ވަގުތުން ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ ޖިނާއީ، މަދަނީ އަދި ޢާއިލީ މައްސަލަތަކުގައި ކޯޓު އަމުރު ދޫކުރުމާބެހޭ

ރެފަރެންސް ނަންބަރު:
SCPD-02/2022
ޝާއިޢު ކުރެވުނު ތާރީޚު:
09/03/22
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

1. ކޯޓު އަމުރެއް ހޯދައިގެން މެނުވީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ނުކުރެވޭނެ ކަމަށް، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ނުވަތަ ޖިނާއީ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކަންކަމުގައި، ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން އަމުރަކަށް އެދި ހުށަހަޅައިފިނަމަ، އެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅި ތާރީޚުގައި، އެ އަމުރު ނެރުމާމެދު ކޯޓުން ގޮތެއް ނިންމަން ވާނެއެވެ. ކޯޓުގެ އިޚްތިޔާރުން ބޭރުގެ ކަމެއް ދިމާވެގެން އެ ތާރީޚުގައި އެ އަމުރު ނެރުމާމެދު ކޯޓުން ގޮތެއް ނުނިމިއްޖެނަމަ، އެންމެ ލަސްވެގެން ވިދިގެން އަންނަ ދުވަހު އެ އަމުރު ނެރުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އަދި ލަސްވި ސަބަބު ލިޔުމުން ރެކޯޑު ކުރަންވާނެއެވެ.

2. މަދަނީ އަދި ޢާއިލީ މައްސަލަތަކުގައި، ވަގުތީ އަމުރު ނެރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި، ވަގުތީ އަމުރު ނެރުމަށް އެދޭ ކަމަކީ، ޢާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ބޭނުންވާ އަސާސީ ޚިދުމަތަކާ ގުޅޭކަމެއް، ނުވަތަ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމެއްނަމަ، އެ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުން މައްސަލަ ބަލާ ސެކްޝަނަށް ލިބޭ ތާރީޚުގައި، އެ އަމުރު ނެރުމާމެދު ގޮތެއް ނިންމަންވާނެއެވެ. ފަނޑިޔާރުގެ އިޚްތިޔާރުން ބޭރުގެ ކަމެއް ދިމާވެގެން އެ ތާރީޚުގައި އެ އަމުރު ނެރުމާމެދު ގޮތެއް ނުނިމިއްޖެނަމަ، ވީއެންމެ އެ އަވަހަކަށް، އެންމެ ލަސްވެގެން ހުށަހެޅި ތާރީޚުން ފެށިގެން 72 (ހަތްދިހަ ދެއެއް) ގަޑިއިރުގެ ތެރޭގައި އެ އަމުރު ނެރުމާމެދު ގޮތެއް ނިންމަންވާނެއެވެ. އަދި ލަސްވި ސަބަބު މައްސަލައިގެ ފައިލްގައި ލިޔުމުން ރެކޯޑު ކުރަންވާނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ