ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، އެ މައްސަލައެއް މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކީ އެ ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއްތޯ ބަލާއިރު، އެ މައްސަލައަކީ ހައިކޯޓުން ބަލައިގަތުމުގެ ހުއްދަދެވެން ނެތް މައްސަލައެއްކަމަށް ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި، އެ މައްސަލައަކީ ހައިކޯޓުން ބަލައި، މައުޟޫޢީ ގޮތުން ފައިޞަލާ ކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ހައިކޯޓަށް ތައުވީލުކުރުމުން، ކުރިން އެ މައްސަލަ ބަލައިނުގަތުމަށް ތާއީދުކޮށްފައިވާ ފަނޑިޔާރުން އެ މައްސަލައެއް މައުޟޫޢީ ގޮތުން ބެލުމަށް އުޒުރުވެރިވާކަން އެނގިފައިވާތީ ދަންނަވަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެވިދިޔަ ގޮތަށް މައްސަލަ މައުޟޫޢީ ގޮތުން ބެލުމަށްޓަކައި ފޮނުވަނީ، ހައިކޯޓުން މައްސަލަ މައުޟޫޢީ ގޮތުން ބަލައި، ފައިސަލާކޮށްފައި ނުވާތީއާއި، މައްސަލަ ބަލައި ނުގަތުމަށް ނިންމި އިޖުރާއާތު ބާޠިލްކަމަށް ކަނޑައަޅައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލްކުރި، ހައިކޯޓުގެ އެ އިޖުރާއާތުގައި ފަނޑިޔާރަކު ބައިވެރިވެ، ނުވަތަ ރައުޔު ދީފައި އޮތުމަކީ، އެ ފަނޑިޔާރަކު މައުޟޫޢީ ގޮތުން އެ މައްސަލަ ބަލައި ފައިޞަލާކުރުމަށް ހުރަސްއެޅޭ ސަބަބެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާތީ، މިގޮތުގެމަތިން ޢަމަލުކުރަމުން ގެންދިއުމަށް ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
12 ޞަފަރު 1439
01 ނޮވެންބަރު 2017