ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި، މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން ކަމާބެހޭ އިދާރާތަކުން އަޅުއްވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް، ސުޕްރީމް ކޯޓުން 23 ފެބުރުވަރީ 2021 ގައި ޢާންމުކޮށްފައިވާ ނަންބަރު SCPD-05/2021 "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު" އާ އެއްގޮތްވާގޮތުގެމަތީން ފިޔަވަޅުތައް އަޅުއްވައިގެން ޝަރުޢީދާއިރާއިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ.
މިގޮތުން، އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގެއިންބޭރަށް ނުކުތުން މަނާކުރެވިފައިވާ ޙާލަތްތަކުގައިވެސް، އެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލީސްތަކާއި ކާވެނީގެ މަޖިލީސްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެގޮތައް އިންތިޒާމްތައް ހަމަޖެއްސެވުމަށް ދެންނެވީމެވެ. އަދި ކޯޓަށް ހާޒިރުވެގެން ޚިދުމަތްތައް ފޯރުކޮށްދެވޭ ފަދަ ޙާލަތުގައިވާ ސަރަޙައްދުތަކުގައި އެ ރަށެއް ނުވަތަ އެ ސަރަޙައްދެއްގެ ޙާލަތާގުޅޭގޮތުން އެވަގުތަކު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް، ކޯޓަށް ހާޒިރުވެގެން ޚިދުމަތް ލިބިދެވޭނެ އިންތިޒާމުތައްހަމަޖެއްސެވުމަށާއި އަދި މައްސަލައިގެ ބާވަތުން ކޮންމެހެން ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައްވެސް އެގޮތުގެ މަތީން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.