ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ ދަށުން، އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެފަދަ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

ރެފަރެންސް ނަންބަރު:
01/2021
ޝާއިޢު ކުރެވުނު ތާރީޚު:
18/03/21
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ތަޢާރަފާއި ނަން

1. މިއީ، ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ 198 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދަށު ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރުމުން، އެފަދަ މައްސަލަތައް ބެލުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

މައްސަލަ ހުށަހެޅުން

2.

(ހ) ދަށު ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 198 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައެވެ. އަދި އެނޫން ފަރާތަކުން އިސްތިއުނާފުކުރާނަމަ، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.

(ށ) ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ ގޮތުގެމަތިން، އިސްތިއުނާފުކުރެވޭ މައްސަލަތައް ހުށަހަޅާނީ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުންނެވެ.

(ނ) މި މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު ސުޕްރީމް ކޯޓުގެ ގަވާއިދުގެ 31 ވަނަ މާއްދާ (މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. ނަމަވެސް، މިފަދަ މައްސަލަތައް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓާއެކު ހުށަހެޅުމުން، އެ މައްސަލައެއް ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދައާމެދު ގޮތެއް ނިންމިދާނެއެވެ.

(ރ) އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތަށް ފޯމު ފުރާފައިނުވާނަމަ، އެ ފޯމު އިޞްލާޙްކޮށް ރަސްމީ 1 (އެކެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ލިޔުމުން އެންގުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި ދީފައިވާ މުއްދަތުގައި އެކަމެއް އިޞްލާޙްނުކޮށްފިނަމަ، އެ ފޯމު ބަލައިނުގަތުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

ހުއްދައަށް އެދި ކުރަހަ މައްސަލައާމެދު

3. މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަ ބަލައި، އެ މައްސަލައާމެދު ސުޕްރީމް ކޯޓުން ނިންމާ ގޮތެއް މައްސަލަ ހުށަހެޅި ތާރީޚުން ފެށިގެން ރަސްމީ 2 (ދޭއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

މައްސަލަ ރަޖިސްޓްރީކުރުން

4.

(ހ) މި އުސޫލުގެ ދަށުން ސުޕްރީމް ކޯޓަށް ބަލައިގަތުމަށް ނިންމާ މައްސަލަތައް ބަލައިގަނެ، ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ މައްސަލަ ބަލައިގަތްކަން އަންގާ އެންގުން އަންގާތާ، ރަސްމީ 1 (އެކެއް) ދުވަހުގެ ތެރޭގައި، މައްސަލަ ރަޖިސްޓްރީކުރާ ފޯމު ހުށަހަޅައި، އަދި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 36 ވަނަ މާއްދާ (ރަޖިސްޓްރޭޝަން ފީ) ގައި ބަޔާންކުރާ ފީ ކޯޓަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަންގާއެންގުން އަންގާތާ ރަސްމީ 1 (އެކެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓްރޭޝަން ފީ ނުދައްކައިފިނަމަ، މައްސަލަ ހުށަހެޅި ފޯމު ބާޠިލުވާނެއެވެ.

ޝަރީޢަތް ހިންގުން

5. މި އުސޫލުގައި ބަޔާންކޮށްފައިވާ މައްސަލަތައް ހިންގުމުގައި ޢަމަލުކުރާނީ ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. މި ބާވަތުގެ މައްސަލަތަކަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މައްސަލަތަކަށްވާތީ، މި ބާވަތުގެ މައްސަލަތައް ކޯޓަށް ބަލައިގަނެ ޝަރީޢަތް ހިންގުމުގައި ސުޕްރީމް ކޯޓުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބައެއް އިޖުރާއަތުތަކަށް ޢަމަލުކުރުން އިސްތިސްނާކުރެވިދާނެއެވެ.

މުއްދަތު ގުނުން

6. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ދަށު ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރުމުން، އިސްތިއުނާފުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގެ ބޭނުމަށްޓަކައި 7 (ހަތެއް) ދުވަސް ގުނާނީ، މައްސަލަ ރަޖިސްޓްރީވާ ދުވަހުން ފެށިގެންނެވެ. އެގޮތުން 7 (ހަތެއް)ދުވަސް ގުނުމުގައި މައްސަލަ ރަޖިސްޓްރީވާ ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ