ޝަރުޢީ މަރުޙަލާތަކުގެ ތެރޭގައި މައްސަލަތައް ނުހިންގި ލަސްވުމުގެ ސަބަބުން ޢަދުލު އިންޞާފު ލިބުން ލަސްވަމުންދާތީއާއި، ކޯޓުތަކުގެ ޙުކުމްތައް ތަންފީޒުކުރުން އަވަސްކުރުމުގެ ގޮތުންނާއި، އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާދެއްކުން ގަސްތުގައި ލަސްކުރުމުގެ ބޭނުމުގައި ޝަރުޢީ މަރުޙަލާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވުމަށްޓަކައި، ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފުގެ މައްސަލައެއް އެ ކޯޓުން ބަލައިނުގެންފިނަމަ، ސުޕްރީމް ކޯޓުގައި އެކަން އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ހިންގުމުގައި ޢަމަލުކުރަމުންއައި އިޖުރާއަތަށް ވަނީ ބަދަލު ގެނެވިފައެވެ.
ޢަމަލުކުރަމުން އައިގޮތް
1- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދަށުކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ މައްސަލަތައް އެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީވެ، ދަށުކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ނުފެތޭ އިސްތިއުނާފުގެ މައްސަލައެއް ހައިކޯޓުގެ ރަޖިސްޓްރާރ ބަލައި ނުގަތުމަށް ނިންމުމުން، އެ މައްސަލައެއް ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ
2- އެގޮތުން އެ މައްސަލައެއް ބަލައިނުގަނެ، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ރަނގަޅުކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިނަމަ، ހައިކޯޓުން އެ މައްސަލައިގެ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމިނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ.
3- ސުޕްރީމް ކޯޓަށް ހުށަހެޅޭ މިފަދަ މައްސަލަތައް ސުޕްރީމް ކޯޓުން ބަލަމުން ގެންދިޔައީ އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްފަހުގައެވެ.
4- ގެނެވުނު ބަދަލު މި ބާވަތުގެ މައްސަލަތައް ބަލައިގަނެ ހިންގުމުގެ އިޖުރާއަތުގެ މަގުކުރުކޮށް މައްސަލަތައް އަވަސްކުރުމަށްޓަކައި ސުޕްރީމް ކޯޓުން މިހާރު ހަމަޖައްސާފައިވަނީ، ދަށުކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ނިންމަނީ އެ ކޯޓުގައި ހިންގޭ ޤަޟިއްޔާއަކުންކަމަށް ނުވާތީވެ، ހައިކޯޓުން ނިންމާ އެފަދަ އިޖުރާއީ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިއްޖެނަމަ، އެ މައްސަލައަކީ ކޮންމެހެން އަޑުއެހުމެއް ނުބާއްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނިންމިދާނެ މައްސަލައެއްނަމަ، އެފަދަ މައްސަލައެއްގައި އަޑުއެހުމެއް ނުބާއްވައި، އިޖުރާއީ ގޮތުން އެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލައި ނިންމުމަށެވެ.
5- އެގޮތުން، ދަށުކޯޓުން ނިންމި މައްސަލައަކީ ހައިކޯޓުން ބަލައިގަނެ އެ ކޯޓުގައި ހިންގަންޖެހޭ އިސްތިއުނާފުގެ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅައިފިނަމަ، ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅައި އިސްތިއުނާފުކުރި ފަރާތަށް އެކަން އަންގާ ތާރީޚުން ފެށިގެން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެ މުއްދަތުގައި އެ މައްސަލައެއް ހުށަނާޅައިފިނަމަ، އެ މައްސަލައެއް ހައިކޯޓަށް ބަލައިނުގަތުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ.