އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2019/SC-A/41
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޓެރަރިޒަމް
ނިމުނު ތާރީޚު:
27/05/19

ފަނޑިޔާރުން

ޑރ.އަޙުމަދު ޢަބްދުﷲ ދީދީ، އާދަމް މުޙައްމަދު ޢަބްދުﷲ، ޢަބްދުލް ޣަނީ މުޙައްމަދު

މައްސަލައިގެ ޚުލާސާ

2015 މޭ 01 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް "މޭޑޭ" މުޒާހަރާގައި ހިނގި ކަންތައްތަކާއި ގުޅިގެން ދައުލަތުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޤާނޫނު ނަންބަރު: 90/10 (ދިވެހިރާއްޖޭގައި ޓަރެރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ކ) އަށް ޙަވާލާދީ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ އަޙުމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދައުލަރުން ހުށަހެޅި ދަޢުވާ ސާބިތުވާކަމަށެވެ. އެ ގޮތަށް ކަނޑައަޅާފައިވަނީ އަޙުމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ކުރި ކަމަށް ސާބިތުވާ ޢަމަލުތަކަކީ ޤާނޫނު ނަންބަރު: 90/10 (ދިވެހިރާއްޖޭގައި ޓަރެރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ކ) އާއި ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ އަދި 3 ވަނަ ނަންބަރާއި އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 7 ވަނަ ނަންބަރާއި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު ކުށެއްކަމުގައިވާތީއެވެ.

އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ކުށްކުރިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނަކީ ޤާނޫނު ނަންބަރު 10/90 އެވެ. މި މައްސަލަ ކޯޓުން ނިންމިއިރު ޢަމަލުކުރަމުންދިޔައީ ޤާނޫނު ނަންބަރު 32/2015 އެވެ. އަޙުމަދު އަދީބު އަބްދުލްޣަފޫރަށް އަދަބު ކަނޑައެޅީ ކުރިން ޢަމަލުކުރަމުންދިޔަ ޓެރަރިޒަމްގެ ޤާނޫނު ކަމުގައިވާ ޤާނޫނު ނަންބަރު 90/10 ގެ ދަށުންނެވެ. އެއީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ މި ޙުކުމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައ އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ އަސާސެއް ނެތްކަމަށް ކަނޑައެޅިއެވެ. މިއީ ހައިކޯޓުގެ ނިންމުން އަޙްމަދު އަދީބުޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ. 

އިޝޫ

1. ޖިނާއީ ޤާނޫނުތައް ރަޖުޢީކޮށް މާޒީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤުކުރެވިދާނެތަ؟

2. ޖިނާއީ ޤާނޫނުގައި ކުށެއް ކުރަން އުޅުމުގެ މަފްހޫމަކީ ކޮބާ؟

ނިންމިގޮތް

މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި ޙުކުމް ބާތިލްކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވި.

ކަނޑައެޅުނު އުސޫލު

ޖިނާއީ ޤާނޫނުތައް ރަޖުޢީކޮށް މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ތަތުބީޤު ނުކުރުން (ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ).

- އެއްވެސް ޢަމަލެއް ކުށެއްކަމަށް ކަނޑައަޅައި އެއަށް އަދަބު ޤާނޫނީ ނައްސަކުން މެނުވީ ކަނޑަނޭޅޭނެކަން.

- އަލަށް ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނަކީ މުއްތަހަމްގެ މަޞްލަޙަތު ބޮޑު ޤާނޫނެއް ކަމުގައިވާނަމަ އެ ޤާނޫނު މާޒީގައި ހިނގާފައިވާ، އޭގެ މައްޗަށް ފައިސަލާކުރަނިވި ނިހާއީ ޙުކުމެއް އައިސްފައިނުވާ ވާޤިޢާތަކުގެ މައްޗަށް ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެކަން.

-ކުރީގެ ޤާނޫނަށްވުރެ ރަނގަޅު ޙާލަތެއް ނުވަތަ ލުޔެއް ފަހުން ހެދޭ ޤާނޫނަކުން ލިބިދީފައިވާނަމަ ފަހުގެ ޤާނޫނަށް ޢަމަލުކުރުން މަޞްލަޙަތު ބޮޑުކަން. 

- މުއްތަހަމަށް މަޞްލަޙަތު ބޮޑު ޖިނާއީ ޤާނޫނު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކަކީ، ކުރީގެ ޤާނޫނުގައި ޖަރީމާއެއްކަމަށް ބެލެވޭ ކަމެއް ފަހުގެ ޤާނޫނުގައި ޖަރީމާއެއް ނޫންކަމަށް ކަނޑައެޅުމާއި، ޖަރީމާއަކަށް ކަނޑައެޅިފައިވާ ދަރަޖައަށް ބަދަލު ގެނައުމާއި،ޖަރީމާއަކަށް ކަނޑައެޅިފައިވާ އަދަބު އުވާލުން ނުވަތަ އަދަބަށް ލުއި ބަދަލެއް އައުމާއި،ނުވަތަ އަދަބުގެ މިންވަރު ކުޑަކުރުން ފަދަ ކަންތައްތައްކަން.

- އުޤޫބާތް ކަނޑައެޅުމުގެ ޤާނޫނުތަކުގެ އިތުރުން، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އިޖްރާއާތާ ގުޅޭ، އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމަށް މަޞްލަޙަތު ބޮޑު ޤާނޫނުއްކަމުގައި ވާނަމަ އެ ޤާނޫނެއް ރަޖުޢީ ކޮށް ތަޠްބީޤު ކުރުމަކީވެސް މުއްތަހަމުގެ މަޞްލަޙަތު ބޮޑު ޤާނޫނު މާޟީއަށް ތަޠްބީޤު ކުރުމުގެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުންކަން. 

ކުށެއް ކުރަން އުޅުމުގެ މަފްހޫމް

- ޖިނާއީ ޤާނޫނުގައި ކުށެއް ކުރަން އުޅުމުގެ މުރާދަކީ، ޤާނޫނަކުން ތަޖުރީމް ކުރެވިފައިވާ ޢަމަލެއް، ޢަމަލީގޮތުން ކުރަން މީހަކު ފެށުމަށްފަހު، އޭނާގެ ބާރު ނުފޯރާފަދަ ސަބަބަކާ ހުރެ އެ ކުށުގެ ޢަމަލު ފުރިހަމަ ނުކުރެވުނުކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ