ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު

ރެފަރެންސް ނަންބަރު:
SCPD-03/2021
ޝާއިޢު ކުރެވުނު ތާރީޚު:
23/02/21
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދުގެ ނަމުގައި ޢާންމުކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު SC/2020/04 (03 ޖޫން 2020) ސަރކިއުލަރ ވަނީ ބާޠިލުކުރެވިފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ފެތުރެމުންދާތީ، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއިއެކު ކޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތް މެދުކެނޑުމެއްނެތި ލިބުން ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ތިރީގައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ހާލަތަކަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކުން އަޅަމުން ގެންދިއުމަށް ދެންނެވީމެވެ.

1. ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅި ނުވާނެ ގޮތަކަށް ދުރުމިނުގައި ތިބެވޭނެ އަދި ވަދެ ނިކުމެވޭނެ ގޮތް ހެދުމަށާއި އެކަންކަން ބެލުމަށް ކޯޓުގެ މުވައްޒަފަކު ހުރުން.

2. ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ އަޑުއެހުންތަކާއި، ކަނޑައެޅިގެން ކޯޓުތަކުން ވަކި ވަގުތެއްގައި ނުވަތަ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަންކަން (މީގެ ތެރޭގައި، ގެވެށި އަނިޔާއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ އަމުރުތައް ހޯދުމުގެ މައްސަލަތައް ހިމެނޭ)، ކޯވިޑް-19 އާ ގުޅިގެން ނެރޭ ހުރިހާ އެލަރޓް ލެވެލްއެއްގައިމެ، އެކަށޭނެ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން.

3. އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓުތަކުގައި، ޑިއުޓީ ތާވަލެއް އެކުލަވާލައި، ފަނޑިޔާރުން މަސައްކަތްކުރާނެ އިންތިޒާމު ހަމަޖެއްސުން.

4. ކޯޓު އިމާރާތުގައި ޝަރީޢަތްކުރާނަމަ، ނުވަތަ އެނޫންވެސް ޝަރީޢަތާ ގުޅުންހުރި މަސައްކަތެއް ކުރަންޖެހިއްޖެނަމަ، އެ މަސައްކަތެއް ކުރާނީ އެ ކޯޓަކުން ނުވަތަ އެ ސަރަޙައްދުގައި ހުންނަ ކޯޓުތަކުން ކަނޑައަޅާ ގޮތެއްގެމަތިން، ގިނަ މީހުން އެއްފަހަރާ ހާޒިރުނުކޮށް، ޝަރީޢަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން. މިގޮތުން،

4.1. މައްސަލަތައް ބޭއްވު އްވުމުގައި އެއްވަގުތަކު ގިނަ ބަޔަކު ހާޒިރުކޮށް ބައިތިއްބަން ނުޖެހޭ ގޮތެއްގެމަތިން މައްސަލަތައް ތާވަލުކުރުން.

4.2. ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެން ހުރިނަމަ، ވީޑިއޯ ނުވަތަ އޯޑިއޯ ލިންކްގެ އެހީގައި މައްސަލަ ބޭއްވުމުގެ ކަންކަން އިންތިޒާމު ކުރުން. އެގޮތުން، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ބަލާ މައްސަލަތަކުގައި ފޯނު ނުވަތަ އީ-މެއިލް މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވެން އޮތްނަމަ، ފުރުސަތުދިނުން. މިގޮތުން ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ޝަރީޢަތްތައް ހިންގުމާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތައް އެ ކޯޓަކުން ހަދައި، ޝަރީޢަތްތައް ހިންގުމަށް މި އިރުޝާދު ހުރަހެއް ނާޅައެވެ.

5. މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެފަރާތަކުން ކޯޓަށް ހާޒިރުވުމަށް އިޢުތިރާޟުކުރާނަމަ، އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، އެއީ މިޙާލަތުގައި، ކޯޓަށް ހާޒިރުނުވުމަށް މަޤުބޫލު ޢުޛުރެއް ކަމުގައި ބެލުން.

6. ކޯޓަށް ހުށަހަޅާ ސިޓީއާއި މައްސަލަތަކާއި ލިޔެކިޔުން، އީ-މެއިލް ނުވަތަ އެހެންވެސް، އެ ކޯޓަކުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުމުން، އެއީ އެ ކޯޓަށް ރަސްމީގޮތުން ލިބިފަ ބެލުމާއި އަދި ކޯޓުގެ ފަރާތުން ފޮނުވާ ސިޓީއާއި، އަމުރުތަކާއި އެހެނިހެން ލިޔެކިޔުން، އިލެކް މެދުވެރިކޮށް ފޮނުވުމުން، އެއީ އެ ކޯޓުން ރަސްމީގޮތުން ފޮނުވާފައިވާ ލިޔުމެއްކަމުގައި ބެލުން.

7. އިލެކްޓްރޯނިކްކޮށް ލިޔެކިޔުންތަކުގައި ސޮއިކުރެވެން ނެތްނަމަ، މުވައްޒަފުންނާއި ފަނޑިޔާރުންގެ ރައްކާތެރިކަމަށް ރިޢާޔަތްކޮށް، އެ ކޯޓަކުން ނުވަތަ އެސަރަހައްދުގައި ހުންނަ ކޯޓުތަކުން އިންތިޒާމްކުރާ ގޮތެއްގެ މަތިން ލިޔެކިޔުމުގައި ސޮއިކުރާނެ އިންތިޒާމް ހަމަޖެއްސުން.

8. އެ ރަށެއް ނުވަތަ އެ ސަރަހެއްދެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގެއިންބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތުގައި، އެ ކޯޓަކުން ނުވަތަ އެސަރަޙައްދުގައި ހުންނަ ކޯޓުތަކުން ކަނޑައަޅާ ގޮތެއްގެމަތިން، މީހުން ކޯޓުގެ އިމާރާތަށް ހާޒިރުނުކޮށް، ވީޑިއޯ ނުވަތަ އޯޑިއޯ ލިންކްގެ އެހީގައި ޝަރީޢަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން.

9. ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަނޑިޔާރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އަންގާ ގޮތެއްގެމަތިން، ގޭގައި މަސައްކަތްކުރުމުގެ ކަންކަން ހަމަޖެއްސުން.

10. ކޯވިޑް-19 ފެތުރުން މަދުކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިރުޝާދުދީފައިވާ ފިޔަވަޅުތައް އެޅުން.

މި އިރުޝާދުގައި ބަޔާންކޮށްފައިވަނީ، ކޯވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ހާލަތުގައި، އެރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ކޯޓުތަކުން ފޯރުކޮށްދެވޭނެ އަސާސީ ޚިދުމަތްތަކެވެ.

މި އިރުޝާދުގައި ރިސްކް ކެޓަގަރީ ކަމުގައި ބަޔާންކޮށްފައި އެވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ނުވަތަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރިސްކް ކެޓަގަރީގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށެވެ.

މި އިރުޝާދުގެ މުއްދަތަކީ މިއަދުން ފެށިގެން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށްއައިކަން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އިޢުލާންކުރުމާ ހަމައަށެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ