ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ހަފީޡު
- ޤަޟިއްޔާ ނަންބަރު:
- 2025/SC-A/51
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 05/01/26
ފަނޑިޔާރުން
ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
މައްސަލައިގެ ޚުލާސާ
1. އަޙްމަދު ހަފީޡުގެ މައްޗަށް ތުހުމަތު ކުރެވުނީ ވަޅިން ބިރުދައްކައި މީހަކު މަރާލަން އުޅުނު ކަމަށެވެ.
2. މި މައްސަލައާ ގުޅިގެން "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު" ގެ ދަށުން އޭނާ ބަންދުކުރެވުނެވެ.
3. ނަމަވެސް، މި ޤާނޫނަށް އައި ބަދަލުތަކަކާ ގުޅިގެން، އޭނާގެ ބަންދު މުރާޖަޢާ ކުރުމަށް ދަށު ކޯޓަށް ހުށަހެޅުނެވެ.
4. ދަށު ކޯޓުން އަޙްމަދު ހަފީޡުގެ ބަންދާމެދު ނިންމި ނިންމުން ހައިކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފުކުރުމުން އެ އަމުރަކީ ބަންދުމުރާކައާކުރުމުގައި ގެންގުޅެންޖެހޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަމަށް ބުނެ ބާޠިލުކުރުމުން، ދައުލަތުން (ޕީ.ޖީ) އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އިޝޫ
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި އުފެދުނު ސުވާލަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކަށްފަހު، ކުރިން ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާ ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތަކީ ކޮބައިތޯއެވެ؟ އަދި ދަށު ކޯޓުން އޭނާ ދޫކޮށްލީ ޤާނޫނީ ހަމަތަކުގެ މަތިންތޯއެވެ؟
ނިންމިގޮތް
މައުޟޫޢީ ބައި (Substantive Law): ޖިނާއީ ޤާނޫނެއްގެ މައުޟޫޢީ ބަޔަކީ ކުށާއި، އަދަބާއި، ކުށުގެ ރުކުންތައް ބަޔާންކުރާ ބައެވެ. މި ބައި މާޒީއަށް ހިނގުމުގައި އޮންނަ އުޞޫލަކީ "ޕްރިންސިޕަލް އޮފް ލީގަލިޓީ" (Principle of Legality) އެވެ. މީގެ މާނައަކީ މީހަކު ކުށްވެރިވާނީ އަދި އަދަބު ކަނޑައެޅޭނީ އެ ޢަމަލެއް ހިންގިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުގެ ދަށުންކަން.
މުއްތަހަމަށް ލިބޭ ލުއި: ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ ދަށުން، ކުށެއް ކުރި ފަހުން އެ ކުށުގެ އަދަބަށް ޤާނޫނުން ލުޔެއް އައިސްފިނަމަ، އެ ލުއި މުއްތަހަމަށް ލިބިދޭންޖެހެއެވެ. އެގޮތުން ކުރީގެ ޤާނޫނުގައި ކުށެއް ކަމަށް އޮތް ކަމެއް، ފަހުގެ ޤާނޫނުގައި ކުށެއް ކަމަށް ނުބަލާނަމަ، އޭނާ އެކުރި ކަމަކީ ކުށެއް ކަމަށް ނުބެލެވޭނެކަން.
އިޖުރާއީ ބައި (Procedural Law): ޖިނާއީ ޤާނޫނުގެ އިޖުރާއީ ބަޔަކީ މައްސަލަ ކުރިއަށްގެންދާނެ ގޮތާއި، ބަންދުކުރުމާއި، ހެކި ހުށަހެޅުން ފަދަ އިޖުރާއާތުތައް ބަޔާންކުރާ ބައެވެ. އިޖުރާއީ ޤާނޫނުތަކުގައި ބަލާނީ އެ އިރެއްގައި ވުޖޫދުގައި ހުރި ޤާނޫނުތަކުގެ ތެރެއިން އިސްކަން ދެވިފައިވާ ޤާނޫނަށް ކަން.
ބަންދު މުރާޖަޢާކުރުން: މި މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކުރީ، ބަންދު މުރާޖަޢާކުރާއިރު ރިޢާޔަތްކުރަންޖެހޭނީ އައު ޤާނޫނުގައި އެ ކުށް ތަޖްރީމްކޮށްފައި (ކުށެއްގެ ގޮތުގައި ކަނޑައަޅާފައި) އޮތްތޯއެވެ. ކުރީގެ ޤާނޫނުގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ ޢަމަލަކީ އައު ޤާނޫނުން ކުށެއްގެ ގޮތުގައި ނުބަލާ ކަމެއް ނަމަ، އޭނާ ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް ނޯންނާނެކަން.
ކަނޑައެޅުނު އުސޫލު
ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ދަށު ކޯޓުން ނިންމި ނިންމުން ދެމެހެއްޓުމަށް ނިންމެވި.