އިބްރާހީމް ޚުޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/45
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 15/07/21
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން
މައްސަލައިގެ ޚުލާސާ
21 ޑިސެންބަރު 2017 ގައި "ޑައިމެންޝަން" ނަމަކަށް ކިޔާ ސަފާރީއެއް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުލުހުން ބަލައި ފާސްކޮށް، އެ ސަފާރީއިން ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މި ސަފާރީގެ ވެރި ފަރާތަކީ ގ. ހިލްމަން، އިބްރާހީމް ޚުޝާންއެވެ. މި އުޅަނދަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ އުޅަނދެކެވެ. ސަފާރީއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ފުޅިތައް ހޯދުމަށް އެދި އިބްރާހީމް ޚުޝާން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށްކަމުގައިވާތީ، އެ ފުޅިތައް އިބްރާހީމް ޚުޝާންއާ ޙަވާލުކުރުމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކުރިއެވެ.
މިއީ ހައިކޯޓުގެ ނިންމުން އިބްރާހީމް ޚުޝާންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ތައްޔާރުކުރާނީ ކިހިނެއް؟
2. ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އިންވެންޓްރީގެ ކޮޕީ މުދަލުގެ ވެރި ފަރާތަށް ޙަވާލުނުކުރެވޭ، އެ ޙާލަތުގައި މުދާ ހިފެހެއްޓިފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ބެލެވިދާނެތަ؟
3. ޖިނާއީ މައްސަލައެއްގައި ބަލައި ފާސްކުރުމަށްފަހު މުދާ ހިފެހެއްޓުމުން، އެ މުދާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި، މުދަލުގެ އަސްލު ވެރި ފަރާތް ހާޒިރުކުރަންޖެހޭނެތަ؟
4. ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ އާއި 44 ވަނަ މާއްދާ ތަޠްބީޤުކުރުމުގައި ބަލަންޖެހޭ ކަންކަމަކީ ކޮބާ؟
5. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގެ ދަށުން ޤާނޫނު ބުނާ ހާލަތު ނެތި ދިޔުމުން މުދާ ޙަވާލުކުރުމުގައި ޢަމަލުކުރާނީ ކިހިނެއް؟
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ޙުކުމާއި ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، މި މައްސަލައިގައި މައުޟޫއީ ގޮތުން އަލުން ބަލަންޖެހޭކަމަށް ކަނޑައެޅި ނުކުތާ ބެލުމަށް އަންގައި، ހައިކޯޓަށް މައްސަލަ ތަޙްވީލުކުރުމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ޙަވާލުކުރުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ތައްޔާރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންވެފައިވަނީ އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ރ) އަދި (ބ) ގައިކަން.
- (ބ) : ހިފަހައްޓާ މުދަލުގެ އިންވެންޓްރީ މުދަލުގެ ވެރި ފަރާތް / މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކާ ޙަވާލުކުރުމަށް ވަކި ވަގުތެއް ބަޔާންކޮށްފައިނުވޭ، ނަމަވެސް މިފަދައިން ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ ތައްޔާރުކޮށް ބަލައި ފާސްކުރެވުނުތާ 48 ގަޑިއިރުގެ ތެރޭގައި މުދަލުގެ ވެރި ފަރާތް / މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ދޭންވާނެ ކަމަށް ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަން.
- ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި އިންވެންޓްރީ ޙަވާލުނުކުރެވިއްޖެނަމަ، މުދާ ހިފެހެއްޓުނީ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޓެސްޓް ބޭނުންކޮށްގެންކަން:
1. ފުރަތަމަ ޙާލަތަކީ: އިޖުރާއީ ޤާނޫނުގައި ވަކިކަމެއް ކުރުން މަނާކޮށްފައިވަނިކޮށް އެ ނޫން ގޮތަކަށް އެކަންކުރުން. މި ޙާލަތުގައި ނުކުންނާނެ ނަތީޖާއަކީ އެކަމަކީ ޣައިރު ޤާނޫނީ ކަމަކަށްވުން. މިފަދަ ކަމެއް ފަހުން ޤާނޫނީ ކަމަކަށް ނުހެދޭނެ.
2. ދެވަނަ ޙާލަތަކީ: އިޖުރާއީ ޤާނޫނުގައި އިޖުރާއަތު ބަޔާންވެފައިވާ ގޮތަށް އެންމެ ފުރިހަމައަށް އެ އިޖުރާއަތު ފުރިހަމަކޮށްފައި ނެތުން. އުނިކަންތަކާއެކު ނުވަތަ އައިބުތަކާއެކު އެކަން ކޮށްފައި އޮތުން. މި ޙާލަތުގައި އުނިކަމަކީ ތަބީއީ އިންސާފުގެ ހަމަތަކާ ޚިލާފު އުނިކަމަކަށް ނުވަތަ އައިބަކަށް ވެގެންނުވާނެ. މި ޙާލަތުގައި ފުރިހަމަނުކުރެވުނު އިޖުރާއަތު ފުރިހަމަކޮށް އިސްލާޙުކުރުމުގެ ފުރުސަތު އޮންނާނެ.
މުދާ ހިފެހެއްޓުމާއި މުދަލުގެ އަސްލު ވެރި ފަރާތް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއަށް ބެލުމުން މުދާ ހިފަހައްޓާ ވަގުތު، ތުހުމަތުކުރެވޭ މީހުންނަކީ ކޮބައިކަން ކަނޑައެޅުން ނުވަތަ ތުހުމަތުކުރެވޭ މީހަކު ހުރިނަމަ ހައްޔަރުކުރުން ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ފަދަ އިޖުރާއަތެއް ފުރިހަމަވެފައި އޮތުން ލާޒިމްނޫންކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިވާ ބަލައި ފާސްކުރުމަށްފަހު މުދާ ހިފެހެއްޓުމާއި، ޤާނޫނާ ޚިލާފަށް މުދާ ހިފަހައްޓާފައިވާ ކަމުގައި ދެކިގެން އެ މުދާ ހޯދުމަށް އެދޭ މައްސަލަތަކުގައި، މުދަލުގެ ނިސްބަތުން ވަކި މުދަލަކަށް ޚާއްސަ އިޖުރާއަތެއް ހިމެނިފައިނުވާކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ ދަށުން ހިފެހެއްޓޭ މުދަލުގެ ވެރި ފަރާތަކީ ޖިނާއީ ކުށެއްގެ ތުހުމަތު އެ ފަރާތުގެ މައްޗަށް އޮތް ފަރާތަކަށްވުން ލާޒިމް ނޫންކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުދާ ހޯދުމަށް އެދޭ ފަރާތަކީ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށްވުން ލާޒިމް ނޫންކަން.
- މިބާވަތުގެ މައްސަލަތަކުގައި މަދަނީ މައްސަލަތަކާއި ޚިލާފަށް، މުދަލުގެ އަސްލު ވެރި ފަރާތް ކޮޓަށް ހާޒިރުކުރުން ލާޒިމްނުކުރެވޭނެކަން. އެހެންނަމަވެސް އިންސާފަށް ވާސިލްވުމަށް އެފަދައިން ޢަމަލުކުރަން ޖެހިއްޖެނަމަ ޢަމަލުކުރާނީ ޝަރީޢަތަށް އާންމުކޮށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާ އުސޫލުގެ ތެރެއިންކަން.
ޤާނޫނުއަސާސީގެ 49 އަދި 44 ވަނަ މާއްދާ
- ދެ މާއްދާގައި ބަޔާންވެގެންވަނީ މުދަލާއި ގުޅޭ އަސާސީ ޙައްޤުތައްކަން. އެ ޙައްޤުތަކަކީ ޤާނޫނަކުން ހަނިކުރެވިދާނެ ޙައްޤުތަކެއްކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ބަލައި ފާސްކުރުމަށްފަހު މުދާ ހިފަހައްޓާ އުސޫލުތަކަކީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ މި ދެ މާއްދާގައިވާ އަސާސީ ޙައްޤުތައް ވަކި ޙާލަތެއްގައި ހަނިކޮށް އިންތިޒާމުކޮށްފައިވާ ޤާނޫނީ އުސޫލުތަކެއްކަން.
- ޤާނޫނު ހުއްދަކުރާ ސަބަބެއް އޮތް ނަމަ، ބަލައި ފާސްކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް މުދާ ގެންދެވިދާނެކަން. އެހެންކަމުން މިފަދަ ޙާލަތުގައި ބަލަންޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ތަކެތި ގެންދަނީ ޤާނޫނުގައިވާ ގޮތުގެ މަތިންތޯ ނުވަތަ ނޫންތޯކަން.
މުދާ ޙަވާލުކުރުން
- ޖިނާއީ އިޖުރާއަތުގެ ދަށުން ބަލައި ފާސްކުރުމަށްފަހު ހިފަހައްޓާ މުދާ، ހިފެހެއްޓުމުގެ ބޭނުން ނިމުމުން އެ މުދާ ޙަވާލުކުރަންޖެހޭނި އެ މުދަލުގެ ވެރި ފަރާތަށްކަން.
- މުދާ އަނބުރާ ޙަވާލުކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން މުދަލުގެ ވެރި ފަރާތް ކަށަވަރުވާން ޖެހޭނެކަން.