ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމާއިބެހޭ (ސަރކިއުލަރ)

ރެފަރެންސް ނަންބަރު:
2015/06/SC
ޝާއިޢު ކުރެވުނު ތާރީޚު:
27/01/15
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ފަސޭހަކަމާއެކު އަވަހަށް އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް އިންޞާފު ލިބިދެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ 2 ސަރަޙައްދެއްގައި، އެ ސަރަޙައްދެއްގެ ދަށުކޯޓުތަކުގެ ނިންމުންތައް އެ ސަރަޙައްދެއްގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު ލިބިދިނުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ހަމަޖެހިގެން ދިއުމާއި ގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ އެކޯޓެއް ނިސްބަތްވާ ސަރަޙައްދެއްގައި ޤާއިމްކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފިން ކަމުގައި ކަނޑައަޅައިފީމެވެ.

މި ގޮތަށް ހަމަޖެހިގެން ދިއުމާއި ގުޅިގެން ފުރަތަމަ މަރުޙަލާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއާކޯޓުތަކާއި އަދި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް އިސްތިއުނާފު ކުރުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ މި ސަރކިއުލަރގެ ޖަދުވަލު 01 ގައިވާ ފޯމް (ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމަށް އެދި ހުށަހަޅާ ފޯމު) ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލްއަށް ހުށަހެޅުމާއެކު އެކަން ކަށަވަރު ކޮށްދޭންވާނެއެވެ.

އަދި އެއްވެސް ފަރާތަކުން ބުނެވިދިޔަ ފޯމް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ފޯމު ހުށަހަޅާތާ 07 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭ ކޯޓަށް، މައްސަލަ ނިންމި ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއި އެކު ފޮނުވަން ވާނެއެވެ. އަދި އިސްތިއުނާފު ކޯޓަށް އެ މައްސަލައިގެ ފައިލް ލިބޭތާ 07 ދުވަހގެ ތެރޭގައި އެކަން، ކަމާބެހޭ ފަރާތްތަކަށް އެންގުމާއި އެކު އިތުރު ހުށަހެޅުމެއް ހުށަހެޅުމަކާނުލާ އެ މައްސަލަ އިސްތިއުނާފުކޮށް ނިންމުމަށްޓަކައި އިޖުރާއީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެކޯޓުން އަޅަމުން ގެންދަންވާނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ