ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިކަން އިޢުލާނުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/2021-SCPD ޕްރެކްޓިސް ޑައިރެކްޝަން (23 ފެބުރުވަރީ 2021) "ޢާންމު ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު" (އިޞްލާޙުތަކާއެކު) އަށް ޢަމަލުކުރުން 13 މާރިޗު 2022 ގައި ވަނީ ނިމުމަކަށް އައިސްފައެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން، އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން، ޢަދުލު އިންޞާފަށް ވާސިލުވުމުގެ މަގު ފަހިވެ، ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައި ވާކަން ފާހަގަކުރެވިފައިވާތީ، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި، އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.