ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ލިޔުންތައް އީމެއިލްގެ ޛަރީޢާއިން ފޮނުވުމާގުޅޭ (ސަރކިއުލަރ)

ރެފަރެންސް ނަންބަރު:
2019/02/SC
ޝާއިޢު ކުރެވުނު ތާރީޚު:
27/01/19
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ދިވެހިރާއްޖޭގެ ކޯޓުތަކަށްކަން ޤާނޫނުއަސާސީގެ 07 ވަނަ މާއްދާއިންނާއި ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަހިނދު، އަދި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވީހިނދު، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އަސާސީ ޙައްޤެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިންޞާފު ލިބިދިނުމުގެ ޙައްޤަކީ އެއްވެސް ތަފާތުކުރުމަކާ ނުލައި، އެކަށީގެންވާ އަވަސް މިނެއްގައި ފަސޭހަކަމާއެކު ލިބިދޭންޖެހޭ ޙައްޤެއްކަން އެނގެން އޮންނަހިނދު، އިންޞާފު ހޯދަން ބޭނުންވާ ފަރާތްތަކަށް، ބަޔާންކުރެވުނު ގޮތުގެމަތިން އެ ޙައްޤު ކަށަވަރުކުރުމަށްޓަކައި، އެ ވަގުތަކަށް އަޅަންޖެހޭ އެންމެ މުނާސަބު ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތަކަށް ވީހިނދު،

ޖިނާއީ އިޖްރާއާތުގެ ޤާނޫނުގެ ދަށުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ރަށް ރަށުގައި ޤާއިމްވެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ތަފާތު ސަބަބުތަކާހެދި މައްސަލަ ހުށަހަޅަން އޮންނަ މުއްދަތުގައި މައްސަލަތައް ހުށަހެޅުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް އެކަށީގެންވާ އަވަސްކަމާއި ފަސޭހަކަމާއެކު ހުށަހެޅުމުގެ ފުރުޞަތު ލިބިދިނުމުގެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ޤާނޫނީ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަންޖެހޭ މައްސަލަތަކުގެ އަސްލު ހުށަހެޅުމަށް އުޒުރުވެރިވާ ޙާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އެ ކޯޓުތަކަށް އީމެއިލްގެ ޛަރީޢާއިން ހުށަހެޅުމަށްފަހު، މައްސަލަތަކުގެ ލިޔުންތަކުގެ އަޞްލު، ރަސްމީ މަސައްކަތު 05 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފީމެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ