށް ނޫންކަމަށާއި، އިތުރުކޮށްދޭ މުއްދަތު ގުނަން ފަށާނީ ތަޙްޤީޤް ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެންކަމަށާއި، 15 ދުވަހުގެ މުއްދަތު އިތުރުކޮށްދީފައިވާނަމަ އެ މުއްދަތު ގުނަން ފަށާނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެންކަމަށާއި، އެއަށްފަހު އިތުރު 15 ދުވަހުގެ މުއްދަތު އިތުރުކޮށްދީފައިވާނަމަ އެ މުއްދަތު ގުނާނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފުރަތަމަ އިތުރުކުރި 15 ދުވަހުގެ މުއްދަތާއި ދެވަނަ ފަހަރަށް އިތުރުކުރި 15 އާއެކު މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުން ދެމެދަށް ޖުމުލަ 30 ދުވަސް އަންނަ ގޮތަށްކަމަށާއި،

ތަޙްޤީޤް މުއްދަތު އިތުރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދިނުމާއެކު މި މައްސަލާގައި ތަހްޤީޤް ނިންމުމަށް ފުލުހުންނަށް 45 ދުވަސް ލިބޭކަމަށާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައިވާ އުސޫލު ތަތްބީޤްކޮށް މުއްދަތު ގުނާއިރު، ތަހްޤީޤް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 08 މޭ 2022 ކަމަށާއި، މި މައްސަލަ 07 މޭ 2022 ގައި ހުށަހަޅާފައިވާތީ މައްސަލަ ތަޙްޤީޤްކޮށް ދަޢުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއާ ޚިލާފަށްނޫންކަމަށް ކަނޑައެޅުއްވިއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ